(2 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
20 ފެބްރުއަރީ
ލާހޯރް
މަރިޔަމަށް،
ހެޔޮ ދުޢާ ސަލާމް!
އަހަންނަށް ފޮނުވާ ސިޓީގައި އެވަރަށް ނަސޭހަތާއި ލަފާ ނުލިޔާށެވެ. އެވާހަކަތައް ކިޔާފައި އަހަރެންގެ ހިތް ބިރުގަންނަ ގޮތްވެއެވެ. މުޅި އުމުރު އަހަންނަށް ދިނީ ނަސޭހަތާ ލަފާ ނޫން އެހެން ކޮން އެއްޗެއް ހެއްޔެވެ؟ މަރިޔަމް ވެސް ތި ދައްކަނީ އަހަރެންގެ މަންމައާއި ބައްޕަ އަހަރެން ގާތު އަބަދު ދެއްކި ވާހަކައެވެ.
އުފަލުގައި އުޅުމަށް އަހަރެން ގާތު ތަކުރާރުކޮށް ބުނަމެއްނޫންހެއްޔެވެ. މަރިޔަމަކީ ވެސް ޑޮކްޓަރެއް ނޫންހެއްޔެވެ. އުފަލުގައި ހުންނަން ބޭނުންވާނޭ ބޭސް ސިޓީއެއް ފޮނުވާށެވެ. ނޫނީ ބޭހެއް ފޮނުވައިދޭށެވެ. އުފަލުގައި ހުންނަން ބޭނުންވާ ދެތިން ތިކި ބޭސް ލަންޑަނުން ފޮނުވައިދޭށެވެ. އެކަން ކޮށްނުދެވެންޏާ އުފަލުގައި ހުންނާށޭ ނުބުނާށެވެ. އެކަން އަހަރެންގެ އިޚްތިޔާރަކު ނެތެވެ.
މަރިޔަމް ފޮނުވި އެއްޗެހި އަހަންނަށް ލިބިއްޖެއެވެ. އެކަމަކު ދެން އަހަންނަށް އެއްވެސް އެއްޗެއް ފޮނުވައިގެން ނުވާނެއެވެ. މަރިޔަމަށް އެނގެއެއް ނޫންހެއްޔެވެ. މިހުރިހާ އެއްޗެއްސަކީ މިހާރު އަހަންނަށް ބޭކާރު އެއްޗެއްސަށް ވެއްޖެއެވެ. އަހަންނަކަށް އެ އެއްޗެހީގެ ބޭނުމެއް ނެތެވެ. އަހަންނަށް ބޭނުންވަނީ ހަމައެކަނި މަރިޔަމް ލިޔެފައި ފޮނުވާ ހައެއްކަ ލަފުޒެވެ. މިހާރު އަހަރެން އުޅެނީ ވަރަށް ފަރުވާތެރިވެގެންނެވެ. ކޮންމެ ކަމަކަށެވެ. ކޮންމެ އެއްޗަކަށް ވެސް މެއެވެ. އަހަރެން ދައްކާ ވާހަކަ މީހުންނަށް ފަހުމުވާން ވަރަށް ގިނަ ވަގުތު ނަގައެވެ. އަހަރެން އެދެނީވެސް އަހަރެންގެ ވާހަކަ ފަހުމުކުރަން އެއްވެސް މީހަކު މަސައްކަތް ނުވެސް ކުރުމަށެވެ. އެވާނީ ބޭކާރު ކަމަކަށެވެ. ވަގުތު ބޭކާރުކުރަން އެހެން ގޮތްގޮތްވެސް ހުރެއެވެ.
މަރިޔަމް! މިއަދު އަހަރެން ވަރަށް ރުއީމެވެ. ކިހިނެއްވެގެންކަން އެނގޭހެއްޔެވެ. ސަބަބު އެންމެ ރަނގަޅަށް އެނގޭނީ ވެސް މަރިޔަމަށެވެ. މަރިޔަމް ދެނަހުރިން ހެއްޔެވެ. މިއަދު އަނެއްކާވެސް ޢާޝިރުގެ ސިޓީއަކާއި ކާޑެއް ލިބިއްޖެއެވެ. ހީވަނީ އޭނާއަށް ހުރިހާ ކަމެއްގެ ޚަބަރު ލިބޭހެންނެވެ. މީހަކާ އިނދެގެން އިންގްލޭންޑަށް މަރިޔަމް ދިޔަކަންވެސް އޭނާއަށް އެނގިއްޖެއެވެ. މަރިޔަމާ ވަކިވުމުން އަހަންނަށް އަސަރު ކުރިވަރުވެސް އޭނާއަށް އެނގެއެވެ. އަހަރެންގެ އެކަނިވެރިކަން އަހަރެންގެ ހަޔާތް ވިރުވަމުން ދަނީ ކިހިނެއްކަން ވެސް އޭނާއަށް އެނގެއެވެ. ލޯތްބަކީ އެއްވެސް އެއްޗެއް ނޫނޭ އަހަރެންގެ ބައްޕަ ބުނެއެވެ. ބައްޕަގެ ކުރިމައްޗަށް އަރައި ބުނަން ހިތަށް އަރައެވެ. އަހަރެން ދެނެގަންނާން ބޭނުން ނަމަ މި ސިޓީ ކިޔައިގެން އަހަރެން ދެނެގަންނާށެވެ. ސިޓީ ކިޔައިގެން ދަސްވީމާ ދެން އަހަންނާ ވާހަކަ ދައްކާށެވެ. ނުވަތަ އެނގުނިއްޔާ ނޫނީ އަހަންނާ ވާހަކަ ނުދައްކާށެވެ. ބައްޕަގެ ދަރިފުޅު ދަރްމަކްނޫން ފެންނަނީ ކިހިނެއް ހެއްޔެވެ. ތިމާގެ ދަރިން ތިމާއަށް އެނގޭ ވަރަށް އެހެން މީހަކަށް ނޭނގޭނޭ ކަމުގެ ކުށްހީ މައިންބަފައިން ކުރަނީ ކީއްވެގެން ހެއްޔެވެ. އެކަކަށް ވެސް ނޭނގޭނެއެވެ. ހަގީގަތަކީ އެމީހުންނަކަށް އެއްވެސް އެއްޗެއް ނޭނގެއެވެ. ހަގީގަތުގައި ދަރިން ނޭނގެނީ އެމީހުންނަށެވެ. އެމީހުންނަށް އެނގޭހައިވެސް އެއްޗަކީ އަހަރެމެން މިދުނިޔޭގައި ވުޖޫދުވެ ތިބޭކަމެވެ. ދެފަޔާއި ދެއަތާއި ދެލޮލާއި ސިކުނޑިއެއް ވުޖޫދުވާ ކަމެވެ. އެމީހުންނަށް ހީވެފައި އޮންނަނީ މުޅި މީހާއަކީ އަތާއި ފަޔާއި ލޮލާއި ސިކުނޑި ކަމަށެވެ. އެއީ މުޅި މީހާއަށް ވާނީ ކިހިނެއްހެއްޔެވެ. މުޅި މީހާއަކީ ހިތެވެ. އަހަރެންގެ ހިތާ ހަމައަށް މުޅި ދުނިޔެ އާދެއެވެ. އެކަމަކު އެހިސާބަކަށް އަހަރެންގެ މައިންބަފައިންނެއް ނާދެއެވެ.
އިހު ޒަމާނުގެ މީހުން މާ ރަނގަޅެވެ. އެމީހުންނަށް އަންހެން ދަރިން ލިބުނީމާ ދިރިތިއްބައި އެކުދީން ވަޅުލައެވެ. މިއަދު އެކަންކުރަނީ ރަސޫލާއަށް ތަބާވާ މީހުންނެވެ. އެކަމަކު މިއަދު ދަރީން ވަޅުލަނީ ޒުވާން އުމުރަށް އަޅައިގަތުމުންނެވެ.
މަރިޔަމްގެ ސިޓީގައި މާޔޫސް ނުވާށޭ ލިޔުނީމެއް ނޫންހެއްޔެވެ؟ އެއީ ކުފުރުވުމޭ ބުނީމެއް ނޫންހެއްޔެވެ؟ ކުފުރުވުމަކީ ހަމައެކަނި މާޔޫސްވުންހެއްޔެވެ؟ އެހެން ކަމެއް ކުފުރުވުން ކަމުގައި ނުވަނީ ހެއްޔެވެ؟ މަރިޔަމް ދެކެނީ ކިހިނެއްހެއްޔެވެ؟ މާޔޫސްނުވެ ތިބެނީ ހަމައެކަނި ތެދުވެރި ރަނގަޅު މުސްލިމުންހެއްޔެވެ؟ އެހެން މީހުން ދެކޭ ހުވަފެން ޖަހައިގަތުން ކުފުރަށް ނުވަނީހެއްޔެވެ؟ އެހެން މީސްމީހުންގެ ހިތުގެ އެދުންތައް ފިސްފިސްކޮށްލުމަކީ ކުފުރެއް ނޫން ހެއްޔެވެ؟ ބައެއްފަހަރު މާޔޫސްވީމާ ކުފުރުން ސަލާމަތްވެސް ވެއެއް ނޫންހެއްޔެވެ؟ އަހަރެން ސަލާމަތްވަނީ އެގޮތަށެވެ. ބައެއްފަހަރު ހިތުގައި އެތައް ދުވަހެއްވަންދެން އޮންނަ އެދުމާއި އުއްމީދަށް ނިމުމެއް އައުމަކީވެސް ބޮޑު ނިއުމަތެކެވެ. އަހަންނަށް އެނގެއެވެ. މަރިޔަމް މި ޕެރެގްރާފް ދެތިންފަހަރު ކިޔާނެކަން އަހަންނަށް އެނގެއެވެ. އަދި މި ޕެރެގްރާފް ކިޔައި ނިމުނީމާ މަރިޔަމަށް ވިސްނޭނީ މުޅިން އެހެން ވާހަކައެކެވެ. އަހަރެން ބުނި ވާހަކައެއް ނޫނެވެ.
މަރިޔަމް! އަހަންނަށް ސިޓީ ނުފޮނުވާށޭ ޢާޝިރް ގާތު ބުނެދޭށެވެ. އަހަންނަށް ކާޑު ނުފޮނުވާށޭ ބުނެދޭށެވެ. އަހަރެން ދޫކޮށްލާށޭ ބުނެދޭށެވެ. ދަރްމަކްނޫން މަރުވެއްޖެއޭ ބުނެދޭށެވެ. އެއީ ދުވަހަކުވެސް ދުނިޔޭގައި އުޅުނު މީހެއް ނޫންކަމަށް ވިސްނައިދޭށެވެ. އަހަންނާ އެއްވެސް ގުޅުމެއް ނުބާއްވާށޭ ބުނެދޭށެވެ. އޭނާ ގާތު މިވާހަކަތައް ބުނެވޭނީ މަރިޔަމަށެވެ. އޭނާއަށް ވިސްނައިދެވޭނީ މަރިޔަމަށެވެ. މަރިޔަމް ތިހުރީ އޭނާއާ އެއްފަސްގަނޑެއްގައެވެ. އޭނާގެ ގާތުގައެވެ. އޭނާ ގާތު ބުނެދޭށެވެ. އަހަރެންގެ ފަހަތުން ނޫޅޭށެވެ. އޭނާގެ ދިރިއުޅުން ހަލާކު ނުކުރާށޭ ބުނެދޭށެވެ. މިދުނިޔޭގައި އޭނާ ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. ޢާޝީރްއާ އެއްފަހަރު ބައްދަލުކުރާށެވެ. މިއީ އުނދަގޫ ކަމެއް ނޫނެވެ. އަހަންނަށްޓަކައި އޭނާއާ އެއްފަހަރު ބައްދަލުކުރާށެވެ. އަހަންނަށް އޭނާއަށް ވިސްނައިނުދެވުނު ކަންކަން މަރިޔަމަށް ވިސްނައިދެވޭނެއެވެ. އެކަކަށް ވިސްނައިނުދެވުނަސް މަރިޔަމަށް އެކަން ކުރެވޭނެއެވެ.
މިފަހަރު އޭނާގެ ސިޓީގައި ލިޔެފައި އޮތީ ކީކޭކަން އެނގޭހެއްޔެވެ؟ އޭނާ ލިޔެފައި އޮތެވެ.
"ދަރްމަކްނޫން! އަހަންނާ ނުލައި އުފަލުގައި އުޅެވިދާނެހެން ހީވުމަކީ ކުށްހީއެކެވެ. އުފަލުގައި އުޅުމަކީ އަދި މާ ދުރުގައި އޮތް ކަމެކެވެ. އަހަންނާ ނުލައި ދިރިވެސް ނޫޅެވޭނެއެވެ."
މީހުން ބުނެއުޅެއެވެ. ހިތުގެ ހާލަތު އެނގޭނީ ހަމައެކަނި ﷲ އަށެވެ. މިހާރުވެސް މީހުން މިހެން ބުނެއުޅެއެވެ. އެކަމަކު އަހަރެންގެ ހިތަށް އަރައެވެ. މަކަރާއި ހީލަތުގެ ސާލު އަހަރެންގެ ގައިގައި އޮޅައިލެވިފައި އޮތްގޮތަށް ބާއްވަން ޢާޝިރް ގާތު ބުނަން ހިތަށް އަރައެވެ. އަހަރެން ދުނި8ޔޭގައި ހުންނާޏީ އެ ސާލު އޮތްހައި ދުވަހަކަށެވެ. އެ ސާލު ނަގައިފިނަމަ...
އޭނާގެ ކޮންމެ ސިޓީއެއްގައި ހަވާލާދީފައި ހުންނަނީ ކޮންކޮން އިލްމުވެރިންނަކަށް ކަމެއް އަހަންނަކަށް ނޭނގެއެވެ. އެކި އިލްމުވެރިންނަށް ހަވާލާ ދީފައި ލިޔުނީމާ އަހަރެން އެވާހަކަތައް ގަބޫލުކޮށްފާނޭހެން ހީވަނީކަމަށް ވެދާނެއެވެ. އަހަރެން އެވާހަކަ ގަބޫލުނުކުރަނީ ކޮންއިރަކު ހެއްޔެވެ؟ ދަލީލު ނުދެއްކިއަސް އެކި އިލްމުވެރިންނަށް ހަވާލާ ނުދިނަސް އެދައްކަނީ ރަނގަޅު ވާހަކަކަން އަހަންނަށް އެނގެއެވެ. އެކަމަކު އޭނާ... އޭނާއަށް އަހަރެންގެ ފައިގައި އަޅުވައިފައި ހުރި ބިޑި ނުފެންނަނީ ކީއްވެހެއްޔެވެ؟ އޭނާ ބޭނުންވަނީ އަހަރެން ލައްވައި ބަޣާވާތް ކުރުވާށެވެ. ހައްގު ހޯދަން މަސައްކަތް ކުރުވާށެވެ. ސައްޔިދު ބޭފުޅުންގެ ހައްގު އެއީ އޮންނަ އެއްޗެއް ނޫންކަން އޭނާއަށް ނޭނގެނީހެއްޔެވެ؟ އެހެންވީމާ ހައްގު ހޯދުމާއި ލިބިގަތުމުގެ ވާހަކަ ދައްކާނީ ކިހިނެއް ހެއްޔެވެ؟ އޭނާއަކީ ކިހައި ފަރިއުއްމީދީ (އޮޕްޓިމިސްޓިކް) މީހެއްކަން މަރިޔަމަށް އެނގެއެއް ނޫންހެއްޔެވެ؟ މިހާރުވެސް އޭނާ އަކީ ފަރިއުއްމީދީ މީހެކެވެ. ބަޣާވާތްކުރުމަށް އެހެން މީހަކު ރުއްސައިފާނެއެވެ. ކޮންމެ މީހަކު ހިޕްނޮޓައިޒްވެސް ކޮށްފާނެއެވެ. އެކަމަކު އަހަރެން... އަހަންނަކީ ސައްޔިދު ބޭފުޅަކީމެވެ. އަހަރެންގެ ހިތްބިރުގަންނަނީއެވެ. އަހަރެންގެ ޕެސިމިޒަމާއި އޮޕްޓިމިޒަމްގެ ސަބަބުން އޭނާގެ ދިރިއުޅުން ހަލާކު ވެދާނެތީ ބިރުގަނެއެވެ. އެހެން ވެއްޖެއްޔާ އޭނާ ދުނިޔޭގައި އުޅޭނީ ކިހިނެއްހެއްޔެވެ؟ ކަޅު އައިނެއް އަޅައިގެން ދުނިޔެ ބެލުމަކީ ކިހައި ބޮޑު ތުރާލެއް ލިބޭ ކަމެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އެކަހަލަ ތުރާލެއްގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ދެކެ ލޯބިވާށެކޭ އަހަންނެއް އޭނާ ގާތަކު ނުބުނަމެވެ. އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރާ ކަމެކެވެ.
މިވަގުތުވެސް މި ކޮޓަރީގެ ކުޑަދޮރުން އަހަންނަށް ދެ ގާޑުން އެބަފެނެއެވެ. އަހަރެންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ ވަގުތަކުވެސް އެދެ ގާޑުން ތިބެއެވެ. އަހަންނަކީ ކިހައި މުހިއްމު މީހެއްހެއްޔެވެ؟ އަހަރެންގެ މަންމައާއި ބައްޕަގެ އާއިލާއަށް އަހަރެން ކިހައި މުހިއްމުހެއްޔެވެ؟ ރައްކާތެރިކުރުމާއި ބެލެލެހެއްޓުމާ ހުރި ތަފާތު މަރިޔަމަށް އެނގޭހެއްޔެވެ؟ މީހުންގެ ހަށިގަނޑު ތޮރުފާފައި ތީރުތައް ނުކުމެގެންދާ ތަން ފިލްމުތަކުން ދެކެމެއް ނޫންހެއްޔެވެ؟ މީހެއްގެ މޫނަށް ތީރެއް ހެރުނުތަން ދުވަހަކުވެސް ދުށިން ހެއްޔެވެ؟
އެމަންޒަރު ދެކެން ބޭނުމިއްޔާ އަހަރެންގެ މޫނަށް ބަލާށެވެ. މީހަކަށް ރައްކާތެރިކަން ފޯރުކޮށްދޭން ތިބޭ ގާޑުން ފާރަވެރިވާނީ އެމީހާގެ ވަށައިގެން އުޅޭ މީހުންނާއި އެމީހާއާ ބައްދަލުކުރަން އަންނަ މީހުންނަށެވެ. އެކަމަކު އަހަރެންގެ ފާރަވެރިން އަހަރެންނާ ބައްދަލުކުރަން އަންނަ މީހުންނަށް ފާރަވެރިވުމުގެ ބަދަލުގައި ތިބެނީ އަހަރެންގެ މޫނަށް ބަލާށެވެ. އެއީ އެމީހުންނަށް އަންގާފައި އޮންނަ ގޮތެވެ. އަދި އެނގޭހެއްޔެވެ؟ އަހަންނަށް އިހްސާސްކުރެވެނީ ތީރަކަށް ފަހު ތީރެއް އަހަރެންގެ މޫނު ތޮރުފަމުން ދާ ކަމުގައެވެ. އެކަމަކު ރުއިމުގެ ބަދަލުގައި އަހަރެން ހެނީއެވެ. މިއަށްވުރެ ބޮޑު އިހާނެތިކަމެއް މީހަކަށް މެދުވެރި ވާނެ ހެއްޔެވެ؟
ނިދާ ބޭސް ނުކާނަމަ އަހަންނަކަށް ދުވަހަކުވެސް ނުނިދޭނެއެވެ. އެކަމަކު އެނގޭހެއްޔެވެ؟ މިބޭހުގެ އަސަރެއްވެސް މިހާރަކު އަހަންނަކަށް ނުކުރެއެވެ. ކޮންމެ ހަފްތާއަކު ބޭހުގެ ޑޯޒް ދެގުނަ އިތުރުކުރަމެވެ. އެހެންނޫން ނަމަ އަހަންނަކަށް ނުނިދޭނެއެވެ. މަރިޔަމް! އަހަންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ. އަހަރެންގެ ދުޢާ އިޖާބަކުރައްވާހެންނެއް ހިއެއް ނުވެއެވެ. މަރިޔަމްގެ ދުޢާ އިޖާބަކުރައްވައިފާނެއެވެ. ދުޢާކުރާށެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދެއްވާތޯ ދުޢާކުރާށެވެ. އަހަރެންގެ މި ދުނިޔެއަށް ހިތް ޖެހޭތޯ ދުޢާ ކުރާށެވެ. ދުނިޔޭގެ މަޅިތައް ރަނގަޅު އެއްޗެއްގެ ގޮތުގައި އަހަންނަށް ފެންނަގޮތް ވޭތޯ ދުޢާކުރާށެވެ. ދުޢާކުރާށެވެ. ﷲ އަހަރެންގެ މައްޗަށް ބައްލަވައި ވޮޑިގަންނަވާތޯ ދުޢާކުރާށެވެ.
މަރިޔަމްގެ ދަރްމަކްނޫން
(ނުނިމޭ)