ފަކުރު - 1

17 ޖެނުއަރީ

ލާހޯރް

މަރިޔަމަށް!

ހެޔޮ ދުޢާ ސަލާމް!

ކާވެންޏަށްފަހު ފުރައިގެން އިނގިރޭސިވިލާތަށް ދިޔަފަހުން މަރިޔަމް ފޮނުވި ފުރަތަމަ ސިޓީ މިއަދު އަހަންނަށް ލިބިއްޖެއެވެ. ދެ ހިތެއްގެ ދުރުމިން ބޮޑުވި ވަރަކަށް އެ ދެ ހިތުގެ ގުޅުން ބަދަހިވެއެވެ. މަރިޔަމް މިހެން ބުނަމެއް ނޫންހެއްޔެވެ. އެހެން ނުވާނެ ނަމައެވެ. ހަތް އަހަރުގެ ދިގު އެކުވެރިކަމަށް ފަހު މަރިޔަމް ފުރައިގެން ދިއުމުން އަހަރެންގެ ވަށައިގެން މިއުޅޭ މީހުންގެ ތެރެއިން ތިޔަކަހަލަ ދެވަނަ މީހަކު ހޯދުމަކީ ވަރަށް ދަތި ކަމަކަށް ވާނެއެވެ. ތިޔަކަހަލަ ދެވަނަ މީހަކު ދުވަހަކުވެސް ފެންނާނެހެނެއް ހިއެއް ނުވެއެވެ.

އަހަރެންގެ ހުރިހާ އެއްޗެއް މަޑުމަޑުން އަތުން ބީވެގެން ހިނގައިދާނޭ ކަމުގެ އިހްސާސް އަހަންނަށް ކުރެވެނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ބައެއް އެއްޗެހި ކުރިންވެސް ބީވެގެން ހިނގައްޖެއެވެ. ދެން ހުރި އެއްޗެއް ވިއްޔާ ބީވެގެން ދާނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ހުސް ހިތަކާ އެކު ހުސް އަތާ އަހަރެން ދާނީ ކޮންތާނކަށް ހެއްޔެވެ. ރޯން އޮންނާކަށް މަރިޔަމްގެ ކޮނޑެއް މިހާރަކު ނެތެވެ. ކަންބޮޑު ނުވާށެވެ. އަހަންނެއް ނުރޮމެވެ. މަރިޔަމްގެ ލަފަޔާ އެއްގޮތަށް އަމަލުކުރެވޭތޯ އެބަ މަސައްކަތް ކުރަމެވެ. މަރިޔަމަށް ވީވައުދު ދަމަހައްޓާން ވެސް މަސައްކަތް އެބަ ކުރަމެވެ.

އަހަރެންގެ ހާލު ކިހިނެއްހޭ ސިޓީގައި ލިޔުނީމެއް ނޫންހެއްޔެވެ. އެއީ ކީއްވެހެއްޔެވެ؟ އެހެން ލިޔުނީ ކީއްވެހެއްޔެވެ؟ އިނިގިރޭސިވިލާތަށް ދިއުމުގެ ކުރިން ފޮނުވާ އެއްވެސް ސިޓީއެއްގައި އަހަރެންގެ ހާލެއް ނާހަމެއް ނޫންހެއްޔެވެ. މިހާރު އެހެން އެހީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހާލު ރަނގަޅު ނޫންހެން މަރިޔަމަށް ހީވަނީ ހެއްޔެވެ. އެހެން ހީނުކުރާށެވެ. އަހަރެންގެ ހާލު ރަނގަޅެވެ. ހުރިހާ ކަމެއްވެސް ރަނގަޅެވެ. އަހަރެން މިއުޅެނީ ވަރަށް އުފަލުގައެވެ. އަހަރެން ކަހަލަ އެހެން އަންހެން ކުދީންވެސް އުޅޭހައި އުފަލުގައެވެ.

ދެން ފޮނުވާ ސިޓީއެއްގައި އަހަރެން ކަހަލަ އެހެން ކުދީންނޭ މިބުނި ބަހުގެ މުރާދަކީ ކޮބައިހޭ ނާހައްޗެވެ. އަހަރެންގެ ވާހަކައިން އަހަންނަކީ ހަމަ މީހެއް ނޫންހެން ހީވަނީހެއްޔެވެ. ތިޔަ ހީކުރަނީ ރަނގަޅަށެވެ. މިހާރު މިދަނީ މަޑުމަޑުން ހަމައިން ނެއްޓެމުންނެވެ. އަޑިއަށް ދަމައިގަންނަ ކިސަޑު ގަނޑެއްގައި މީހަކު ތާށިވެފައި އޮއްވައި ދުށިންހެއްޔެވެ. ސަލާމަތްވާން ވެގެން އޭނާ އަތާއި ފައި ތަޅުވާނެއެވެ. އެއީ އެއްވެސް ގުޅުމެއް، އެއްވެސް މުދަލެއް، އެއްވެސް ފައިސާއެއް ސަލާމަތް ކުރާކަށް ނޫނެވެ. ހަމައެކަނި ފުރާނަ ސަލާމަތްކުރުމަށްޓަކައެވެ. މި ހައެއްކަ އަހަރުތެރޭ އަހަރެންވެސް މިއުޅެނީ އެކަހަލަ ކިސަޑުގަނޑެއްގައި ތާށިވެގެންނެވެ. ތަފާތަކީ ސަލާމަތްވާން ވެގެން އަތާއި ފައި ނުތަޅުވާކަމެވެ. ފުރާނަ ސަލާމަތްކޮށްގެން ކުރާނީ ކޮން ކަމެއްހެއްޔެވެ. އަހަރެންގެ ސިޓީ ކިޔާފައި ރޯން ނުފަށާށެވެ. މިހުރިހާ ވާހަކައެއް މި ލިޔަނީ މަރިޔަމް ހާސްކުރުވާކަށް ނޫނެވެ. ޑިޕްރެޝަންގެ އަނދަވަޅަކަށް ކުރިން އަހަރެން ވެއްޓުނުކަން މަރިޔަމަށް އެނގެއެއް ނޫންހެއްޔެވެ؟ މިހާރު މިއުޅެނީ އަނެއްކާވެސް އެ އުނދަގުލުގައެވެ. އަހަރެންގެ ހިތް އެދެނީ ހުރިހާ އެއްޗެއް ދޫކޮށްފައި އެކަނިމާއެކަނި ފިލައިގެން ގޮސް އުސްތަނަކަށް އަރައި ބާރަށް ހަޅޭއްލަވާށެވެ. އަހަރެންގެ ހަޅޭކާއި ގިސްލުމުގެ އަޑު ފަރުބަދަތަކުގެ ތެރޭގައި ގުގުމާފައި ހުންނަވަރަށް ބާރަށް ހަޅޭއްލަވާށެވެ.

ނާސިރާއެކު މަރިޔަމް އުފަލުގައި އުޅޭކަން އެނގުނީމާ އަހަރެންގެ ހިތަށް ހަމަޖެހުން ލިބެއެވެ. އެކަމަކު ބުނަންހެއްޔެވެ؟ ނާސިރު ނޫން އެހެން މީހަކާ އެކުވެސް މަރިޔަމް އުޅޭނީ އުފަލުގައެވެ. ﷲ އަހަންނަށް ޖެއްސެވި ކަހަލަ ބައްޔެއް މަރިޔަމަކަށް ނުޖައްސަވައެވެ. ނާސިރް ވަރަށް ރަނގަޅޭ މަރިޔަމް ލިޔުނީމެއް ނޫންހެއްޔެވެ. މަރިޔަމަށް ވަރަށް ހެޔޮ ވާހަކަ ލިޔުނީމެއް ނޫންހެއްޔެވެ. މަރިޔަމް ދެކެ ވަރަށް ލޯބިވާ ވާހަކަވެސް ލިޔުނީމެއް ނޫންހެއްޔެވެ. އަހަރެންގެ ދުޢާއަކީ މަރިޔަމްގެ ކޮންމެ ސިޓީއެއްގައި މި ތިން ޖުމްލަ އޮންނާނެ ކަމަށެވެ. އެކަމަށް ދުވަހަކުވެސް ބަދަލެއް ނައުމެވެ. މަރިޔަމަށް އެ ހެޔޮކަން ލިބެންޖެހެއެވެ. ކޮންމެ މީހަކާ އިނދެގެން އުޅުނު ނަމަވެސް އެމީހަކު މަރިޔަމް ދެކެ ލޯބިވާނެއެވެ.

އަހަރެންގެ ދިރިއުޅުމާއި މަސައްކަތާ ބެހޭގޮތުން މަރިޔަމް ސުވާލުކުރީމެއް ނޫންހެއްޔެވެ. މަރިޔަމަށް ހީވަނީ ކިހިނެއްހެއްޔެވެ. މަރިޔަމް ފުރައިގެން ދިޔަތާ އެއްމަސް ފަހުން ހުރިހާ ކަމެއް ބަދަލުވީކަމަށް ހެއްޔެވެ. ނޫނެކެވެ! ހުރިހާ ކަމެއްވެސް އޮތީ ކުރިންވެސް އޮތް ގޮތަށެވެ. އައި ހަމައެކަނި ބަދަލަކީ އިހުނަށްވުރެ ހިމޭންކަން އިތުރުވުމެވެ. ކުރިން ހިމޭންކަން ވެރިވެފައި އޮންނަނީ އަހަރެންގެ ހިތުތެރެއަށެވެ. ނަމަވެސް މިހާރު ހިމޭންކަން އަހަރެން ވަށައިލައިފިއެވެ. ހޮސްޕިޓަލުން އައިސް ކޮފީ ގިރައިގެން ކޮފީ މަގު ހިފައިގެން ގޮސް އަހަރެންގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި އެކަނިމާއެކަނި ހުންނަނީއެވެ. ކުރިން އަހަންނާއެކު މަރިޔަމްވެސް ހުންނަމެއް ނޫންހެއްޔެވެ. އެތަނުގައި އެކަނިމާއެކަނި ހުންނައިރު ވަރަށް ގިނަ ކަންކަން ހަނދާނަށް އާދެއެވެ. ނަމަވެސް ކޮފީ ބޮމުން ކުޑަދޮރުން ބޭރު ބަލަން ހުންނަނީއެވެ. ކުރިން ހުރިހާ ވާހަކައެއް ހިއްސާކުރަނީ މަރިޔަމްއާއެވެ.

ދެނެއް އަހަރެންގެ ކޮޓަރި އެހެން މީހަކާ ޝެއަރ އެއް ނުކުރާނަމެވެ. އަހަރެންގެ ހިތުން އެހެން މީހަކަށް މަރިޔަމްގެ ޖާގަ ނުދެވޭނެއެވެ. ކޮންމެ ދުވަހެއްގެ ހަވީރު އަހަރެން ހޭދަކުރަނީ މި ކުޑަދޮރު ކައިރީގައެވެ. އެހެން ހުއްޓައި އިރުއޮއްސުމުން އޭނާގެ ޚިޔާލުކުރެވެން ފަށައެވެ. މިހާރު މަރިޔަމްގެ ހަނދާންތައްވެސް އޭގެތެރެއަށް ވަދެއްޖެއެވެ.

އަދި އެއްއަހަރު ފަހުން އަހަރެންގެ ވެސް ފިޔަ ކޮށާފައި ކޮށްޓަކަށް ލައި ބަންދުކޮށްފާނެއެވެ. އެކަމަކު ބުނަންހެއްޔެވެ. އަހަރެންގެ ދުޢާއަކީ އެ އަހަރު ދިގުލައި، ނުނިމޭ އަހަރަކަށް ވުމެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ވަގުތުގެ ހިނގުމަކީ އަހަރެން ބޭނުންވާ ގޮތަށް ހިފެހެއްޓޭނޭ އެއްޗެއް ނޫނެވެ.  އެއް އަހަރު ފަހުން އަހަރެންގެ ހުވަފެންތަކާއި އެދުންތައް ކަފުންކޮށް ވަޅުލުމުން މަރިޔަމް ވެސް އެނބުރި އަންނާށެވެ. ސައްޔިދާ ދަރްމަކްނޫން ޢަލީ ޢައްބާސީ ރިޒްވީ ދެކެން އަންނާށެވެ. ރޫހާނި ގޮތުން ބަލިވެފައި ތިބޭ މީހުންނަށް ޝިފާ ދޭން މަސީހާ އަންނަގޮތަށް އަހަންނަށް ޝިފާ ދޭން އަންނާށެވެ. މަރިޔަމް! އަހަރަކު 365 ދުވަސް އޮންނަނީ ކީއްވެގެންހެއްޔެވެ. 3365 ދުވަސް ނޯންނަނީ ކީއްވެގެންހެއްޔެވެ.

އަހަންނަށް ސިޓީ ފޮނުވާށެވެ. މިއަހަރު ނިމެންދެން އަހަންނަށް ސިޓީ ފޮނުވުން ހުއްޓައިނުލާށެވެ. އަހަރެން އެނބުރި އަވަށަށް ދިއުމުން އަހަންނަށް ސިޓީ ނުފޮނުވާށެވެ. އޭރުން އެއްވެސް ގުޅުމެއް ބާއްވާ ވަރުގެ ގާބިލު މީހަކަށް އަހަރެން ނުވެދާނެއެވެ. ސިޓީ ނުފޮނުވިޔަސް އެކަމާ އަހަރެން ހިތްބަރެއް ނުކުރާނަމެވެ. ހަގީގަތާ ކުރިމަތިލާން ދަސްކުރަނީއެވެ. އެއްދުވަހަކު މަރިޔަމް ބުނީމެއް ނޫންހެއްޔެވެ. "ދަރްމަކްނޫނެވެ. ކަލޭގެ މައްސަލައަކީ ހާލަތެއް ނޫނެވެ. ކަލޭގެ މައްސަލައަކީ ފޮނިފޮނި ޚިޔާލެވެ. އުފާކުރާށެވެ. ފޮނިފޮނި ޚިޔާލަށް ނިމުން އަންނަނީއެވެ.

ދަރްމަކްނޫން

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.