އަމީރާ ސުލްޠާނާގެ ނާރެސް - 13

(13 އޭޕްރީލް 2022 ގެ ބަޔާ ގުޅޭ)

އަޅުގަނޑު, ސާރާއާދިމާއަށް ބަލައިލީމެވެ. އޭނާ ދެއަތް ފަތަރާސީކޮށްލާފައި ކޮނޑު އަރުވައިލިއެވެ. އަޅުގަނޑު އަޑުއަހާފައިވާގޮތުގައި, އަޅުގަނޑުމެންގެ ތެރެއިން އަމީރާއެއްވަނީ, މިޞްރުންގެނައި އަންހެންކުދިންގެ ތެރެއިން ކުއްޖަކު, ނަގާފައެވެ. އެއީ އެއްޖިންސުން ގުޅުން ހިންގުމަށެވެ.  އެކުއްޖާއަކީ, މިޙަފުލާގައި ނަށަންގެނައި ކުދިންގެ ތެރެއިން އަޅައިގަންނަ ކަހަލަ ކުއްޖެކެވެ. އެހައި އަވަހަށް އެކަންކޮށް ނިންމައިލައިފިއެވެ. އެކުއްޖާއަށް މާލީގޮތުން ލިބުނު ނަފާގެ ބޭނުންކޮށް, ލިބުނު ލާރިއަށް ބަލައިފައި އެއްޖިންސުން ގުޅުން ހިންގުންވެސް, އެއީ މައްސަލައެއްނޫނެވެ.

ބެރުޖަހަމުން ހޯލްތެރެޔަށް އެނުކުތީ ސުޢޫދީގެ އަންހެނުންތަކެކެވެ. އެއީ, އަޅުގަނޑުމެންގެ ޝާހީޢާއިލާއަށް ތެދުވެރި ޤަބީލާއެއްގެ ބައެކެވެ. ބެރުޖަހަމުން އެނުކުތް އަންހެނުންގެ ފަހަތުން, ދޮޅަހަކަށް އަންހެންކުދިން ނުކުތެވެ. އެއީ 3 އަހަރާ 6 އަހަރާ ދެމެދުގެ ތުއްތު ކުދިންކޮޅެކެވެ. އެކުދިން ލައްވައިފައިތިބީ ފިޔާތޮށިކުލައިގެ ހެދުމެވެ. އެއާ ގުޅޭ ބޫޓާ އަދި ބޮލުގައިޖަހައިފައިވާ ދަތި ފެންނަ ފެނުމުން, ފިޔާތޮށިކުލައިގެ މަލެއް ތަޞައްވުރު ކުރެވެއެވެ. އެ ކުދިން އަޅުގަނޑުމެންގެ ކައިރިންލާފައި ދިޔައިރު, އެދުވި މީރު އަތަރުވަހަކީ, އެރެޔަށް ޚާއްޞަކުރެވިގެން ތައްޔާރުކުރެވިފައިވާ އަތަރެއްގެ ވަހެވެ. އެއީ ޝާހީޢާއިލާއަށް ނިސްބަތްވާ ތުއްތު ކުދިންކޮޅެކެވެ. އެކުދިންފެނުމުން, އެއްވެފައިތިބި އެންމެންގެ މޫނުމައްޗަށްވެސް ހިނިތުންވުންވެރިވިއެވެ. އަޅުގަނޑުމެންނަށް, ލިބިފައިވާ ހާސްކަން ކުޑައިރުކޮޅަކަށް ނަމަވެސް ފިލައިގެންދިޔައެވެ.

ވަނާތައް ފެންނަ ނުފެންނަ ގޮތަކަށް ހެދުންއަޅައިގެނތިބެ, ނަށަމުންގެންދިޔަ ކުދިންތައް މިޔުޒިކާއެއްކޮށް ބަނޑިލައްވަމުންގޮސް ސަފަކަށް އެތުރިލިއެވެ. އޭގެމާނަޔަކީ, ކައިވެނިކުރާ އަންހެންކުއްޖާ މިހާރުހުރީ އެތަނަށް އައުމުގެ މަގުމަތީގައެވެ. އިސްކޮޅުން ތަންކޮޅެއްކުރުވީމަ, ކޮރައިގެންހުރެ, އެންމެންގެ ތެރެއިން ބޯދިއްކޮށްގެން އަޅުގަނޑުވެސް ބަލަހައްޓައިގެން ހުރީމެވެ.

މުނީރާ, ވަރަށް މަޑުމަޑު ހިނގުމެއްގައި އައިސް, ހޯލުތެރެޔަށް ވަނެވެ. ހޯލަކީ ވަރަށް ދިގު ތަނަކަށްވާތީ, ވަރަށްގިނައިރު, މުނީރާ ހިނގަންޖެހެއެވެ. އޭނާލައިގެންހުރީ, މަޑުފިޔާތޮށިކުލައިގެ ކައިވެނި ހެދުމެކެވެ. އޭނާހުރީ ފިޔާތޮށިކުލަޔަކަށްދާ މޫނުބުރުގާއެއް  އަޅާފައެވެ. ބުރުގާއަށް އެޅިފައިހުރި އަލިން ފައުޅުވާ ވިދުން, ހޯލުގެ ބިތްތަކަށް ވާޞިލްވުމުން ޖާދުވީ އަސަރެއް އުފައްދައެވެ. މުނީރާލައިގެންހުރި ކައިވެނި ހެދުމަކީ ބަރު އެއްޗެކެވެ. ހެދުމުގެ ފަސްބައިން ދެމެމުން އަންނަބައި އުފުއްލައިގެން މުނީރާއާއެކު މަޑުމަޑުން ހިނގަމުން އެއަންނަނީ, ޝާހީޢާއިލާގެ ކުދިންކޮޅެކެވެ. އެއީ މުނީރާގެވެސް ކޮއްކޮއިންނެވެ. އެކުދިންގެ ޢުމުރަކީ 13 އަހަރާ 19 އަހަރާ ދެމެދެވެ. އެކުދިންލައިގެންތިބީ އޮރެންޖްކުލައިގެ ހެދުމެކެވެ. އެއީ ހަމަގައިމުވެސް އެކުދިންގެ އިޚްތިޔާރުގައި ނެގިފައިވާ ކުލައެއްނޫނެވެ.

ވަކިގޮތެއްނުބަލައި މާމެލާމެލި އަތުރައި, ވަކި ހަމައެއްނެތި ހެދުންތައް ލެވިގެން, ބޭއްވޭ މިޙަފުލާއަކީ, އަޅުގަނޑުގެ ޙަޔާތުގައިވެސް ބައިވެރިވި އެންމެ ފޫހި ޙަފްލާއެވެ. ހާދީއާއި މުނީރާއާ ނުގުޅޭގޮތަށް, މިޙަފުލާގެ ހަމައެއްވެސްކަމެއް ގުޅިފައެއް ނެތެވެ. ސާރާއާއި އަޅުގަނޑާ ދެބެން, ވަށްކަޅިން ލޮލުން މެސެޖްތަކެއް ބަދަލުކުރީމެވެ. ސާރާވެސް އެވިސްނަނީ ހަމަ އަޅުގަނޑުވެސް މިވިސްނާ ވިސްނުންކަން ޔަޤީނެވެ.

މުނީރާ ކުރިމަތިންދިޔަވަގުތު, އޭނާގެ މޫނަށް އަޅުގަނޑު ނަޒަރުހިންގައިލީމެވެ. ލޮލުގައި އެއްވެސް ދިރުމެއްނެތެވެ. ގަބުވެފައި ހުރެ އެއްވެސް ފަރާތަކަށް ކަޅި ނުއެއްލައި ހަމައެކަނި ކުރިމަތި ބަލަހައްޓައިގެންހުރެ މުނީރާ ހިނގައްޖެއެވެ. މުނީރާގެ ޙަޔާތުގައި, މަރުވަންދެންވެސް ހުންނަންޖެހޭނީ އެގަބުކަންމަތީގައިކަން ކަށަވަރެވެ. މުނީރާގޮސް, އަންހެންކުއްޖާ އިށީނުމަށް ޚާއްޞަކުރެވިފައިވާ ތަނުގައި, އިށީނދެއްޖެއެވެ. ހީވަނީ ބުދެއް ބައިންދާފައި އިންހެންނެވެ. ދެންއޮތީ ކައިވެނިވާ ފިރިހެންމީހާ އެހޯލަށް އައުމެވެ.

ބަރުއަޑަކުން ވާހަކަދައްކަމުން އަންނަ ބައެއްގެ ވާހަކަތަކުން ހޯލުތެރޭގެ ހަމަހިމޭންކަން ކަނޑުވައިލިއެވެ. އެއީ ހާދީ އެވެ. ހާދީއައީ އޭނާގެ ބޭބެއަކާ އެކުގައެވެ. ދިޔަގޮތަށްގޮސް, ކުރެވޭނެކަމެއްނެތް މުނީރާ އާއި އެއްމޭޒުގައި އިށީނެވެ. އޭގެފަހަތުން ޢަލީއާއި, ތުނބުޅިލާފައިހުރި މައުޛޫނު އައިތަން ފެނުނެވެ. މުނީރާ އިރު އިރުކޮޅާ ހާދީއާ ދިމާއަށް ބަލައިލައެވެ. އެކުއްޖާ ފަކީރުގެ ވޭނީ އެބަލައިލުމުގައިވަނީ ކެކުކުޅުމެވެ. އެހީއަކަށްއެދި ގޮވައިލެވޭނެ މީހެއްނެތްހިނދު, އެކަމަށް އެދި އަތްދިއްކޮށްލެވޭނީ ބައްޕައާ ދިމާއަށެވެ. އެހެނަސް, އެބައްޕައަކީ, ކިހާ ނުބައިނުލަފާ އަދި ރަޙުމެއްނެތް އިނސާނެއްކަން އެނގޭވަރަށްވުރެ މުނީރާ ޅައެވެ. ބައްޕައާ ދިމާއަށް މުނީރާއަށް އެބަލައިލެވެނީ ސަލާމަތްކޮށްދޭށޭ ކިޔާފައެވެ. މުނީރާއަށް, ތައްމާމުގެ ފަރާތުން ދަސްކޮށްދެވިފައިހުރި އަދަބު ތަޢުޟީމަށްބަލާއިރު, އެއީ ކިޔަމަންތެރި ކުއްޖެކެވެ. އަދި ކުރިމަތިވެފައިވާ މިމުޞީބާތުގައި އެއީ ކޮންމެ މީހެއްކަމަށްވީނަމަވެސް, އެމީހަކަށް އޭނާ ކިޔަމަންތެރިކަން އަދާކުރާނެއެވެ. އެއީ ބައްޕަ ކަމަށްވިޔަސް އަދި ހާދީކަމަށްވިޔަސް މެއެވެ.

ކައިވެނީގެ ރަސްމިއްޔާތު ފެށުމުގެ ވަގުތު ކުޑަތަންވީ ވަގުތުވެސް, ހާދީ މުނީރާއާ ދިމާލަށް ބަލައެއް ނުލައެވެ. އޭގެބަދަލުގައި, ވޮށިމަސްމިޔަރު މަސްބުރިއާ ދިމާއަށް ބަލަހައްޓައިގެން އޮންނަހެން, އެތާތިބި ޝާހީ އަންހެނުންތަކާ ދިމާއަށް ފެންބޮވައިގެންފައިހުރި ގޮތަކަށް, ހާދީ ބަލަމުން ގެންދެއެވެ. ނަށަން މިޞްރުންގެނައި ކުދިންނާދިމާއަށްވެސް އެހާވަރަށް ބަލައެވެ. އެއީ, ހާދީއަށް, އެހައިގިނަ އަންހެނުންތަކަކާ ދިމާއަށް އެއްފަހަރާ ބަލައިލުމުގެ ނަސީބު ލިބުނު ވަގުތެވެ. ހިތް ކާފަރު ކޮށްކޮށްފައި ފަހަރަކު މީހަކާދިމާއަށް, ހާދީ ބަލަމުންގެންދެއެވެ. މުނީރާއަށްވެސް އެކަން މިހާރު އޮންނާނީ ނޯޓިސް ކުރެވިފައެވެ. ހާދީގެ ހުއްޓުމެއްނެތް ވަޙުޝީ ބެލުންތަކަށް, ކުދިކިޔަމުން, އަންހެންވެރިންގެ ފަރާތުން ލިބެނީ މާލާމާތުގެ ހިނިތުންވުމެކެވެ. ސާރާ, އަޅުގަނޑުގެ އަތުގައި ބާރަށް ހިފާލިއެވެ. އަޅުގަނޑުގެ އަތުގައި ސާރާ ހިފައިފާހުރިތަން ހުދުވެގެން ދިޔައެވެ. ސާރާގެ އަތްފޮޅާލައިފާ, ހާދީއާ ދިމާއަށް ދުއްވައިގެންފާނެކަމަށް ސާރާ ހީކުރާނެއެވެ. އަދި އަޅުގަނޑުގެ ގައިގަހުރިބާރެއްލާފައި ހާދީގެ ގައިގާ ތަޅައިގަންނާނެކަމަށް ސާރާ ހީކުރާނެއެވެ. އިތުރަށް ގޯސްވެގެންދާނެކަމެއް އެމާޙައުލަކު ނެތެވެ. ހާދީ ކާފަރުގޮތަކަށް އަޅުގަނޑާދިމާއަށް އެންމެ ފަހަރަކު ބަލައިލިނަމަވެސް, އޭނާގެ މޫނުމަތީ ތަފާލެއް އަޅާނެކަން އަޅުގަނޑު މިހުރީ, އަޅުގަނޑުގެ އަމިއްލަ ނަފްސަށް ޔަޤީންކޮށްގެންނެވެ. އަދި ޝާހީޢާއިލާއިން އެތަނުގައި އެއްވެތިބި އެންމެހައި އަމީރާއިންނާއި ރަސްމަތިފުށުގެ އެންމެންގެ ކުރިމަތީގައި ހާދީ ބޭޒާރުކޮށްލާނަމެވެ. އަދި, ހާދީއާ ބެހޭގޮތުން އަޅުގަނޑަށް އެނގޭ ހުރިހައި އެއްޗެއް ފައުޅުކޮށްލާނަމެވެ.

ހާދީ އެތަނަށް ވަނުމާއެކު, އިޖްތިމާޢީ އެއްވުމެއްގެ އިޙްސާސުން ތަނަށްލިބިފައިވާ ނާޒުކުކަން ގެއްލިގެންދިޔައެވެ. އޭނާ ކުރިޔަށްދިޔަގޮތަށް މުނީރާއާ ދިމާއަށް މިޞްރާބުޖެހިއެވެ. ވަށައިގެން އެއްވެފައިތިބި އަންހެންވެރިންނާ ދިމާއަށް އެހައިބޮޑަކަށް މިފަހަރަކު ނުބަލައެވެ. މިޞްރުގެ ދަތުރުގެ ފަހުން, ހާދީއާ ސުލްޠާނާއާ ދިމާވެފައެއް ނުވެއެވެ. ދަތުރަށްފަހު, ހާދީގެ ހަށިގަނޑަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެހެންނަމަވެސް, ނުބައި ނުލަފާ ޢަމަލުތަކަށް އާދަވެފައިތިބޭ މީހުންގެ ސިފަ ހުތުރުވެގެންދާނެއެވެ.

ކުއްލިގޮތަކަށް, ވޭނުންފުރިގެންވާ ހިތާމައިގެ އިޙްސާސެއް އަޅުގަނޑުގެ ސިކުނޑީގައި ދައުރުވެގެންދިޔައެވެ. އަޅުގަނޑުމެންގެ ޅަޒުވާން އަންހެންކުދިންނަށް މަޖްބޫރުކުރެވިގެން އެދަނީ, އެބައިމީހުންގެ ޖާނާއި މާލު, ޅަޔަސް އަދި މުސްކުޅިޔަސް އެކުއްޖަކާޖެހޭ ފިރިހެނަކަށް ޤުރުބާންކުރުމަށެވެ. އަޅުގަނޑުގެ ލޮލުން ފައިބަން ތައްޔާރުވި ކަރުނަތައް ހިފަހައްޓައިލީމެވެ. ހާދީމެންފަދަ އަންހެނުންހިތި އަދި ވަޙުޝީ ފިރިހެނުންގެ ނަޞީބު ހަމަ ރަނގަޅީއެވެ.

ހާދީ މަވެފައިހުރެ ހިނގަމުންގޮސް, މުނީރާމެންތިބި މާޒުދޮށަށް ހިނގައްޖެއެވެ. ޢަލީއާ ދިމާއަށް އަޅުގަނޑު ބަލައިލީމެވެ. މުނީރާއަށް ވަލީދީ, މުނީރާގެ ފަރާތުން ކުރަންޖެހޭ ކަންކަމަށް ތައްޔާރުވެގެން, މުނީރާމެންތިބި ފަރާތުގައި ޢަލީވެސް ހުއްޓެވެ. ޢަލީ އަކީ އޭނާ އެކުޅަ އަނިޔާވެރި ޢަމަލާގުޅިގެން, ކުޑައިރުކޮޅަކަށް, އަޅުގަނޑާ އެއްލޭ ހިނގާ ބޭބެއެއްކަން ހަނދާން ނައްތައިލީމެވެ.

މިހަފުތާގެ ކުރީކޮޅު, ކައިވެނީގެ ރަސްމީ ހަފްލާވަނީ ބޭއްވިފައެވެ. އެހަފްލާގައި އަންހެންކުއްޖާގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި އޭނާގެ ވާރިސުންނެވެ. އެހެންނަމަވެސް, ކައިވެނިވާ ދެމީހުން އެންމެންގެ ޙާޟިރުގައި އެއްތަނެއްނުވާނެއެވެ. މިޙަފްލާއަކީ ހަމައެކަނި ކައިވެނީގެ ރަސްމިއްޔާތު ފާހަގަކުރަން ބޭއްވޭ ޙަފްލާއެކެވެ.

އަޅުގަނޑާ އަދި ސާރާއާ ދެބެން, ކައިވެނިވާ ދެމީހުންތިބިތަނަށްގޮސް, ޝާހީ އެހެން މެންބަރުންނާއެކު, އެމީހުންނަށް މަރުޙަބާކިޔުމަށް, ނޫރާ ވަރަށް ބާރުއެޅިއެވެ. އެކަމަކު އަޅުގަނޑުމެންނަކަށް އެކަންކުރުމަށް ހިތްވަރެއް ނުލިބުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.