ޕީޕީއެމްގެ ނައިބު ރައީސްއާއި ޕީއެންސީގެ ނައިބު ރައީސް ފުލުސް އޮފީހަށް މިރޭ ހާޟިރުކުރަނީ

ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ފުލުސް އޮފީހަށް މިރޭ ހާޟިރު ވުމަށް އަންގައިފިއެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެ ދެ ބޭފުޅުން ފުލުހުންގެ އިދާރާއަށް މިރޭ ހާޟިރުކުރަނީ މިދިޔަ މެއި މަހު 25 ވަނަ ދުވަހު ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާ އާ ގުޅިގެން ކަމަށެވެ. އަދި އެ ދެ ބޭފުޅުންނަށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.

ޕީޕީއެމް އިން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ހަދާފައިވާ ވައިބަރ ގްރޫޕުގައި ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ފުލުސް އޮފީހަށް ހާޟިރުވުމަށް އަންގާފައިވަނީ މިރޭ 9 ޖަހާއިރަށް ކަމަށެވެ. އަދި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ޙާޟިރުވާން އަންގާފައިވަނީ މިރޭ 10:30 އަށް ކަމަށެވެ.

އެ ދުވަހުގެ މުޒާހަރާއިން 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކުރިއިރު، ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު މަޖިލިސް ދެ މެމްބަރަކު ވެސް ހިމެނެއެވެ. އެދުވަހު ބަންދުކުރު މީހުންގެ ތެރެއިން ބައެއް މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެއްބައި މީހުންނަށް ތިން ދުވަސް ޖަހާފައިވެއެވެ. އަދި ބައެއް މީހުންނަށް ދެ ދުވަސް ވެސް ޖަހާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.