ކޮވިޑު ސާމްޕަލް މިހާރުނަގައިދޭނީ ހަމައެކަނި ސެނަހިޔާ އިން

ކޮވިޑު ސާމްޕަލް މިހާރުނަގައިދޭނީ ހަމައެކަނި ސެނަހިޔާ އިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ސެނެހިޔާއިން ސާމްޕަލް ނަގައިދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން ފެށިގެން ރޭގަނޑު 11 އަށް ކަމަށެވެ.

ދަރުބާރުގޭގައި ހުންނަ ސާމްޕަލް ކަލެކްޝަން ސެންޓަރު ވެސް މިއަދުން ފެށިގެން ބަންދުވާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

ކޮވިޑު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް މަދުވެފައިވާއިރު، އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި ހަފުތާގައި ޕޮޒިޓިވްވީ 665 މީހުންނެވެ.

މުޅި ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 177،658 އަށް މިހާރުވަނީ އަރާފައެވެ.

ރާއްޖޭގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް 11 ޕަސެންޓްގައި ހުރިއިރު، މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓު ހުރީ ހަތަރު ޕަސެންޓްގައެވެ.

ރާއްޖެއިން ކޮވިޑު ބަލީގައި މިހައިތަނަށް 297 މީހަކު ވަނީ މަރުވެފައެވެ. އެއީ 278 ދިވެހީންނާއި 19 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމާ ގުޅިގެން 2020 ވަނަ އަހަރު އިއުލާންކުރި ސިއްހީ ކުއްލި ހާލަތު ވަނީ މިމަހުގެ 13 ވަނަ ދުވަހު އުވާލާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.