ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ އެކުލަވައިލައްވައިފި

މިނިސްޓަރއޮފް ހޯމްއެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ، ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ މިއަދު އެކުލަވައިލައްވައިފިއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްއެފެއާޒް ޢަލީ ނަޛީރު، އިނިސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އަޙްމަދު މުޙައްމަދު ފުޅު، ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު އާޞިފް، ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ. މި ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ ޢިމްރާނެވެ.

މިއީ "ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019' ގައި އިޞްލާޙްކުރުމަށް ހުށަހަޅާފައިވާ ކަންތައްތައް ކުރަމުންދޭތޯ ބެލުމާއި، އިޞްލާޙްތައް ގެނައުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީ، ތާވަލުކުރެވޭ ގަވާއިދަކުން އެކަންކަން ހިނގަމުންދޭތޯ ބެލުމަށް މިނިސްޓަރ އެކުލަވާ ލެއްވި ކޮމިޓީއެކެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލީހުގެ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިފަދަ އޯޑިޓެއް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ. އަދި އެ ރިޕޯޓަށް ރިޢާޔަތްކޮށް ޖަލުތަކުގެ ކަންކަން އިޞްލާހްކޮށް ގައިދީންގެ ޙައްޤުތައް ކަށަވަރު ކުރުމާއިއެކު ގައިދީންގެ އިންސާނީ ޙައްޤުތައް ލިބިދެވޭކަން ކަށަވަރު ކޮށްދިނުން ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.