ވިޔަފާރިތަކާއި ކެފޭ ރެސްޓޯރެންޓްތައް މިއަދުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 10:30 އަށް

ކޯވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާ ގުޅިގެން ވިޔަފާރިތަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައިވާ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ. 

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައ ވަނީ މިއަދުން ފެށިގެން ފިހާރަތަކާއި ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓު ކެންޓީނު ފަދަ ތަންތަން ހުޅުވައިފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 އަށް ކަމަށެވެ. ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ތަންތަނުންނާއި ޚިދުމަތް ދޭ ތަންތަނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ކަނޑައަޅައިފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. 

ކޯވިޑް ކޭސްތައް އިތުރުވާން ފެށުމުން މިއަދުން ފެށިގެން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭ އިން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި މިރެއިން ފެށިގެން މާލެ ސަރަހައްދުގައި އަނެއްކާވެސް ރޭގަނޑު 11 އިން ފެށިގެން ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް މަނާ ވާނެ އެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ކޮލެޖް ޔުނިވަސިޓީތަކާއި ޕްރީސްކޫލުތަކާއި ޑޭކެއަރ ސެންޓަރުތައް ހުޅުވައިގެން ޚިދުމަތް ދިނުންވެސް މިއަދުން ފެށިގެން 14 ދުވަހަށް  ވަނީ މަނާކޮށްފައެވެ.  އަދި މާލެ ސަރަހައްދުގައި ގުރޫޕު ކުޅިވަރުތަކާއި ކަސްރަތުތައްވެސް މިއަދުން ފެށިގެން ދެ ހަފުތާއަށް ވަނީ މަނާކޮށްފައެވެ. އަދި ޕާކުތަކާއި މައިޒާންތައްވެސް ވަނީ ކަސްރަތު ކުރުން ފިޔަވައި އެހެންކަންކަމަށް މިއަދުން ފެށިގެން ދެހަފުތާއަށް ބަންދުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.