(25 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކަލޭ އެތަނަށް ހިނގައްޖެނަމަ ޑާގަރްގެ އޮގަނައިޒޭޝަންއެކުގައި ކަލެއަށް ނިންމާލެވިދާނެ. ނަމަވެސް ޝަރުތަކީ އަހަރެން ދޫކޮށްލުން..."
"ރަނގަޅު އެޑްރެސް ބުނެދީފިނަމަ ހަމަ ވަގުތުން ދޫކޮށްލާނަން..." އިންދަރްޖީތު ބުންޏެވެ.
އަގަރްވާލް އިންދަރްޖީތު ގާތުގައި އެޑްރެހެއް ބުނެފިއެވެ. އެއީ ޕެހެލްގާމްއާ ވަރަށް ދުރު، އައްޗާބަލްއާ ކައިރި ހިސާބެއްގެ އެޑްރެހެކެވެ. އިންދަރްޖީތު އެ އެޑްރެސް ނޯޓްކޮށްލިއެވެ. ނަމަވެސް ހަމައެވަގުތު ޑޮރޮތީވެސް ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވެގެން އުޅޭގޮތް ދައްކާލައިފިއެވެ. އިންދަރްޖީތު އޭނާގެ އަނގައިން ވެސް ފޮތިތައް ނެރެފިއެވެ.
"އޭނާ އެބުނަނީ ދޮގެއް." ޑޮރޮތީ ހަޅޭއްލަވައިގަތެވެ. "ރަނގަޅު އެޑްރެސް އަހަރެންގެ އަތުގައި އެބައޮތް.."
އިންދަރްޖީތު ދެމީހުންނާ ދިމާއަށް ބަލާލާފައި ބުންޏެވެ. "އެންމެ ރަނގަޅު … ކަލޭވެސް ބުނޭ...." އޭނާ ޑޮރޮތީ ބުނި އެޑްރެސް ވެސް ނޯޓްކޮށްލައިފިއެވެ. އިންދަރްޖީތު ޑޮރޮތީގެ އެޑްރެހެއް ވެސް ޤަބޫލެއް ނުކުރެއެވެ. ނަމަވެސް އެއިން އެހެން އެއްޗެއް އެނގިއްޖެއެވެ. ޑޮރޮތީއާއި އަގަރްވާލްއާ ދެމެދު ގުޅުމެއް ނެތްކަމެވެ. ދެ މީހުން އަތުންލިބުނު އެޑްރެސް ނޯޓްކުރި ކަރުދާސްކޮޅު ޖީބަށްލަމުން އިންދަރްޖީތު އެ ދެ މީހުންނާ މުޚާޠަބްކޮށް ބުންޏެވެ. "އަދި ކަލޭމެން ދޫކޮށްލުމުގެ ވަގުތެއް ނުޖެހޭ... މި ދެ އެޑްރެހުން ރަނގަޅުވާ އެޑްރެހެއް ބުނެފައިވާ މީހަކު ދޫކޮށްލާނަން. އަދި މިސް ޑޮރޮތީ! އަހަރެން ކަލެއާ ވަރަށް ގިނަ ސުވާލުތަކެއް ކުރަން އެބައޮތް.. ނަމަވެސް މިހާރު އެކަމަށްޓަކައި އަހަރެންނަށް ވަގުތެއް ނެތް..."
އިންދަރްޖީތު އަގަރްވާލްގެ ގަމީހާއި ފަޓްލޫނުގެ ޖީބާއި އެހެންތަންތަން ބަލައި ފާސްކޮށްލިއެވެ. ކުރިއށްވުރެވެސް ރަނގަޅަށް އޭނާ ބަނދެފައި، ޑޮރޮތީވެސް އިހަށްވުރެ ބޮޑަށް ބަނދެލިއެވެ. އޭނާ އެކަންތައް ކުރަމުން ދިޔައިރު ޑޮރޮތީ އާއި އަގަރްވާލް އެކަކު އަނެކަކަށް އެއްޗެތި ގޮވާ ހުތުރުބަހުން އެއްޗެތި ކިޔާ ހަދަމުން ގެންދިޔައެވެ. ދެމީހުން ރަނގަޅަށް ބަނުމަށްފަހު އަނެއްކާވެސް ދެމީހުންގެ އަނގަޔަށް ބާރުވަންދެން ފޮތި ގަންނަވާފައި އިންދަރްޖީތު ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. އަދި ކޮޓަރީގެ ބޭރުން ތަޅު އަޅުވާލިއެވެ.
އެރޭގެ ފަތިހު ފަހެއްޖަހާ އިރަށް އިންދަރްޖީތު އޭޖެންޓް އޯ.ޕީއާ ބައްދަލުކުރަން ޖެހެއެވެ. އެވަގުތު އޭނާ އެރޭ އިރާކޮޅު ޓޫރިސްޓް ބަންގްލޯގެ ހަރުފަތްތަކުގެ މަތީން އޭޖެންޓް އޭނާއާ ދިމާވެގެން ދީފައިވާ ކުޑަ ޕެކެޓް ޖީބުން ނަގާފައި ބަލާލިއެވެ. އޭނާއާ ބައްދަލުވާންވީ އެޑްރެސް އޭގައި ސާފުކޮށް ލިޔެފައި އޮތެވެ. އަތުކުރީގެ ގަޑި ބަލާލިއިރު ފަހެއް ޖަހަން ވަރަށް ކައިރިވެއްޖެއެވެ. އެހެން ކަމުން އޭނާ އަވަސްވެގަތީ އެޖެންޓާ ބައްދަލުވުމަށް އެތަނަށް ދިޔުމަށެވެ.
އިންދަރްޖީތު ޖީޕް މިހާރު ދަތުރުކުރަމުން ދަނީ ޝިކާރްގާހްއާ ދިމާއަށެވެ. އޭނާގެ އެޖެންޓް ދީފައިވާ އެޑްރެހަށް ދެ ފަހަރަކު ބަލާލިއެވެ. އަދި ޖީޕް ހުއްޓާލާފައި އެއްފަރާތެއްގައި ބޭއްވުމަށްފަހު ހިނގާލާފައިގޮސް ކުރިމަތީގައި ހުރި ފައްޅިއެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. ރޭގަނޑު އަދިވެސް މުޅީން ނުނިމެއެވެ. ފަތިހު ފަހެއް ޖަހާއިރަކީ ވަރަށް ގިނަ މީހުން އެންމެ ފޮނިކޮށް ނިދާވަގުތެވެ. އެހާފަތިހު ހޭލުމަކީ ބައެއްމީހުން ދެކޭގޮތުގައި އަމިއްލައަށް ލިބިގަނެވޭނެ އަދަބެކެވެ. ނަމަވެސް އިންދަރްޖީތުގެ ހިތަށް އެހެނެއް ނާރައެވެ. ހިތަށްއަރާނީ ވެސް ކިހިނެތްތޯއެވެ. ރޭ ހަތަރުދަމު ވެސް އޭނާގެ މިއުޅުނީ ނުނިދައެވެ. އަދި ރޭގަނޑުގެ ހުރިހާ ވަގުތެއް މިދަނީ ކަމަކަށް ވުރެ ކަމެއްގެ ޝަވްޤުވެރިކަން އިތުރުވެފައިވާ ކަންތައްތަކަކާ ދިމާވަމުންނެވެ. އެހެން ކަމުން މިހާރު އޭނާ ވަނީ ހަމަރަނގަޅަށް ވެސް ނިދިފިލާފައެވެ.
ކުރިމަތީގައި އޭޖެންޓް އޯ.ޕީ ހުއްޓެވެ. "ބަޔަކު މީހުން އަޅުގަނޑު ހިފާ ހައްޔަރުކުރީ. އަދި 3 ދުވަސް ވަންދެން އެމީހުންގެ ހައްޔަރުގައި އަޅުގަނޑު ގެންގުޅުނު... އަދި އެ ދެ ތިން ދުވަހު އަޅުގަނޑަށް ވަރަށް ބޮޑެތި އަނިޔާތައް ވެސް ކުރި... އަދި އަޅުގަނޑަށް ވަރަށް ގިނަ ވާހަކަތައް ބުނެދޭން މަޖްބޫރު ކުރި.. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަޅުގަނޑު ހަމައެއްވެސް އެއްޗެއް ނުބުނެ ހިފެހެއްޓިން.. ނަމަވެސް އެންމެ ފަހުން އެމީހުންގެ ވަކި ޚާއްޞަ ވައްތަރެއްގެ އިންޖެކްޝަނެއް، އަޅުގަނޑުގެ ގަޔަށް ޖެހީ، އޭގެ ސަބަބުން ވީގޮތަކީ އަޅުގަނޑުގެ ހުރިހާ ގުނަވަންތަކެއް ވާގިނެތުނީ. އެހިސާބުން އެމީހުން އަޅުގަނޑު އަތުގައި ހުރި ހުރިހާ ހަތިޔާރެއް ވެސް އަތުލީ، އަދި އަޅުގަނޑު ތައްޔާރުކޮށްފައިވާ ހުރިހާ ރިޕޯރޓްތަކެއް ވެސް ހަލާކު ކޮށްލީ..." އޭނާ އެއްނޭވާއިން މިހުރިހާ ވާހަކައެއް ކިޔާލަދިނެވެ.
"އެކަމަކު... އެއީ ކޮންބައެއްތަ؟ ޑާގަރްގެ މީހުންތަ. ނުވަތަ އަގަރްވާލްގެ މީހުންތަ؟.... ނުވަތަ ކޮންމެވެސް އެހެން މީހެއްގެ ބައެއްތަ؟" އިންދަރްޖީތު އޭނާއާ ސުވާލުކުރިއެވެ.
"އަޅުގަނޑަށް ތިޔަ ސުވާލުގެ ޖަވާބުގައި އެއްވެސް އެއްޗެއް ނުބުނެވޭނެ.." އޭނާ ކުޑަކޮށް ބިރުގެންފައި ބުންޏެވެ.
"ކަން ބޮޑުވާނެކަމެއް ނެތް. މިހާރު މިތާނގައި ހުރީ ކަލޭ އެކަންޏެއްނޫން. އަހަރެންވެސް މިހިރީ މިތާނގައި ކަލޭ މިހާތަނަށް ހުރީ ކޮންތަނެއްގައިތަ؟" ޓޫރިސްޓް ބަންގްލޯއަކު ކަލެއެއް ނޫޅޭ."
"އަޅުގަނޑު ކުރިން ހުރީ ޓޫރިސްޓް ބަންގްލޯގައި.." ކަލާ ދުރުވި އިރުވެސް ހުރީ އެތާނގައި ކަލާ ދުރުވި ރޭ ކަލާގެ ކޮޓަރިތެރޭގައި މީހަކު މަރުވި ނޫންތޯ؟ އެއީ ޑާގަރްގެ މީހެއް ކަލާގެ ސޫޓްކޭސް ހުޅުވަން އުޅެނިކޮށް މަރުވީ.. ނަމަވެސް އެމަރުވިމީހާ ވަނީ ވަރަށް އަވަހަށް ކަލާގެ ކޮޓަރިއާ ދިމާ ތިރީގައި ހުންނަ ކޮޓަރިއަށް ގެންދެވިފައި..."
"އޭގެ މާނައަކީ ތިރީ ކޮޓަރީގައި ތިބީ ޑާގަރްގެ މީހުންނޭ" އިންދަރްޖީތު އަހާލިއެވެ.
"ހަމަ އެންމެ މީހެއް" އޭނާ ބުންޏެވެ. "ކަލާއަށް ރަނގަޅަށް ވިސްނާނުލެއްވުނީ ކަންނޭނގެ.. އެމީހާ ޓޫރިސްޓް ބަންގްލޯގެ ޑައިނިންގް ރޫމަށް ކާންގޮސްއުޅޭ. އެއީ ކަޅު މީހެއް އިސްކޮޅުން ކުރުވާނެ. ވަރަށް ބޯ ތުންފަތެއް ހުންނާނީ. އަދި އަބަދުވެސް ހުންނާނީ ކަޅު ސޫޓެއްގައި"
އިންދަރްޖީތު ކުއްލިއަކަށް އެއްޗެއް ހަނދާންވީހެން ހީވާގޮތަކަށް ބުންޏެވެ.
"އެމީހާ____ އެމީހާކަމަށް ވާނެތަ___ އެމީހާ ޑައިމަންޑް ޖަހާފައި ހުންނަ ކަފްލިންކްގެ ބޭނުމެއް ނުކުރެއެއްނު؟"
"ނޫން... އެއީ ހަމަ އެމީހާ... އަޅުގަނޑު ހައްޔަރު ކުރުވީވެސް ހަމަ އެމީހާ އަދި ކަލާގެ ފަހަތުން ފޮނުވާފައިވަނީ ވެސް ހަމަ އެމީހާ... "
" އެންމެ ރަނގަޅު" އިންދަރްޖީތު ކުޑައެއްޗެއް ވިސްނާލާފައި ބުންޏެވެ. "އޯ.ޕީ. ވާހަކައެއް ބުނެފާނަންތަ؟ ޑޮރޮތީއޭ ކިޔާ އަންހެންކުއްޖެއް ދަންނަމުތަ؟"
އޭޖެންޓް، އިންދަރްޖީތާ ދިމާއަށް ފަރުވާތެރިކަމާއެކު ބަލާލާފައި ބުންޏެވެ. "ލައްބަ.. އަޅުގަނޑު އޭނާ ދަންނަން... އަދި އަޅުގަނޑާ އޭނާއާ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ގުޅުން އޮތް. އަދި ރަނގަޅު ރަޙްމަތެރިކަން ވެސް އޮތް." އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
"ނަމަވެސް އަޅުގަނޑަށް އޭނާއަކީ ކާކުކަން އެނގުމުން …" އޯ.ޕީ.އަށް އޭނާގެ ވާހަކަ ފުރިހަމަކޮށް ނުދެވިގެން އުޅެނިކޮށް ފަހަތުން ފިސްތޯލައެއް ގޮއްވާލައިފިއެވެ. ފަތިހުގެ ހިމޭންކަމާއިއެކު ފަޅުކޮށް އޮތް ގަސްތަކުގެ ތެރޭގައި އޭގެ އަޑު ވަރަށް ބާރަށް އިވިގެން ދިޔައެވެ. އެއަޑާއިއެކު އޯ.ޕީ.ގެ އަނގައިން ނުކުތް ހަޅޭކެއްގެ އަޑުވެސް އިވުނެވެ. އެޖެންޓް ތިރީ ޒީރޯ ޓޫ ބިންމައްޗަށް ވެއްޓިއްޖެއެވެ.
އިންދަރްޖީތު އަވަސް އަވަހަށް ބިންމަތީގައި ބަނޑު ޖަހައިފިއެވެ. އެތަންވަޅު ދާދި ކައިރީގައި ހުރި ޕައިންގަހެއްގެ ފަހަތުން މީހަކު ބުނާއަޑު އިވުނެވެ. "އިންދަރްޖީތު ކަލޭ ކަންބޮޑުނުވޭ. ކަލޭ މަރައެއް ނުލާނަން.. ކަލޭ ތިޔައުޅެނީ ދާދި ކުޑަކުޑަ ވަގުތުކޮޅެއްތެރޭގައި ޕެހެލްގާމުން ދާކަށްނުން؟" ހެނދުނުވުމުގެ ކުރިން ...ވަޢުދު ހަނދާން ބަހައްޓަވާތި!"
އިންދަރްޖީތު ބިންމަތިން ތެދުވެފައި ބުންޏެވެ. "އެކަމަކު އޭނާ މަރާލައިގެން ކަލެއަށްލިބެނީ ކޮން އެއްޗެއްތަ؟" އިންދަރްޖީތުގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
(ނުނިމޭ)
Vvv.reethi