އަސްލަމަކީ ގޮންޖެހުމެއްނޫން، އެއީ އަޅުގަނޑުގެ އެކުވެރިއެއް: ޝިފާޒު

އެމްޑީޕީގެ ނާއިބު ރައީސް ކަމަށް ވާދަކުރައްވާ މުޙައްމަދު އަސްލަމަކީ ގޮންޖެހުމެއް ނޫންކަމަށާއި އެއީ ގާތްއެކުވެރިއެއް ކަމަށް އެ މަޤާމަށް އަސްލަމާ ވާދަކުރައްވާ ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޝިފާޒު ވިދާޅުވީ ނިމިގެންދިޔަ ފަސް އަހަރުގައި އޭނާކުރެއްވި މަސައްކަތް އެންމެނަށް ވެސް ފެންނާނެ ކަމަށެވެ. އަދި އޭގެ ކުރީ ފަސްއަހަރުވެސް ކުރެއްވި މަސައްކަތް ފެންނާނެ ކަމަށް ވިދާޅުވިއެވެ.

"މިދިޔަ ފަސްއަހަރު އަޅުގަނޑުކުރި މަސައްކަތް ހަމަ ގައިމުވެސް އެނގޭނެ. އަދި އޭގެ ކުރީ ފަސްއަހަރު ވެސް އަޅުގަނޑުކުރި މަސައްކަތް ރީއްޗަށް އެނގޭނެ. މިފާޓީއަށް އަދި މިވީ ތޭރަ އަހަރު. އެއް ފަސްއަހަރު އުޅުނީ މަގުމަތީގައި. ކުރީ ފަސްއަހަރުގެ ތެރެއިން ތިން އަހަރު އުޅުނީ ރައްޔިތުންގެ މަޖިލީހުގައި. އަނެއް ދެއަހަރު އުޅުނީ މަގުމަތީގައި، އެވެސް މަޖިލީހުގައި އުޅެމުން،" ޝިފާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އުފެދުނު ޢަސާސަށް ބަލާއިރު ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ކުރަންޖެހުނު ހުރިހާކަމެއް އޭނާ ވަނީ ކުރައްވާފައި ކަމަށެވެ. "މިޕާޓީ އުފެދުނު އަސާސަށް ރައްޔިތުންނަށް ކޭޓަރ ކުރުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކުރިމީހެއް އަޅުގަނޑަކީ. އެކަން މިޕާޓީގެ މެމްބަރުންނަށް ވެސް އެނގޭނެ. މިޕާޓީގެ މެމްބަރުންނަށް މާރަނގަޅަށް ސާފުވޭ މިވަމުންދާގޮތް. އެހެންވީމާ އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ޙަގީގަތުގައިނެތް. އަސްލަމީ ގޮންޖެހުމެއްނޫން އެކަމަކު އަސްލަމަކީ އަޅުގަނދުގެ ގާތް ބޭފުޅެއް،" ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސާއި ނާއިބު ރައީސް ކަމުގެ މަޤާމް ހުސްވުމުން އެމަޤާމަށް އަލުން ބޭފުޅުން އިންތިޚާބު ކުރުމަށްޓަކައި ހުޅުވާލި ފުރުސަތުގައިރައީސް ކަމަށް ކުރިމަތި ލެއްވީ ކުރިން ވެސް އެމަޤާމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. ނާއިބު ރައީސް ކަމަށް ކުރިމަތި ލެއްވީ އަސްލާމައި ޝިފާޒެވެ. އަސްލަމް ވިދާޅުވެފައިވަނީ ޝިފާޒަކީ ވެސް ޤާބިލް ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް އިންތިޚާބުގައި ޝިފާޒު ބަލިކުރެވޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.