ސަރުކާރުން މަރުގެ އަދަބު ތަންފީޒު ކުރާނެތޯ ބެލުމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ، ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން ހުށަހަޅައިފިއެވެ.
އިމްރާން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.
އޭނާ ހުށަހަޅުއްވާފައިވަނީ ސުޕްރީމް ކޯޓުން މަރަން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން ހުރިހާ އިޖުރާއަތެއް ފުރިހަމަވާ މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމާ މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ސާފުކުރުމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ ބެލުމަށް މިނިސްޓަރ އިމްރާނާ ސުވާލު ކުރައްވާނެ ކަމަށް ވެސް ތޯރިގް ހުށަހެޅުއްވި ހުށަހެޅުއްވުމުގައި ވަނީ ވިދާޅުވެފައެވެ.
މީގެ ނުވަ އަހަރުކުރިން ގާނޫނީ ވަކީލް އަހްމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި އަހްމަދު މުއްރަތާއި މީގެ 10 އަހަރުކުރިން ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވި ހުސައިން ހުމާމް އަހްމަދާއި މީގެ 13 އަހަރުކުރިން ސ. ހުޅުދޫ، ލިލީމާގެ އަބްދުﷲ ފަރުހަދު މަރާލި ކަމުގެ ކުށް ސާބިތުވި މުހައްމަދު ނަބީލު މަރަން ހުކުމްކޮށްފައިވާއިރު، އެމީހުންގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައެވެ.
އެހެންނަމަވެސް އެ ހުކުމް އަދިވެސް ވަނީ ތަންފީޒު ނުކުރެވިއެވެ.
އޭގެ ކުރިން މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގަވައިދެއް 2015 ގައި ސަރުކާރުން ހަދާފައިވީ ނަމަވެސް، އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ގައެވެ.