އަމީރާ ސުލްޠާނާގެ ނާރެސް - 31

(1 މެއި 2022 ގެ ބަޔާ ގުޅޭ)

އަޅުގަނޑުމެންނަށް ފަޟްލުގެ ގަނޑުވަރަށް ދެވިއްޖެއެވެ.

"އަހަރެމެން ޚާލިދާއާ ބައްދަލުކުރާނީ ބޭރުގައެވެ. އަހުގެ ނިޝާން ފެންނަން އެހެރަ ތަނަށް އަހަރެމެން ބާލާށެވެ. އަދި ބޭރު ގޭޓް ކައިރީ, އަހަރެން ގުޅަންދެން މަޑުކޮށްލާށެވެ." އަސްގެންގުޅޭ ސަރަޙައްދަށް ދެވޭގޮތަށް މަގުދައްކައިދީފައިވާ ނިޝާނަށް އިޝާރާތް ކުރަމުން އަޅުގަނޑު ބުނީމެވެ. އަޅުގަނޑުއަތުގައިވެސް އަދި ޑްރައިވަރު އަތުގައިވެސް މޯބައިލް ފޯނު އޮންނާނެއެވެ. ޑްރައިވަރު ގާތު ބުނިގޮތަށް އޭނާ ހަދައިފިއެވެ. އެކަމަކު, އޭނާގެ މޫނުމައްޗަށް އެއައިބަދަލުން, އެތައް ސުއާލުތަކެއް އުފެދިއްޖެކަން އެނގުނެވެ.

އަޅުގަނޑުގެ ޕްލޭނަކީ, އެހުރިހާ އަންހެންކުދިންގެ ނަމާއި އެޑްރެސް އަދި އެކުދިންގެ ބެލެނިވެރިންގެ ނަމާއި ފޯނުނަންބަރު ނޯޓުކުރުމަށްފަހު, އެކުދިންގެ ބެލެނިވެރިންނާ ގުޅުމެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި, އޭރަށް, އެކުދިންގެ ބެލެނިވެރިން, އެކުއްޖެއްގެ ޤައުމުގެ އެމްބަސީ މެދުވެރިކޮށް, އެކުދިންގެ އަމިއްލަ ޤައުމަށް ދެވޭނެމަގު ފަހިވާނެއެވެ. ކުރިމަތީ އޮތް ބޮޑުމަގުންލާފައި އަޅުގަނޑާ އަދި މަހާ ހިނގާފައިދިޔައީ ވަރަށް މަޑުން, އަޑެއް ބަޑެއް ނީއްވައެވެ. މިކުރެވެނީ ކިހާވަރެއްގެ ނުރައްކައުތެރިކަމެއްކަން އަޅުގަނޑުމެން ދެމައިންނަށްވެސް އެނގެއެވެ. އަދި މިކަމެއް މިކުރެވެނީ ކަރީމަށް އެއްވެސް ވަރަކަށް އެނގުމަކާވެސް ނުލައެވެ.

މާގިނައިރެއްނުވެ, އެބުނާ ގަނޑުވަރުގެ ދޮރުމައްޗަށް ދެވިއްޖެއެވެ. ކުރިމަތީ ހުއްޓިލައިގެން ހުރެ ވިސްނައިލީމެވެ. އެތަން އެހުރީ މަހާކިޔައިދިން ގޮތަށެވެ. އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު, އެގަނޑުވަރަކީ, އެހެންހުރިހައި ތަނަކަށްވުރެ އެއްކަމެއް  ތަފާތު ތަނެކެވެ. އެއީ އެތާނގެ ކުޑަދޮރުތަކެވެ. އެބަދު ފާހަގަވަނީ ހަމައެކަނި އެތަނުންނެވެ. އެތަނުގެ ކުޑަދޮރުތަކުގެބޭރުގައި ވަނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އެޅިފައެވެ.

"މިތަނަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟ މިތަން ހުންނާނީ ސަލާމަތީގޮތުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ." އަޅުގަނޑު ވައިއަޑުން މަހާއާ މުޚާތަބުކޮށް ބުނީމެވެ.

"ދޮރުހުރީ ހުޅުވާފައެވެ." މަހާ އަޅުގަނޑަށް ކަށަވަރުކޮށްދިނެވެ. އަދި ދެމައިން ވަރަށް ބަލައިގެން އެތެރެޔަށް ވަދެއްޖައިމެވެ. އެކުދިން މިތަނުން ފިލައިގެން ނުގޮސް އެތިބީ ކީއްވެތޯ އަޅުގަނޑު ސުއާލު ކުރީމެވެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި, އެތައްކުދިންނެއް އެގޮތަށް އެކިތަންތަނުން ފިލައިގެން ދެއެވެ. އެކަމަކު ޕާސްޕޯޓާ އަދި ޤާނޫނީ ލިޔުންތައް ނުލައެވެ. އެތަކެއްޗަކީ, އެކުދިން ސުޢޫދީއަށް ގެންނަ އެޖެންޓުންގެ އަތުގައި ހުންނަ އެއްޗެކެވެ. އެއީ ކުދިން ފިލައިގެންދާތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އެގޮތަށް ފިލައިގެން  ހިނގައްޖެނަމަ, އަތުޖެހުމުން ކަސްތަޅުގައި ތިބޭއިރު އެލިބޭ އަނިޔާއަށްވުރެ އެތައްގުނައެއް އިތުރު އަނިޔާ ލިބޭނެއެވެ.

ބިދޭސީންކަމަށްވިޔަސް އަދި ރަށުމީހުންކަމަށްވިޔަސް, ސުޢޫދީގައި ދިރިއުޅޭ އަންހެންކުދިންނަށް, ލިބޭ ޖިންސީ އަނިޔާގެ ވާހަކަ ދެއްކުމުން ބަދަލުގައި  ސަރުކާރުން އަޅާފިޔަވަޅުތަކުގެ ސަބަބުން, އެކަހަލަ މައްސަލައެއްކުރިމަތިވާ ކުދިންނަށް އެހީތެރިވުމަށް, އެންމެންވެސް ބިރުގަނެއެވެ. އެހެންނަމަވެސް, ކޮންމެގޮތެއްވިޔަސް ހެޔޮކަމަށްބަލައި, މަދުބަޔަކު އެނުރައްކަލާ ކުރިމަތިލައެވެ. ޢާންމުގޮތެއްގައި, ސުޢޫދީގެ ކަޅުފަރާތް ބޭޒާރުކޮށް ހާމަކުރާ ޖެހިލުންކުޑަ މީހުންނަށް, އަޅުގަނޑުގެ ޝާހީ ޢާއިލާގެ މެނބަރުންގެ ފަރާތުން ލިބޭ އަނިޔާއާއި އަދަބަކީ, އެންމެންނަށް އެނގޭ ބޮޑު ސިއްރެކެވެ.

ގަސްތަކުތެރެއިން ކުއްލިގޮތަކަށް މީހަކު ފުންމައިގެން ނުކުތެވެ. އަޅުގަނޑުމެނގެ ކުރިމައްޗަށެވެ. އޭނާއަކީ ވަރަށް އާދައިގެ ގޮތަކަށްހުރި ކުރު މީހެކެވެ. ދެމައިންނަށްވެސް ބިރުންގޮސް ހަޅޭއްލަވައިގަނެވުނެވެ. ނޭވާތާށިވިއެވެ. އެހެންނަމަވެސް, އަނގަޔަކުން ނުބުނެވުނެވެ. ކުރިމަތީގައިހުރި އާދަޔާ ޚިލާފު އިންސާނާ ފެނިފައި ބަސް ހުއްޓުނެވެ. އެއީ އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި, އަޅުގަނޑުދުށް އެންމެ ޤަދީމީ އިންސާނާއެވެ. ސިފަވެސް އުފެދިހުރިގޮތްވެސް ކުލަޔާއި އިސްކޮޅުވެސް އާދަޔާޚިލާފަށް ތަފާތެވެ.

“ސާހިބު ކަމަނާއެވެ! އަޅުގަނޑު ކޮށްދޭންވީ ކޮންކަމެއްތޯއެވެ؟" އެމީހާ ސުއާލުކުރިއެވެ. އޭނާގެ އަޑުބާރުވެފައި ބަރެވެ. އަޅުގަނޑަށް އޭނާގެ ލޮލަށް ބަލައިލެވުނެވެ. އޭނާގެ ލޮލުގެ މުޅިކުލައިގެ ކަޅިއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ.

"ސާހިބު ކަމަނާއެވެ!" އޭނާގެ ކަޅުއަތް އަޅުގަނޑާދިމާއަށް ހޫރައިލިއެވެ. އޭނާގެ އަތުގެ ހުރިހައި އިނގިއްޔެއްގައިވެސް ވަނީ އަގޮނޓި އަޅާފައެވެ. ތިއީ ކާކުތޯ އަޅުގަނޑު އަހައިލީމެވެ.

"އަޅުގަނޑަށް ކިޔަނީ ޢުމަރެވެ. ސޫދާނުގެ ޢުމަރެވެ." އަޅުގަނޑަށް އަނެއްކާވެސް ބަލައިލެވުނެވެ. އަދި އެއްކަމެއް ފާހަގަކުރެވުނެވެ. އެއީ އަޅުގަނޑެކޭ އެއްގޮތަށް އޭނާގެ މޫނުގައިވެސް އިސްތަށްޓެއް ނެތްކަމެވެ. ކުއްލިޔަކަށް އަޅުގަނޑުގެ ވިސްނުމަށް އައީ ވަރަށް ތާފާތު ކަމެކެވެ. އަޅުގަނޑަށް ބަލަހައްޓައިގެން މިހުރެވެނީ ޚުންސާއަކާދިމާއަށް ނޫންބާވައޭ ހިތަށް އެރިއެވެ. ޚުންސާއިންނަކީ ފިރިހެނަކަށްވެސް ނުވާ އަދި އަންހެނަނަކަށްވެސް ނުވާ ބަޔެކެވެ. ކުރީގެ ދުވަސްވަރު, ޙަރަމްފުޅުގައި ޚާދިމުންގެގޮތުގައި މަސައްކަތް ކުރުމަށް, ދުނިޔޭގެ އެތަންމިޔަނުން ޚުންސާއިން ގެނެވިފައި ވެއެވ. އެހެންނަމަވެސް, މިހާރުވަނީ އެކަން އުވި ގޮސްފައެވެ. ސުޢޫދީ ޢަރަބިއްޔާގައި މިހާރަކު ޚުންސާއިންނެއް ނުތިބޭނެއެވެ. އެއެންމެން މިހާރުވާނީ މަރުވެގޮސްފައެވެ.

ދާދި މިދާކަށްދުވަހާ ޖެހެންދެން ސުޢޫދީ ޢަރަބިއްޔާގައި ގިނަޢަދަދަކަށް ޚުންސާއިން އުޅުނެވެ. އަދި އެމީހުން ޚާދިމުންގެ ގޮތުގައި ގެންގުޅުމަކީ ދީން ހުއްދަކުރާ ކަމެކެވެ. މައްކާގެ ޙަރަމްފުޅާއި މަދީނާގެ މަސްޖިދުއްނަބަވީގެ ދޮރުން މީސްތަކުން ވަންނަން އަންނައިރު, އަންހެނުންނާއި ފިރިހެނުން ބައިކޮށް ސަފުތަކަށް މަގުދައްކައިދިނުމަކީ, ޚުންސާއިން ކުރަމުން އަންނަ ކަމެކެވެ. މިހާރު އަޅުގަނޑަށް ބަލަހައްޓައިގެން މިހުރެވެނީ އޭގެ ޚުންސާއަކާދިމާއަށެވެ. ދުވަސްވުމުން މޫނުގެސިފަވަނީ ހުތުރު ވެފައެވެ. އިސްކޮޅުންކުރުވެފައި ކަޅުވުމުން އެތައް ޢައިބެއްދައްކައެވެ. އަޅުގަނޑަށް މިތާނގައި މިމީހާގެ ވާޖިބުގެ މަތިން ވިސްނައިލެވުނެވެ. ގައިމުވެސް މީނާވާނީ ގަނޑުވަރު ބަލަހައްޓާ މީހާއަށެވެ. ޚާއްޞަކޮށް އަންހެންކުދިން ބަންދުކޮށްފައިހުރި ތަނެވެ.

"މަށަށް ހީވަނީ ފަޟްލުގެ ގަނޑުވަރުތައް ބެލެހެއްޓުމަކީ ކަލޭގެކަމެއް ހެންނެވެ.؟” އަޅުގަނޑު އޭނާއާ ސުއާލުކޮށްލީމެވެ.

"ނޫނެކެވެ. ސާހިބުކަމަނާއެވެ! އަޅުގަނޑު ބަލަހައްޓަނީ އަމިއްލަ އިޚްތިޔާރުގައި ބަންދުކޮށްފައިތިބޭ މީހުންނެވެ. އެހެންކަމެއް ނުކުރަމެވެ." ދެއަތް ދެއަތަށް ޖަހައިލަމުން އެމީހާ ބުންޏެވެ. އޭނާގެ ހަށިގަނޑަށް ބަލައިލުމުންވެސް މާގިނަކަންކަމެއް އޭނާއަށް ކުރެވިދާނެކަމަކަށް ނުބެލެވެއެވެ. އަނެއްކާވެސް އެމީހާގެ އަޑު އައެވެ.

"ފަޟްލުގެ ބައްޕައަކީ އަޅުގަނޑުގެ ކުރީގެ ވެރިމީހާއެވެ. ފަޟްލުގެ ދީލަތިކަމުން މިތަނުގައި އަޅުގަނޑު އުޅެން އޮންނަނީ ހުއްދަ ދީފައެވެ." މަހާ އަޅުގަނޑުގެ އަތުގައި ހިފާ ފިއްތާލިއެވެ. އަދި އަވަސްކުރާށޭ ވެސް ބުނެލިއެވެ.

ސޫދާނުން އައިސްހުރި މި ޢުމަރު މިތަނުން ފެނުމާގުޅިގެން އަޅުގަނޑުމެން ކުރަންއައި ކަންތަކަށްވެސް މިވަނީ ހިޔަނިއެޅިފައެވެ. މިމީހާ އާ ކުރަން އަޅުގަނޑު ބޭނުންވާ އެތައް ސުއާލެއް އެބަހުއްޓެވެ. ފަޟްލަށް ފެނުމުގެ ކުރިން އެ އަންހެންކުދިންތަކާ ބައްދަލުވުން އަދި ވަކިން މުހިންމެވެ. އަޅުގަނޑުމެން ހުއްދަނުހޯދާ މިގެޔަށް ވަދެގެން އުޅޭވާހަކަ, މިމީހާގޮސް ފަޟްލާއަދި ޚާލިދާގާތު ނުބުނޭތޯ އަޅުގަނޑު މިހުންނަނީ ދުޢާ ކޮށްކޮށެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.