ޕާޓީ ލޯބި
އެސްޑީޕީ ނަމަކަށް ކިޔާ ޕާޓީގެ މީހަކު ކޯވިޑްގައި ވަރަށް ހާލު ދެރަވެއްޖެއެވެ. ދެން ރަނގަޅު ވެގެން ތެދުވެވޭނޭ ކަމުގެ އުއްމީދު ކެނޑިއްޖެއެވެ. އާއިލާގެ މީހުން ގެނެސް އެންމެ ފަހުގެ ވަސިއްޔަތް ކުރުމާއި ހިތްހެޔޮ ކުރުވުމުގެ ވަގުތު ޖެހިއްޖެއެވެ.
އެމީހާގެ ދަރިފުޅު އަހައިފިއެވެ. [ދުނިޔޭގައި ކުރާ އެންމެ ފަހުގެ ކަމެއްގެ ގޮތުގައި ބައްޕަ ކުރަން ބޭނުންވާ ކަމަކީ ކޮބާ؟]
އެމީހާ ވަރަށް އުނދަގުލުން ބުނެލިއެވެ. [ބައްޕަ ބޭނުން ވަނީ ޕާޓީ ބަދަލުކުރަން. އެހެންވީމާ ޓީޕީއެމްގެ ފޯމެއް ގެނެސްދީ.]
ދަރިފުޅު އަހައިލިއެވެ. [ބައްޕާ. ބައްޕަ ދެން ދުނިޔޭގައި ނުހުންނާނެކަން އެނގޭއިރު ޕާޓީ ބަދަލުކުރުމުގެ ބޭނުމަކީ ކޮބާ؟]
ބައްޕަ ބުންޏެވެ. [މީހަކު މަރުވިޔަސް ބައްޕަ ބޭނުން ވަނީ އެ ޕާޓީގެ މީހަކު މަރުވާގޮތް ވާން.]
ދެ ރައީސުން
ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި މި ވަގުތު ރައީސްކަން ކުރައްވާ ބޭފުޅާއާ ބައްދަލު ކުރެއްވުމެއް ބާއްވަވައިފިއެވެ.
ކުރީގެ ރައީސް ވިދާޅުވިއެވެ. [ގައުމުގެ ކަންތައް މިހާރު ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިއްޖެ. އެހެންވީމާ މިހެން ތިބެގެން ވާކަށް ނޯންނާނެ. ދެމީހުން ވެގެން ކޮންމެވެސް ކަމެއް ކުރަމާ ހިނގާ.]
މިހާރުގެ ރައީސް ސުވާލު ކުރެއްވިއެވެ. [ކުރާނީ ކޮން ކަމެއްތޯ؟]
ކުރީގެ ރައީސް ވިދާޅުވިއެވެ. [ވިސްނާލަމާ ހިންގަވާ.]
މިހާރުގެ ރައީސް ވިދާޅުވިއެވެ. [ނޫން. ކުރަންވާނީ ދެމީހުންނަށްވެސް ކުރެވޭވަރުގެ ކަމެއް.]
މަޖިލިސް މެންބަރު
ކުޑަ ދެ ފިރިހެންކުދިން ވާހަކަދައްކަނީއެވެ.
ފުރަތަމަ ކުއްޖާ ބުންޏެވެ. [އަހަރެންގެ ބައްޕަ މި ދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި.]
ދެވަނަ ކުއްޖާ އަހައިލިއެވެ. [އެހެންތަ؟ ކަލޭގެ ބައްޕަ މިހާރު ކުރަނީ ކޮން މަސައްކަތެއް؟]
ފުރަތަމަ ކުއްޖާ. [އެއްވެސް ކަމެއް ނުކުރޭ. ބައްޕަ މަޖިލީހަށް ހޮވުނޭ!]