މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ބޮޑު މަންޒަރު ކަމާ ގުޅުންހުރި ތަޙްޤީޤީ މުއައްސާސާތަކުން ހާމަކޮށްފިއެވެ. އެމް އެމްއެމްޕީއާރުސީ ގެ ޚިޔާނާތާ ގުޅޭ މިމަޢުލޫމާތުތައް ހާމަކުރައްވައިފައި ވަނީ ފުލުހުންނާއި، އޭސީސީގެ އިތުރުން ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމެއްގައެވެ.
ބޮޑު ޚިޔާނާތާ ގުޅޭ ތަޙްޤީޤް މިއަހަރުތެރޭގައި ފެށްޓެވީ މި ތިން މުޢައްސާސާ ގުޅިގެންނެވެ. ކުރިއާ ޚިޔާލާފަށް ގުޅިގެން އެކީގައި މަސައްކަތް ކުރުމުގެ މާހައުލެއް ޤާއިމް ވެފައި އޮތުމުން ތަޙްޤީޤުކުރިއަށް ގެންދެވުމުގައި އިތުރަށް ފަސޭހަވެގެން ގޮސްފައިވާކަން މުޢައްސަސާތަކުން ހާމަކުރެއްވިއެވެ. އެގޮތުން ބޮޑު ޚިޔާނާތުން ތިލަ ނުވާ އެތައް އާކަންތަކެއް ތިލަވެ ޚިޔާނާތުގެ ފައިސާ ބެހިގެން ގޮސްފައިވާ ގޮތްވެސް ހޯދިފައިވާކަމަށް ތަޙްޤީޤީ މުއައަސަސާތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޚިޔާނާތުގައި ފައިސާ ބެހިގެންދިޔަމީހުންނަކީ ކޮބައިކަމެއް އަދި ހާމައެއް ނުކުރައްވައެވެ. ހާމަކުރެއްވީ ޚިޔާނާތް ބެހިގެން ދިޔައީ ކޮންދާއިރާތަކެއްގައި ތިބި ކިހާ މީހުންނަށް ކެމެވެ.
ތަޙްޤިޤް ކުރިއަށް ގެންދެވުނީ ޚިޔާނާތު މޭސްތިރިންނާ ވެވުނު އެއްބަސް ވުމެއްގެ ދަށުން:
ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްވެ ހުންނަވައިގެން އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންޑިރެކްޓަރާ ގުޅިގެން ހިންގި ބޮޑު ޚިޔާނާތާ ގުޅޭ ބޮޑުމަންޒަރު ސާފުވެގެން ގޮސްފައިވަނީ އެދެމީހުނާއެކު ފުލުހުންވެފައިވާ އެއްބަސް ވުމަކުންނެވެ. އެސިސްޓެންޓް ކޮމިޝަނަރ މުޙައްމަދު ރިޔާޒު ވިދާޅުވީ ކުށަށް އިޢްތިރާފުވުމާއި ތަޙްޤީޤަށް އެއްބާރުލުން ދިނުމުގެ އެއްބަސް ވުމެއްގެ ދަށުން ކުރިން ނުލިބޭ އާ އެތައް މަޢޫލާމާތުކެއް ފުލުހުންނަށް ލިބިފައިވާ ކަމުގައެވެ.
އަދީބާއިއެކު ވެވިފައިވާ އެއްބަސް ވުމުގައި، 1 ފެބުރުއަރީ 2012 އިންފެށިގެން 25 އޮކްޓޫބަރ 2015 އާހަމައަށް އޭނާ އަދާކުރެއްވި ދައުލަތުގެ މަޤާމުތަކުގައި ތުޙުމަތު ކުރެވުނު ހުރިހާ މައްސަލަތަކެއް ހިމެނޭ ގޮތަށް، އެމައްސަލަތަކުގައި ތަޙްޤީގަށް އެއްބާރުލުންދީ އަތުގައިހުރި ހުރިހާ ހެއްކާ ޤަރީނާ ޙަވާލުކުރުން ހިމެނެއެވެ.
އަދީބާއެކު ވެވިފައިވާ އެއްބަސް ވުމުގައި ހިމެނޭ މައިގަޑު ކަންތައްތައް:-
• ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާއަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންނާއި މަކަރާއި ހީލަތާއި ޓެރެރިޒަމްގެ ކުށްތަކާއި މިނޫނަސް ތުޙުމަތު ކުރެވޭ ކުށްތަކާ ބެހޭގޮތުން އެނގިހުރި ހުރިހާ މަޢުލޫމާތެއް ތެދުބަހުން ކިޔައި ދިނުމަށާއި އަދި އަދީބުގެ ބެލުމުގެ ދަށުގައިހުރި، އެމައްސަލަތަކުގެ ހުރިހާ ހެއްކާއި ޤަރީނާއާއި ލިޔެކިޔުންތަކާއި މަޢުލޫމާތުތައް ހުރިކަމަށް ބެލެވޭ އާލާތަކާއި ވަޞީލަތްތައް ހާމަކޮށް ހިއްސާ ކުރުން ހިމެނެއެވެ. އަދި އެތަކެތި ބޭނުންކުރާ ހިނދު، ޕީޖީ އާއި ޕޮލިސް އާއި ޝަރުޢީ ކޯޓްތަކާއި އަދި ޖިނާޢީ ތަޙްޤީޤްކުރާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދެމުންގެންދިއުން ވެސް ހިމެނެއެވެ.
• އިޢުތިރާފުވެ އެކަން ހިނގާދިޔަގޮތް ތަފްޞީލްކޮށް ކިޔައިދިނުމާއި އެއްވެސް އުނިއިތުރެއް އޮޅުވާލުމެއްނެތި ތަޙްޤީޤްގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުން ހިމެނެއެވެ.
• އަދީބުގެ ބާރުގެ ދަށުގައި ހުރި، މައްސަލަތަކުގެ ހުރިހާ ހެއްކާއި ޤަރީނާއާއި ލިޔެކިޔުންތަކާއި. މަޢުލޫމާތުތައް ހުރިކަމަށް ބެލެވޭ އާލާތަކާއި ވަޞީލަތްތައް ހާމަކޮށް ހިއްސާ ކުރުން ވެސް ހިމެނެއެވެ.
• ވަޒީރެއްގެ މަޤާމުގައާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބްކަމުގެ މަޤާމުގައި ހުންނެވި އިރު ލިބިފައިވާ ބާރާއި އިޚްތިޔާރު ގެ ބޭނުންކޮށް ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާއާއި މުދާ އެކި ފަރާތްތަކަށްދީ ހަދިޔާކޮށް ހޭދަކޮށް ބަހާ، ސިޔާސީ ބޭނުންތަކަށް ވަކިވަކި ޞަޚްސްތަކުގެ މަންފާއަށް ހޭދަކުރިގޮތުގެ ތަފްޞީލް ހާމަކުރުން ވެސް ހިމެނެއެވެ.
• އަދި ފައިސާދީގެން ދައުލަތުގެ އެކިމަޤާމުތަކުގައި ތިބި މީހުންލައްވާ ހިންގައިފައިވާ ޢަމަލުތަކުގެ ތަފްޞީލް ހަމަކުރުމާއި، ވަކި ކަމެއް ޙާޞީލް ކުރުމަށް ނުވަތަ ވަކިކަމެއްގެ މުޤާބިލްގައި ދައުލަތުގެ މުވައްޒަފަކަށް ވަކި މަންފާއެއް ހޯދައި ދީފައިވާނަމަ އެކަމުގެ ތަފްޞީލް ހާމަކުރުންވެސް ހިމެނެއެވެ.
• މައްސަލަތަކުގެ ތެރެއިން ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެގެން ހޯދައިފައިވާ މާލީ މަންފާތަކާއި ކޮރަޕްޝަންގެ ޢަމަލެއް ހިންގައިގެން ހޯދައިފައވާ އަދި އަދީބުގެ ބޭނުމަށް އެހެން މީހުންނާ ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ ފައިސާއާއި މާލީ އެންމެހާ މަންފާތަކުގެ ތަފްޞީލް ތަޙްޤީޤަށް ހާމަކުރުން ހިމެނެއެވެ. އެގޮތަށް ހޯދައިފައިވާ ފައިސާއިސާ ބޭނުންކޮށްގެން ހޯދައިފައިވާ އެންމެހާ އުފުލޭ އަދި ނޫފުލޭ މުދާ ދައުލަތާ ހަވާލުކުރުންވެސް ހިމެނެއެވެ.
• ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާތައް ނިމެންދެން. ޕިޖީގެ ހުއްދައާއެކު ޕީޖީ ކަނޑައަޅާ އުޞޫލަކުންނޫނީ ރާއްޖެއިން ފުރައިގެން ނުދިއުންވެސް ހިމެނެއެވެ.
• ވަކިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދެވުނު ގޮތާއި ރަސްމީ ލިޔެކިޔުންތަކުގެ ބޭރުން އިންވެސްޓަރުން އަތުން ނެގިފައިސާއާއި އެފައިސާ ހޭދަ ކުރި ގޮތާއި އެފައިސާ ނެގުމުގައި ބައިވެރިވި ފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުންވެސް ހިމެނެއެވެ.
• އެމްއެމްޕީއާރުސީ މެދުވެރިކޮށް ބޭރުފައިސާ ގަތުމުގެ ނަމުގައި ސަރުކާރު ކުންފުނިތަކުން ފައިސާ ނެގުމަށްފަހު އެފައިސާ ބޭނުންކުރިގޮތުގާއި އެކަން ހިނގިގޮތާއި ބައިވެރިވި ފަރާތްތަކުގެ ތަފްޞީލް ހާމަކުރުން ވެސް ހިމެނެއެވެ.
• ސިޔާސީ ފަރާތަތަކަށް ޙުކުމް ކުރުމަށާއީ ދައުލަތުގެ އިދާރާތަށް މެދު ވެރިކޮށް އެކިފަރާތްތަކަށް، ދައުވާކުރުމަށާއި ފިޔަވަޅު އެޅުމަށް ކުރެވުނު ކަންތައްތަކުގެ ތަފްޞީލް ހާމަކުރުންހިމެނެއެވެ.
• ދައުލަތުގެ އެކި މަޤާމުތަކުގައި ތިބި ފަރާތްތަކަށް ހަރުމުދާ ގަތުމަށާއި އިންވެސްޓްކުރުމަށާއި ގެދޮރު ޢިމާރާތްކުރުމަށް ލޯންތަކުގެ ޑައުން ޕޭމަންޓް ދެއްކުމަށް ކުރެވުނު ޚަރަދުގެ ތަފްޞީލު ހާމަކުރުންވެސް ހިމެނެއެވެ.
• ސިޔާސީ ފަރާތްތަކާއި ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނުތަކުގައު ތިބި ފަރާތްތަކާއި މިނިވަން މުޢައްސަސާ ތަކުގެ މެމްބަރުންނާއި މުވައްޒަފުންނާއި ޖުޑިޝަރީގެ ފަރާތްތަކާއި ސިފައިންނާއި ފުލުހުންނަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ދެވުނު ވަކިވަކި ހަދިޔާތަކާއި ފައިސާ އާއި ސްޕޮންސަރޝިޕްގެ ތަފްޞީލް ހާމަކުރުން ހިމެނެއެވެ.
• އެކި ފަރާތްތަކަށް، އެއްބަސް ވުމުގައި ބަޔާންކުރެވިފައިވާ ކަންތަތަކުގެ މުޤާބިލާގައި ދެވުނު ފައިސާއާއި، ޙާވާލުކުރުމަށް ކުރެވުނު މުޢާމަލާތްތަކުގެ ތަފޞީލާއި ، އެފަދަ މަންޒަރުތަކުގެ އޯޑިއޯ ވިޑިއޯ ހުރިނަމަ އެތަކެތި ޙިއްޞާކުރުމާއި އަދި މެސެޖާއި އީމެއިލް، ހެއްކާ ޤަރީނާގެ ގޮތުގައި ޙިއްޞާކުރުންވެސް ހިމެނެއެވެ.
• އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މާލީ އިދާރާތަކުން އަދާކުރި ދައުރާއި އެކަމުގައި ބައިވެރިވި ފަރާތްތަކުގެ ތަފްޞީލް ހާމަކުރުންވެސް ހިމެނެއެވެ.
• ފުޅާދާއިރާއެއްގައި މަނީ ލޯންޑްރިންގ ސްކީމެއް ހިންގިކަމުގެ ތުޙުމަތު ކުރެވޭތީ އެކަމާ ގުޅޭ ގޮތުން، އަދީބުގެ އަތުގައި ހުރި މަޢުލޫމާތު ޙިއްސާ ކުރުންވެސް ހިމެނެއެވެ.
ކޯޓަށް ދިއުމުގެ ކުރިން، 20 އަހަރުގެ ޖަލުޙުކުމަކަށް އެއްބަސްވުން!
ބޮޑު ޚިޔާނާތުގެ ތަޙްޤީޤަށް އަދީބާއެކު ދައުލަތުން ވި އެއްބަސް ވުމުގައި ވަނީ އޭނާއަށް ކުރެވޭ ތުޙުމަތަކާ ގުޅިގެން ކުރެވޭ ދަޢުވާތަކަށް އަންނާނެ ޙުކުމާމެދު ވެސް އެއްބަސް ވުމަކަށް އައިސްފައެވެ. އެސިސްޓެންޓް ކޮމިޝަނަރ މުޙައްމަދު ރިޔާޒު ވިދާޅުވީ ޙުކުމާމެދު އެއްބަސް ވުމަކަށް އާދެވުނީ، ތަޙްޤީގަށް އެއްބާރުލުންދީ އަތުގައިހުރި ހުރިހާ ހެއްކާ ޤަރީނާ ޙަވާލުކުރުމަށް އަދިބުވީ އެއްބަސް ވުމުގެ މުޤާބިލްގައި ދައުލަތުގެ ފަރާތުންވެސް އަދީބަށް ދެވޭނެ ލުއިތަކެއްގެ ގޮތުން ކަމަށެވެ. އެއްބަސް ވުމުގައި ދައުލަތުން އަދިބަށް ދެވޭ ލުއިތަކެއްގެ ގޮތުގައި، ބޮޑު ޚިޔާނާތުގައި ހިމެނޭ ރަށްތަކާއި ފަޅުތަކާ ގުޅިގެން ކުރިން އުފުލިފައިވާ ދަޢުވާތައް މުރާޖާ ކުރުމަށްފަހު އެދަޢުވާތަކާ ގުޅިގެން މިހާރު ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ހަތް ދައުވާ ގެ ގޮތުގައި، ދަޢުވާ ކުރުން ހިމެނެއެވެ. ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައެޅޭ ޙުކުމަކީ 20 އަހަރުގެ ޖަލުހުކުމެއްގެ ގޮތުގައި ދައުލަތާއި އަދީބާ ދެމެދު އެއްބަސްވެވުނުކަމަށް ވެސް އެސިސްޓެންޓް ކޮމިޝަނަރ ރިޔާޒު ވިދާޅުވިއެވެ. މިޙުކަށް އެއްބަސް ވެވިފައި ވަނީ، އެ ދަޢުވާތަކާ ކުޅިގެން އަންނާނެ ހުކުމަކީ ކުށަށް އިޢުތިރާފުމުގެ އެއްބަސްވުންކަމަށް، ވާތީކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި ދަޢުވާ ކުރުމާ ހަމައަށްވެސް ދެވިފައިވަނީ އިޢްތުރާފުގެ އެއްބަސްވުމަކާއެކުގައި ކަމަށްވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދީބާއެކު ވެވުނު އެއްބަސް ވުމުގެ ދަށުން، އެނާ ވަނީ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ. އަދީބުގެ ބެލުމުގެ ދަށުގައި ހުރި ފޯނާއި ލެޕްޓޮމާއި އީމެއިލް އަދި އެނޫންވެސް ބައެއް އެހެން ލިޔެކިޔުންތަކާއެކު ވަރަށްގިނަ މަޢުލޫމާތުތަކެއް ހެއްކާ ޤަރީނާގެ ގޮތުގައި ލިބިފައިވާކަމަށް ވެސް ފުލުހުން ހާމަކުރެއްވިއެވެ. ބޮޑުޚިޔާނާތުގެ މައްސަލައިގައި އަދީބުވަނީ 130 ޞަފްޙާގެ އިޢުތިރާފީ ބަޔާނެއް ވެސް ދެއްވައިފައިކަމަށް ފުލުހުން ހާމަކުރެއްވިއެވެ. މިބަޔާން ވަނީ ދަޢުވާތަކާއެކު ހުށަހަޅައިފައެވެ. އަދިބަށް ކުރެވޭ ދަޢުވާ ތަކުގެ ތެރޭގައި ޚިޔާނާތުގައި ބައިވެރިވުމުގެ ދެދަޢުވާ އާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެނެ ނާޖާއިޒް ފައިދާ ހޯދުމުގެ ދެ ދަޢުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެވެ.
އަދިބާއެކު ދައުލަތުން ވެވުނު އެއްބަސް ވުމުން ފައިސާ ނެގުމުގައި ޢަމަލީ ގޮތުން ބައިވެރިވި ފަރާތްތަކާއި، ފައިސާ ބެހިގެން ދިޔަ ގޮތުގެ ތަފްޞީލު ލިބިފައިވާކަމަށް އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ. މިޚިޔާނާތް ހިންގުމުގެ ވަޞީލަތެއްގެ ގޮތުގައި ބޭނުންކުރި އެސްއޯއެފްގެ ޙިއްސާދާރުންނާއި މެނޭޖްމެންޓާއި އެކުންފުނީގައި މަސައްކަތްކުރި މީހުންގެ ފޯނުތަކުގައި ހުރި މަޢުލޫމާތާއި މިފައިސާ ބެހުމުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވި ފަރާތްތަކުން ވަރަށް ގިނަ ތަފްޞީލީ މަޢުލޫމާތުތެކެއް ތަޙްޤީގަށް ލިބިފައިވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ. ވަރަށް ގިނަ ޑިޖިޓަލް އެވިޑެންސް ނުވަތަ ހެކިތަކެއް ވެސް މިހާރު ވަނީ ހޯދިފައިކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމްއެމްޕީއަރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޢަތާއެކު ވެސް އާދެވިފައި ވަނީ އަދިބާއެކު ވެވުނު ފަދަ އެއްބަސްވުމަކަށްކަމަށް އެސިސްޓެންޓް ކޮމިޝަނަރ ވިދާޅުވިއެވެ. ޒިޢަތުގެ ތަޙްޤީޤްވެސް ހިނގަމުންދާކަމަށް ވިދާޅުވިއެވެ.
ބޮޑު މަންޒަރު ސާފުވެއްޖެ، ދެންއޮތީ އިތުރަށް ތަޙްޤީޤްކޮށް ފިޔަވަޅު އެޅުން
ބޮޑު ޚިޔާނާތުގެ މޭސްތިރިންނާއެކު ވެވުނު އެއްބަސް ވުމުން މަންޒަރު މިހާރު ވަނީ ސާފްވެގެން ގޮސްފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފެށުންއައީ ޑޮލަރު ގަތުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކަކުން ފައިސާ ނެގުމާ ހަމައިންކަމަށް ތަޙްޤިޤީ މުއައްސާސާތަކުން ހާމަކުރި މަޢުލޫމާތު ތަކުން އެނގެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކެއް ކުއްޔަށް ދޫކުރަން ނިންމީ އެ ފައިސާ ދައްކާށެވެ. ކުންފުނިތަކަށް ފައިސާ ދައްކާފައިވީނަމެސް އެފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ފައިސާކަން ވަނީ ހާމަކޮށްފއެވެ. ކުންފުނިތަކާ އެކު އެއްބަސް ވުންތަކެއް ވެވިގެން ޑޮލަރުގަތުމުގެ މުޢާމަލާތައް ހިންގިފައި ވީނަމަވެސް އެއެއްބަސް ވުންތަކަކީ އެކަން ޞައްޙަ އެއްޗެއްގެ ގޮތުގައި ދެއްކުމަށް ވެވިފައިވާ އެއްބަސް ވުންތަކެއް ކަމަށްވެއެވެ.
އެމްއެމްޕީއާރުސީ އަށް ލިބެން ޖެހި ނުލިބި ދިޔަ އަދަދު ވެސް މިހާރުވަނީ ސާފްވެފައިކަމަށް ކޮރަޕްޝަން އެންޑް ސްޓޭޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ވިދާޅުވިއެވެ. އެފައިސާގެ ޢަދަދު 77 މިލިއަން ޑޮލަރަށް އަރައެވެ.
"އަޅުގަނޑުމެންނަށް ލިބެން ޖެހޭ އެއްޗެއް ނުލިބި ހިނގައްޖެ، އެ ބަޔަކީ ދޫކޮށްލަން ޖެހޭ އެއްޗެއް ނޫން. އެބައި އެބަ ޖެހޭ ހޯދަން." އަސްޢަދު ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފާރަތަކަށް ލިބިފައިވޭ- ފުލުހުން
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފާރަތަކަށް ލިބިފައިވާކަންވެސް މިއަހަރުގެ ތަޙްޤިޤުން ވަނީ ހާމަވެފައެވެ. ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރެއް ހިމެނެއެވެ. މިނިވަން މުޢައްސާސާތަކުގެ 5 މެމްބަރުންނާއި ކުރީސަރުކާރުގެ އިސްމަޤާމުގެ ތަކުގައި ތިއްބެވި 23 ފަރާތަކާއި މިހާރުގެ ސަރުކާރުގެ އިސް ހަތް ފަރާތެއް ވެސް ހިމެނެއެވެ. ކުރިއާއި މިހާރުގެ 6 ފަނޑިޔާރަކާއި ސަލާމަތީ ބާރުތަކުގެ 7 އޮފިސަރެއް ހިމެނޭ ވެސް ހިމެނެއެވެ. އޭގެތެރޭގައި ޕޮލިސްކޮމިޝަރަކާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރަކު ގިނަ ޢަދަދެއްގެ ފައިސާ ނަގައިފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ މުޙައްމަދު ރިޔާޒު ވިދާޅުވިއެވެ. ޚިޔާނާތުގެ މަންފާ ލިބުނު ފަރާތް ތަކުގެ ތެރޭގައި ނޫސްވެރިންނާއި ނޫސް މަޖައްލާތައްވެސް ހިމެނޭކަމަށް ވެސް ކޮރަޕްޝަން އެންޑް ސްޓޭޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަޙްމަދު އަސްޢަދު ފާހަގަކުރެއްވިއެވެ. ނަމަވެސް އެއްވެސް ފަރާތެއްގެ ނަމެއް ހާމައެއް ނުކުރައްވައެވެ.
މިފަދަ ބޮޑު ޚިޔާނާތެއްގައި ބައިވެރިވި ބައެއް ފަރާތްތަކުގެ ނަން ދައުލަތުގެ އެއް މުއައްސަސާއަކުން މިހާރު ވަނީ ހާމަކުރައްވައިފައެވެ. އޭގެފަހުން ދެންތިބި މީހުންނާއި ފާރާތްތައް ހާމަނުކުރުމަކީ، މިކަމުގައި އިތުރަށް ސުވާލުތަކެއް އުފެދުމަށް ލިބޭނެ ފުރުޞަތަކަށް ނޫނީ ނުވާނެއެވެ. ރައްޔިތުންގެ ފައިސާއަށް ވީ ބޮޑުޚިޔާނާތުގެ ތަޙްޤީޤުން ސާފުވާ ބޮޑު މަންޒަރު، ސާފުކޮށް ބޮޑުކޮށް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ބޮޑު ޙައްޤެކެވެ.