ފަކުރު - 3

(4 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

12 މާޗް

ލަހޯރް

މަރިޔަމަށް!

ހެޔޮ ދުޢާ ސަލާމް!

އަހަރެން މިސިޓީ މިލިޔަނީ އަވަށުގައި ހުރެއެވެ. މިއަވަށުގައި އުޅޭތާ ހަތަރު ދުވަސް ވެއްޖެއެވެ. ދެން އުޅޭނީ ވެސް މިރަށުގައެވެ. މިރަށުގައި އުޅޭއިރު ހީވަނީ ޖަހައްނަމައިގައި އުޅޭހެންނެވެ. އެކަމަކު މިޖަހައްނަމް ވަރަށް ފިންޏެވެ. ހަށިގަނޑަކަށް ހޫނުކަމުގެ އަސަރެއް  ނުކުރެއެވެ. އެކަމަކު ރޫޙު މަރުވާވަރުވެއެވެ. އަހަންނަށް އިހްސާސް ކުރެވޭ ގޮތުގައި އަހަންނަކީ ރޫހު މަރުވެފައި އެކަމަކު ދިރިހުރި ހަށިގަނޑެކެވެ.

މުޅި އުމުރު އަހަރެން އުޅުނީ މިގޭގައި މި ހަވޭލީގައެވެ. އެކަމަކު ކިހިނެއްވެގެން ކަމެއް ނޭނގެއެވެ. މިހާރު އަހަރެން މިގެ ދެކެ ވަރަށް ބިރުގަނެއެވެ. މި ބިރަކަށް އެއްވެސް ފަރުވާއެއް ނެތެވެ. މަރިޔަމް، އަޅެ ބުނެބަލާށެވެ. މި ގޭގެ އުސް، ފުޅާފުޅާ ގޯޅިގޯޅިއާއި ތަނަވަސް ވެރަންޑާތަކުގައި އަހަރެންގެ އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރާނީ ކިހިނެއްހެއްޔެވެ؟ ވިހި އަހަރު ފަހުން އައިސް މި ފާރުތަކާ އެކަނިމާއެކަނި ވާހަކަ ދައްކާލަދައްކާލާ ހުރެ ދިރިއުޅުން ހޭދަކުރާނީ ކިހިނެއްހެއްޔެވެ؟ އެކަމަކު އަހަންނަށް އުޅެން ޖެހިފައި ވަނީ މިތަނުގައެވެ.

މިފާއިތުވީ ހަތަރު ދުވަހު އަވަށުގެ އެތައް އަންހެނަކު އަހަންނާ ބައްދަލުކުރަން އައެވެ.

އެމީހުންގެ ކުރިމަތީގައި އަހަންނަކީ ވަރަށް ޚާއްޞަ މީހެކެވެ. ސައްޔިދް ޢަލީ ޢައްބާސް ރިޒްވީ ގެ ދޮށީ އަންހެން ދަރިފުޅު މިއިނީ ދީނީ އަދި ދުނިޔަވީ ޢިލްމު ހާސިލުކޮށްގެން އައިހެވެ. އޭނާ ޚާއްޞަ ވަނީ އޭނާއަކީ މުޅި މި ޢާއިލާއިން ވެސް ޑޮކްޓަރުކަން ކިޔަވަން އަވަށުން ބޭރަށް ދިޔަ ހަމައެކަނި ކުއްޖާއަށް ވީތީއެވެ. އަދި ބައްޕަގެ ގޮނޑީގައި އިށީނދެ ބައްޕަ ފަދައިން ރޫޙާނީ ފަރުވާދީ، އޭގެ އިތުރުން ޖިސްމާނީ ފަރުވާވެސް ދޭމީހަކަށް އަހަރެން ވާނެ ކަމަށް އެމީހުން ހީކުރެއެވެ. އެކަމަކު އަހަރެން އެކަމެއް ނުކުރާނަމެވެ.

އަހަރެން އެގޮތަށް މީހުންނަށް ފަރުވާ ނުދޭނޭކަން މަރިޔަމަށް އެނގޭނެއެވެ. އަމިއްލަ ގެ އާބާދު ނުކުރެވޭއިރު ބޮޑު އަވަށެއް އާބާދު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ހިތަށާއި އަމިއްލަ ރޫޙަށް ޝިފާ ނުދެވޭއިރު މީހުންނަށް ޝިފާ ދެނީ ކީއްކުރަންހެއްޔެވެ؟

އަހަރެން މި އަވަށުގައި އެއްވެސް ހޮސްޕިޓަލެއް އެއްވެސް ބޭސްފިހާރައެއް ނުހުޅުވާނަމެވެ. އަމިއްލަ ނަފްސަށް އެއްވެސް ކަމެއް ނުކުރެވޭއިރު އެހެން ބަޔަކަށް ކަމެއް ކޮށެއްނުދެވޭނެއެވެ. ހަނދާން އެބަހުރިހެއްޔެވެ؟ ޑޮކްޓަރުކަން ކިޔަވަން ބައްޕަ އަހަރެން ފޮނުވީ އެހެންވެގެންނެވެ. ބައްޕަ ދެކޭ ހުވަފެން ބޮޑެވެ. އެއީ އެހެން މީހުންގެ ލޮލަށް ހެރިފައިވާ ތިނޯހާއި ކަށި ނެގުމަށް ފަހު ދަރްމަކްނޫން އެ ކަށްޓާއި ތިނޯސް އަމިއްލަ ލޮލަށް ހަރާތަން ދުށުމުގެ ހުވަފެނެވެ. ނަން ހިނގާ މަޝްހޫރު މީހަކަށް އަހަރެން ވާތަން ދުށުމުގެ ހުވަފެނެވެ. އަމިއްލަ އެދުމެއް ނެތި މީހުންނަށް ޚިދުމަތްކޮށް އެގޮތުގައި މަޝްހޫރުވާތަން ދުށުމުގެ ހުވަފެނެވެ. ސައްޔިދު ޢަލީ ޢައްބާސް ރިޒްވީގެ ޢާއިލާގައި ތިބެނީ ސައްޔިދު ބޭފުޅުންނެވެ. އެމީހުންގެ ދިރިއުޅެނީ މީހުންނަށް ޚިދުމަތް ކުރާށެވެ. އަމިއްލަ ނަފްސު މަރައިލާ ގޮތަކީ މިއީއެވެ.

މަރިޔަމްއެވެ. އަހަރެންގެ ހުވަފެންތައް ރޫޅި ހަލާކުވެގެން ދާނަމަ އަދި އަހަރެންގެ ހިތުގެ އެދުންތައް ކުދިކުދިކޮށް އެއްލައިލާން ޖެހޭނަމަ ބައްޕަގެ ހުރިހާ ހުވަފެނެއްވެސް އެގޮތަށް ރޫޅިގެން ދާނެއެވެ. އަހަރެން ކުރާނޭ ހަމައެކަނި ކަމަކީ ތަޤްވާވެރިވުމެވެ. މީހުންނަށް ޚިދުމަތް ކުރުމެއް ނޫނެވެ.

ޢާޝިރް އާއި އަހަރެންގެ ކާވެންޏަށް ދެކޮޅު ހަދަމުން ބައްޕަ ބުންޏެވެ.

"އަހަރެމެންނަކީ ތެދުމަގުގެ އަހުލުވެރިންނެވެ. ރަސުލާގެ ދަރިކޮޅުގެ މީހުންނެވެ. ހަތް ދަރިކޮޅުން ފެށިގެން އަހަރެމެން އައީ ނަސަބު ދެމިގެން އަންނަ ގޮތް ލިޔެ ބަލަހައްޓަމުންނެވެ. ހަނޑޫފުކެއްގެ މިންވަރަށް އަހަރެމެންނާ ނުގުޅޭ ކަމެއް ފެނުނަސް އަހަރެމެން އެފަދަ މީހަކާ ގުޅުން ގާއިމެއް ނުކުރަމެވެ. އަމިއްލަ ގެ އާރާސްތުކުރަން ތިގެނައި މީހާގެ ސަތޭކަ ދަރިކޮޅާ ހަމައަށް ބެލިއިރުވެސް ސައްޔިދުންގެ ނަމެއް ނިޝާނެއް ފެންނާކަށް ނެތެވެ. އާއިލާތެރެއިން ކޮންމެ މީހަކު ހޯދައިގެން އިންނަން އުޅުނަސް އެންމެ ރަނގަޅެވެ. އެހެން ނޫނީ އަހަރެން ކަލޭގެ ކާވެންޏެއް ނުކޮށްދޭނަމެވެ. އަހަންނަށް ފަހު އަހަރެންގެ ގޮނޑީގައި އިށީންނާނީ ދަރްމަކްނޫނެވެ. ހުރިހާ ކަމަކަށް ސަމާލުވާނީ ވެސް ދަރްމަކްނޫނެވެ. އާއިލާގެ ނަން ދެމެހެއްޓުމަކީ ދަރްމަކްނޫންގެ ޒިއްމާއެކެވެ. އުނގަންނައިދިނީ ކިޔަވައިގެން އައިސް މީހުންނަށް ޚިދުމަތް ކުރާށެވެ. ތިކަހަލަ ވިޔާނުދާ މީހުން ހޯދާކަށެއް ނޫނެވެ. ދަރްމަކްނޫން! ތިއީ އާދައިގެ މީހެއް ނޫނެވެ. ތިއީ ސައްޔިދު ބޭފުޅެކެވެ. އުޑުން ފައިބައިގެން ހިރަފުހުގައި މޮޑެވެން އުޅެނީ ކީއްކުރަންހެއްޔެވެ؟ ބައްޕަ ތި ދެ އަންހެން ކުދީން ބަލައި ބޮޑުކުރީ ފިރިހެން ކުދިން ކަމަށް ދެކިގެންނެވެ. މި އާއިލާގެ އަގު ހިފަހައްޓާނީ ތި ދެކުދީންނެވެ. މި އާއިލާގެ ނަން ދަމަހައްޓާނީ ތި ދެކުދިންނެވެ. އާއިލާގެ އިއްޒަތް ދަހަމައްޓާނީ ވެސް ތި ދެކުދިންނެވެ. ތިކަހަލަ ވިޔާނުދާ ކަންކަން ކޮށްގެން އާއިލާގެ އިއްޒަތް ނަގައިނުލާށެވެ."

އާނ! ބައްޕަ ދެއްކި ހުރިހައި ވާހަކައެއް އަކުރުން އަކުރަށް އަހަރެން ހަނދާން އެބަހުއްޓެވެ. ފަރުވާތެރިކަމާ ހުނަރުވެރިކަމާއެކު ބައްޕަ އަހަރެންގެ ހިތަށް ޚަންޖަރު ހަރައިފިއެވެ. ޚާއްސަ މީހަކަށް ވުމަކީ ވޭންދެނިވި ކަމެއްކަން އެނގޭހެއްޔެވެ؟ އެއީ ކަރުގައި ޖެހޭ ކަށްޓެއް ފަދަ ކަމެކެވެ. ޖެހުމަށްފަހު ނުއެއް ނެއްޓެއެވެ. މި އަވަށުގެ އަންހެނުން އައިސް އަހަރެންގެ އަތުގައި ބޮސްދެއެވެ. މާމުއި ފަދަ އެއްޗެތި އަހަރެންގެ އަތުން ލައްވައިގެން އެމީހުންގެ ދަރީންގެ އަނގަ ފޮނިކޮށްދޭން ބޭނުންވެއެވެ. އަހަރެންގެ ފައިދޮށުގައި އިށީނދެ ތިބުމަކީ ނަސީބެއް ކަމަށް ދެކެއެވެ. އެމީހުންގެ އަތުގައި ބޮސްދޭން އަހަރެންގެ ހިތަށް އަރައެވެ. އެމީހުން ގާތު އަހަރެންގެ ބޮލުގައި ފިރުމާދޭށޭ ބުނަން ހިތަށް އަރައެވެ. އަހަންނަށްޓަކައި ދުޢާކޮށްދޭން އެމީހުން ގާތު ބުނަން ހިތަށް އަރައެވެ. އެމީހުންގެ އަތުގައި ހުރިހާ އެއްޗެއް އެބަހުއްޓެވެ. ފިރިން، ދަރިން، ގެ އާއި މިނިވަންކަން އެމީހުންނަށް ވަނީ ލިބިފައެވެ. އަހަރެންގެ އަތުގައި އޮތީ ކޯޗެއްހެއްޔެވެ؟ ހަމައެކަނި ނަމެކެވެ. ވަރުގަދަ ނަމެކެވެ. މީހުން އަހަރެންގެ ކުރިމަތީ އިސްޖަހާލާ ވަރުގެ ބޮޑު ނަމެކެވެ. އެނަމާ ހެދި އަހަންނަކީ އާދައިގެ އިންސާނެއް ކަމަކަށް މީހުން ގަބޫލެއް ނުކުރެއެވެ. އެމީހުންގެ ކުރިމަތީގައި ރޯން އަހަރެންގެ ހިތަށް އަރައެވެ. އަޑުންއަޑު ނަގައި ރޯން ހިތަށް އަރައެވެ. އަހަރެންގެ ހުރިހާ ހިތާމައެއް ބަންޑުންކޮށްލަން އަހަރެންގެ ހިތަށް އަރައެވެ. އަވަށުގެ މީހުން ތިބޭހެން މުޑުދާރު، މިލަ ފޭރާމުގައި އައިސް އެމީހުންގެ ކުރިމަތީގައި ހިތަށް އަރާހައި އެއްޗެއް ގޮވަން ހިތަށް އަރައެވެ. އެއިން އެކަކަށްވެސް ފުރުސަތު ނުދީ އަމިއްލަ ހިތުގައި ހުރި ހުރިހާ ވާހަކައެއް ފައުޅުކުރަން ހިތަށް އަރައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އަހަންނަށް ޖެހެނީ ބުދެއްހެން ގޮނޑިއެއްގައި ބާލީހަކަށް ލެނގިލައިގެން ހިމޭނުން އިންނާށެވެ. ޖެހެނީ މީހުންގެ ވާހަކަ އަޑުއަހާށެވެ. މީސްމީހުންގެ ތަކުލީފާއި ހާސްކަމާއި ކަންބޮޑުވުމުގެ ވާހަކަ އަޑުއަހާށެވެ. އަހަރެން ވާހަކަ ދައްކަން ޖެހެނީވެސް މީހުންނަށް ނީވޭ ވަރަށެވެ. އަހަރެންގެ އަޑު އިވެން ޖެހެނީ އަހަރެން ގާތު ވާހަކައެއް އަހާ މީހަކަށް އެކަންޏެވެ. އަހަރެންގެ ކަމަކީ ހަމައެކަނި މީސްމީހުންގެ ހިތްހަމަ ޖައްސައިދިނުމެވެ. ދެން ޖެހެނީ ކެތްތެރިވުމަށް ނަސޭހަތް ދޭށާއި ހެޔޮ ވަގުތު އަންނާނެ ކަމުގެ އުއްމީދު ދޭށެވެ. ދުޢާ އިޖާބަކުރައްވާނޭ ކަމުގެ ޔަގީންކަން ދޭށެވެ. އެއީ ކިހައި އުނދަގޫ ކަމެއްކަން މަރިޔަމަކަށް ނޭނގޭނެއެވެ. އެނގޭނީ އަހަންނަށެވެ.  ހަމައެކަނި އަހަންނަށެވެ. ހިތުތެރޭގައި ބޮޑު ތޫފާނެއް އުފެދިފައި އޮންނައިރުވެސް އަހަންނަށް މިޖެހެނީ ބޭރުފުށުން ގަނޑުފެންކޮޅެއްހެން ދައްކައިގެން އިންނާށެވެ. އެގޮތަށް ފިނި ގަނޑުފެންކޮޅެއްހެން ބޭރުފުށުން ދައްކައިގެން އިނުމަކީ އެހައި ފަސޭހަކަމެއް ނޫންކަން މީހުންނަކަށް ނޭނގޭނެއެވެ.

މިއަދު އަންހެނަކު އޭނާގެ އަންހެން ދަރި ގޮވައިގެން ދުޢާކުރުވަން އަހަރެން ގާތަށް އައެވެ. އޭނާ ބުންޏެވެ. "ޒާހިދު ކަމަނާއެވެ. މަގު ގެއްލިފައިމިވާ އަހަރެންގެ ދަރިއަށްޓަކައި ދުޢާ ކޮށްދޭށެވެ. އޭނާ ތެދުމަގުން ކައްސައިލައިފިއެވެ. އަހަރެމެން ބުނާ މީހަކާ އިންނާކަށް އޭނާ އެއްބަހެއް ނުވިއެވެ. އޭނާ އިންނަން ބޭނުންވަނީ އޭނާ ބޭނުން މީހަކާއެވެ. އަހަރެމެން އޮތީ ކުޑައިރުއްސުރެ އޭނާގެ ކާވެނި ހަމަޖައްސައިފައެވެ.  ކާވެންޏަށް އިންކާރުކުރުމުން މިހާރު ލަދުން މީހުން ކުރިމައްޗަށް ނިކުންނާކަށްވެސް އަހަރެމެންނަކަށް ނުކެރެއެވެ. މި މަގުއޮޅިފައިވާ ކުއްޖާއަށް ވިސްނައިދޭށެވެ. އޭނާއަށް ހަމަބުއްދި ލިބޭނޭގޮތް ހަދައިދޭށެވެ. މައިންބަފައިންގެ ދަރަޖައަކީ ކޮބައިކަން އޭނާއަށް ވިސްނައިދޭށެވެ. މައިންބަފައިން ރުޅިއަރުވައިފިނަމަ ﷲގެ ރުހިވޮޑިގަތުން ނުލިބޭނޭކަން ވިސްނައިދޭށެވެ. މައިންބަފައިންގެ ހިތުގައި ޖައްސައިގެން ހިތްހަމަޖެހުމެއްވެސް ނުލިބޭނެއެވެ."

އޭނާގެ މަންމަ އައި ގޮތަށް އައިސް ފެށީ އެކުއްޖާގެ ވާހަކައެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. މިލަ ހެދުމުގެ ފަސްބައިން ކަރުނަ ފޮހެފޮހެ އިން އަންހެއްކުއްޖާއަށް ބަލަން ހިމޭނުން އިނީއެވެ. އެހެން އިނދެފައި އަހަރެން ކުރީ އަހަރެން ކުރަންޖެހޭ ކަންތަކެވެ. ހުތުރުކޮށް އެކުއްޖާއަށް އެއްޗެހި ގޮވީއެވެ. (ވެރިމީހާގެ ހިތް ވީރާނާވެފައި އޮތްވައި ހިތް އާބަދުކުރުމުގެ ހައްގު ރައްޔިތުންނަށް ލިބިދެވޭނީ ކިހިނެއް ހެއްޔެވެ؟) ހިމޭނުން ކަރުނަ ބާލަބާލާ އިން އަންހެން ކުއްޖާ އިސްޖަހައިގެން އަހަރެން ގޮވި އެއްޗެހި އަޑުއަހަން އިނެވެ.

ޢާޝިރް އަހަންނާ އިންނަން އެދުނު ދުވަހު ބައްޕަ އަހަންނަށް އެއްޗެހި ގޮވި އަޑުއަހަން އަހަރެން ވެސް އިނީ އެހެންނެވެ. އެދުވަހު އެއްވެސް މީހެއްގެ ހިތަކު އަހަންނަކަށް ހަމްދަރްދީއެއް ނުއުފެދެއެވެ. އެކުއްޖާގެ މަންމަ އަހަންނަށް ހެޔޮދުޢާ ކުރަމުން އޭނާ ގޮވައިގެން ހިނގައްޖެއެވެ. އަހަންނަށް މިޖެހެނީ މީސްމީހުންގެ ހިތްހަލާކުކޮށްފައި މިގޮތަށް ހެޔޮދުޢާ ހޯދާށެވެ. ނަން ހޯދާށެވެ. ގަދަރު މަތިކުރާށެވެ. އިއްޒަތް ގާއިމުކުރާށެވެ. އެހެނީ ސައްޔިދާ ދަރްމަކްނޫން ޢަލީ ޢައްބާސީ އަކީ އާދައިގެ އަންހެން ކުއްޖެއް ނޫނެވެ. މި ޖުމްލައަކީ ވެސް މިހާރު ހަރުފައެއް ފަދަ ވިހަ އެއްޗެކެވެ.

އަދި އަހަންނަކަށް މަރިޔަމްގެ ސިޓީ ނުލިބެއެވެ. އަހަރެން ނެތީސް ލާހޯރަށް ސިޓީ ލިބިފައި އޮތުން އެކަށީގެންވެއެވެ. ކުރިން ފޮނުވި ސިޓީގެ ޖަވާބު ނުލިބެނީސް މިސިޓީ މިލިޔަނީ ނުލިޔެފިއްޔާ މިއަދު އަހަރެންގެ ބޯފަޅައިގެން ހިނގައިދާނެތީއެވެ. އަހަރެންގެ ވަށައިގެން މި އެނބުރޭ މީސްމީހުން އަހަންނަށް ފެންނަނީ އެހައިވެސް ވިޔާނުދާ ބައެއްގެ ގޮތުގައެވެ.

މަރިޔަމް ތިހިރީ އުފަލުގައި ހެއްޔެވެ؟ އަހަރެންގެ ދުޢާއަކީ ﷲ މަރިޔަމް އަބަދުވެސް އުފަލުގައި ލެހެއްޓެވުމެވެ.

މަރިޔަމްގެ ދަރްމަކްނޫން

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.