ސަރުކާރުން ވިޔަފާރިތަކަށް ވަނުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން: އާޒިމް

ސަރުކާރުން ވިޔަފާރިތަކަށް ވަނުމަކީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކުންފުނީގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުގައި އޮތީ ކިތައް ކުންފުނިތޯ އެނގޭނެ އާދައިގެ މީހަކު މަދުވާނެ ކަމަށާއި ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކުގެ ފުރިހަމަ އަދަދު ސަރުކާރަށް ވެސް ނޭނގޭނެ ކަމަށް ޢާޒިމް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެއްކުރި މައުލޫމާތުން ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި 36 ކުންފުންޏެއް އެބަ އޮތް ކަމަށާއި އޭގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތްދޭ އޮތީ 10 ކުންފުނި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"އަނެއް 26 ކުންފުންޏަކީ ބޭކާރު ބައެއް. އެ ކުންފުނިތަކަކީ ޓެކްސް ޕޭޔަރުންގެ ފައިސާއިން މުސާރަ ހިނގާ ކުންފުނިތަކެއް. ބައެއް މީހުން އެއް ކުންފުންޏަށް ވުރެ ގިނަ ކުންފުނީގައި ވަޒީފާއަދާކޮށް، ދައުލަތުން މުސާރަ ނަގަމުންދާއިރު، އާދައިގެ މީހުން އުޅެނީ ވަޒީފާއެއް ނުލިބިގެން." އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ވޭތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ދައުލަތް ހިންގުމުގެ ނަމުގައި 12 ކުންފުނި އުފައްދާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ބޯހިޔާވަހިކަން ހޯދައިދޭން ސަރުކާރުން އުފެއްދި ތިން ކުންފުނި އެބަ އޮތް ކަމަށާއި އެ ކުންފުނިތަކުން ކުރި ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާޒިމް އެ ވިދާޅުވި ތިން ކުންފުންޏަކީ ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނެވެ.

އާޒިމް ވަނީ ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފެއްވި އެގްރޯ ކުންފުންޏާއި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް އުފެއްދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި އެސްއެމްއީ ޑެވެލޮޕްމަންޓުން ލިބުނު ކުރިއެރުމެއް ވެސް ނެތްކަން ފާހަގަ ކުރައްވާފައެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީގެ އެހީތެރިކަމާ އެކު އޭނާ ރައްޔިތުންގެ މަޖިލީހަށް ހޮވީ ރައްޔިތުން ކަމަށާއި އެހެންކަމުން ވާހަކަ ދައްކަން ޖެހެނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އާޒިމްގެ މިފަދަ ބަހުގެ ހަމަލާތަކެއް ސަރުކާރަށް އަމާޒުކުރައްވާފައިމިވަނީ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއަށް ތާއީދުކުރާ މަޖިލިސް މެންބަރުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންތިއަށް ތާއީދުކުރާ މެންބަރުން މަޖިލިސް ތަޅުމުގައި ކޮންމެ ދުވަހަކު ތަކުރާރުކޮށް ސަރުކާރަށް ފާޑުކިޔަމުން ގެންދާއިރު، އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ. ފައްޔާޒު ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށެވެ. އަލީ އާޒިމަކީ ރައީސް ނަޝީދުގެ ފެކްޝަނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.