ކޮވިޑަށް ޕޮޒިޓިވްވި މަނަދޫ މީހާއަކީ އެހެން ބައްޔަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލި މީހެއް

ކޮވިޑަށް ޕޮޒިޓިވްވި މަނަދޫ މީހާއަކީ އައިޖީއެމްއެޗްގައި އެހެން ބައްޔަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލި މީހެއްކަމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ. ނަމަވެސް އޭނާ ހޮސްޕިޓަލުން ދޫކޮށްލައިފައި ވަނީ ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށްފަހުއެވެ.

އެންއީއޯސީގެ މިރޭގެ ޕްރެސް ކޮންފަރެންސްގައި ޑޮކްޓަރ އަފްޒަލް ވިދާޅުވީ މަނަދޫ އިން ޕޮޒިޓިވްވި ޢުމުރުން 80 އަހަރުގެ އަންހެން މީހާ އައިޖީއެޗަށް ފަރުވާ ހޯދަން ދިޔައީ ބަނޑުގައި ރިއްސުން ފަދަ އުދަނގޫ ތަކެއް ވާތީކަމަށެވެ. އޭނާގެ ސާމްޕަލް އައިޖީއެމްއެޗް ނަގައިފައިވަނީ ޝައްކުވެގެން ނޫންކަމަށާއި ޕޮރޮސީޖަރ ގެ ދަށުން ކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ. އެ އަންހެން މީހާގެ ނަތީޖާ ލިބިފައި ވަނީ އޭނާ ހޮސްޓިޕިޓަލުން ދޫކޮށްލުމުން ގެސްޓް ހައުސް އެއްގައި ހުއްޓައެވެ.  

މިކޭހާ ގުޅިހެން މަނަދޫއާއި މާލޭގައި ފުޅާ ދާއިރާއެއްގައި ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

މަނަދޫގެ އިތުރުން ހއ. ތަކަންދޫ އިންވެސް ވަނީ އަލަށް ކޮވިޑަށް ޕޮޒިޓިވް ތިން މީހަކު ފެނިފައެވެ.

އދ ދަނގެތީގައި މަރުވެފައި އޮއްވާ ފެނުނު ޢުމުރުން 79 އަހަރުގެ ފިރިހެނެއްގެ ވެސް ވަނީ ސާމްޕަލް ނަގައިފައެވެ. އެމީހާގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެބެ. މަރުވެގެން އައިޖީއެމްއެޗަށް ގެންދިޔަ 79 އަހަރުގެ ފިރިހެން މީހާގެ ސާމްޕަލް ވެސް ނަގައިގެން ވަނީ ޓެސްޓް ކޮށްފައެވެ. އެ މީހާގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް އެވެ.

މިހާތަނަށް 491 މީހަކަށް ރާއްޖެ އިން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.