(14 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ޝައްކުކުރެވުނީ ކަލާގެ ނަން ބުނުއްވުމުގެ ކުރީން ކުޑައިރުކޮޅަކަށް ކަލާ މަޑުކޮށްލެއްވިކަން އަޅުގަނޑަށް ފާހަގަ ކުރެވިގެން އެހާ ކުޑަ ހިނދުކޮޅެއްވެސް އެއީ ޝައްކު އުފެދުމަށް އެކަށީގެންވާ މިންވަރެއް "ކަލާ ހާދަ ހުޝިޔާރޭ" އޭނާ ވަރަށް ބާރަށް ހީނގަތެވެ. ހީވީ ފަޒާގެ ތެރެއަށް ރިހި ރަނގަބީލުތަކެއް އަޑުގެ ފެތުރިގެން ހެންނެވެ. އިންދަރްޖީތަށް އިޙްޞާސް ވަމުން ދަނީ މި އަންހެންކުއްޖާ ހިނިތުންވެލުމާއި ހުނުމަކީ ވެސް ކޮންމެވެސް އާދަޔާޚިލާފު ފޮނިފޮނި ރީތި އެއްޗެއްކަމެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރުމަށްފަހު ކްލެރާ ވާހަކަ ދައްކަން ފެއްޓިއެވެ." ކަލާއަށް ތިޔަ ހީވެލެއްވީ ހަމަރަނގަޅަށް. އަޅުގަނޑުގެ ނަމަކީ ކްލެރާ ރޮބިންސްއެއް ނޫން... އަޅުގަނޑުގެ ނަމަކީ ޑޮރޮތީ ބޭކަރް!"
"ބޭކަރް އެއީ ކަލާގެ ފިރިކަލުންގެ ނަންތޯ؟"
"ނޫން އަޅުގަނޑު އަދި މީހަކާ ނީންނަން!"
"ޑޮރްތީ ބޭކަރް އެއީ ހަމަ ކަލާގެ އަޞްލުނަންތޯ؟"
"މިހާރަށް އެއީ އަޞްލު ނަންކަމުގައި ބައްލަވާ!" ޑޮރްތީ ބުންޏެވެ. "އަޞްލުގައި އަޅުގަނޑުގެ ނަން ބަދަލުކޮށް އުޅުމަކީ އާދައެއް... ކޮންމެ އާތަނަކަށް ދެވުނީމާ އާނަމެއް ޚިޔާރުކުރަނީ...ބައެއް އަންހެނުން ފިރިން ބަދަލުކުރާގޮތް ވެސް ހުރޭ ނޫންތޯ؟..... އެގޮތަށް އަޅުގަނޑު އާދަވެފައިވަނީ ނަން ބަދަލުކުރަން" އޭނާ އަނެއްކާވެސް ބާރަށް ހީނގަތެވެ.
އެފަހަރު އިންދަރްޖީތު ވެސް އޭނާގެ ހުނުމުގައި ބައިވެރިވިއެވެ. "ކަޝްމީރާ ބެހޭގޮތުން ވާހަކައެއް ލިޔުއްވަން ފެއްޓެވީތޯ؟" އިންދަރްޖީތު ސުވާލުކޮށްލިއެވެ.
"ނޫން އަދި މިހާތަނަށް ހަމައެކަނި ކަޝްމީރުގެ މާޙައުލާބެހޭ ގޮތުން ދިރާސާކޮށްލަނީ.... އަދި މިތާނގެ މީހުން ދަސްކޮށްލަނީ. އޭގައި ރެއިން ފެށިގެން ކަލާވެސް ވަނީ ޝާމިލްވެފައި..."
"ޝުކުރިއްޔާ"... އިންދަރްޖީތު އޭނާއާ ދިމާއަށް ކުޑަކޮށް ބޯތިރިކޮށްލާފައި ބުންޏެވެ. "ކަލާ ލިޔުއްވަނީ ކޮންކަހަލަ ވާހަކައެއްތޯ؟"
"ގިނައިން ލިޔެއުޅެނީ ހިތްވަރުގަދަ ކަންތައްތަކުގެ ވާހަކަ... އަޅުގަނޑު ބޮޑަށް ޝަވްޤު ހުންނަނީ އެޑްވެންޗަރތަކަށް..."
"ހަމައެކަނި ވާހަކައިގައިތޯ.. ނުވަތަ ޙަޤީޤީ ދިރިއުޅުމުގައިތޯ؟" އިންދަރްޖީތު އަހާލިއެވެ.
"ދެގޮތުގައި ވެސް"
އިންދަރްޖީތާއި ޑޮރޯތީއަށް އޭރުވަނީ ޕެހެލްގާމް ކްލަބްގެ ދޮރުމަތީގައިވާ ވިނަގަނޑަށް އާދެވިފައެވެ. މޫސުމުގެ ފިނިކަން ކަނޑުވާލެވޭތޯ ދެމީހުންވެސް ތިބީ ސިނގިރޭޓް ރޯކޮށްގެންނެވެ. ކްލަބްހައުސްއާ ދިމާއަށް ދަމުން ދަމުން ޑޮރޮތީ ސުވާލުކޮށްލިއެވެ. "މިސްޓަރ ޖޯޒޮފް ޑަލްގާޑޯ! ކަލާ އަޅުގަނޑު ގާތު ބުނުއްވާފައި ތިޔަވަނީ ކަލާގެ ހަމަ އަޞްލު ނަންތޯ؟"
"އަޅުގަނޑުގެ ނަން؟.. އިންދަރްޖީތު ކޮންމެވެސް އެއްޗެއް ވިސްނާލާފައި ބުނަން ފެއްޓިއެވެ. "ކަލާ ތިޔަ ހެއްދެވީ ގޯހެއް ޑޮރޮތީ!... ކަލާ އެއްގޮތަކަށްވެސް ކަލާގެ ނަން ބުނުއްވުމުގެ ބޭނުމެއްނެތް... ރީތި ކަމަކަށް ނަމެއް ނޯވޭ!"
"ކަލާ ނަން އަޅުގަނޑަށް ބުނުއްވާ ނުދެއްވީ އެހެންވެގެންތޯ؟" ޑޮރޮތީ އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭނާގެ ލޮލުން ފެންނަނީ ލާނެތް އަސަރެކެވެ.
އިންދަރްޖީތު ހީނލާފައި ބުންޏެވެ. "އާނ... އެހެން ކަމަށް ވެދާނެ...."
"އެކަމަކު މިސްޓަރ...ނަންގަންނަންތޯ... ކަލޭގެ ނަމަކީ ކޮންމެ ނަމެއްކަމުގައި ވީނަމަވެސް.. ކަލާއަކީ މާރީތި މީހެއް ކަމަށް ހީކުރެއްވުމުގެ ކުށްހީގައި ނުހުންނަވާތި.... ކަލާއަކީ ހަމަ އާދައިގެ މީހެއް. އެއްވެސް ކަހަލަ އާދަޔާ ޚިލާފުގޮތެއް ކަލާގެ ސިފައަކު ނެތް.." ޑޮރޮތީ ބުންޏެވެ. އިންދަރްޖީތުގެ ހަޔާތުގައި ފުރަތަމަފަހަރަށް ރީތި އަންހެންކުއްޖެއްގެ ފަރާތުން މަލާމާތެއް ކުރިމަތިވީ ފަހަރަކީމިއެވެ. އެހެންކަމުން އޭނާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހިމޭނުން ހުއްޓެވެ.
އެވަގުތު އަނެއްކާވެސް ޑޮރޮތީ ހީނގަތެވެ. އަދި ބުނެލިއެވެ. "ޓޭކް އިޓް އީޒީ... އަޅުގަނޑު ސަމާސާކޮށްލީ. އަޅުގަނޑަށް ކަލާގެ ނަން އެނގޭ...އިންދަރްޖީތު.....ފްރޮމް ބޮމްބޭ!..."
އިންދަރްޖީތު ވިސްނުންތެރިކަމާއިއެކު ޑޮރޮތީއާ ދިމާއަށް ބަލަން ފެއްޓިއެވެ. އޭނާއާބެހޭ ގޮތުން ޤަވާޢިދުން އެނގޭނޭ އެއްވެސް މީހަކު ސީމާ ފިޔަވައި ޕެހެލްގާމްގައި ހުރެގެން ނުވާނެއެވެ. ޓޫރިސްޓް ބަންގްލޯގައިވެސް އޭނާ ރަޖިސްޓަރީ ކޮށްފައި އޮންނާނީ އެހެން ނަމެއްގައެވެ. އެހެންވީއިރު މިއަންހެން ކުއްޖާއަށް އޭނާއާބެހޭ ގޮތުން އެނގެންވީ ކީއްވެބާއެވެ.
"ކަންބޮޑުވެނުލައްވާ. އިންސްޕެކްޓަރު! ކްލަބަށް ގޮސް ކޮންމެ މީހަކުވެސް ރާތައްޓެއް ބޯލަނިކޮށް ހަމަޖެހިދާނެ. އެތާތިބެ ވާހަކަ ދައްކާލާނީ..."
އިންދަރްޖީތު އޭނާއާއެކު ހިނގަމުންގޮސް ކްލަބްހައުސްއަށް ވަދެއްޖެއެވެ.
އަށެއް
ޕެހެލްގާމް ކްލަބްގޭގެ ފެންޑާމަތީގައި ހުރެ ދެގޮނޑީގައި އިންދަރްޖީތާއި ޑޮރޮތީ ތިއްބެވެ. ދެމީހުން ކުރިމަތީގައިވާ މޭޒު މަތީގައި ދެބައިކުޅަ އެއްބަޔަށްވުރެ މަދުވެފައިވާހުރި ތަށި ބްރޭންޑީ ހުއްޓެވެ. އިންދަރްޖީތު ޑޮރޮތީއާ ވާހަކަ ދައްކަނީއެވެ.
"ކަލާއަށް އަޅުގަނޑާ ބެހޭގޮތުން ކަންތައްތައް އެނގިލެއްވީ ކިހިނެތްތޯ؟"
ޑޮރޮތީ އަނެއްކާވެސް ބްރޭންޑީ ފޮދެއް ބޯލާފައި ބުންޏެވެ." ވަޢުދުކުރައްވާ.. މިވާހަކަ އޮންނަންވާނީ ހަމައެކަނި.. ހަމައެކަނި..އަޅުގަނޑުމެންގެ ދެމީހުންގެ ދެމެދުގައި..."
"ވައުދު ކޮށްފިން..." އިންދަރްޖީތު އޭނާގެ އަތުގައި ހިފާލާފައި ބުންޏެވެ.
"ކަލާ ކުރިން ޕެހެލެގާމްގައި ހުރި ތިޔަ ފަރާތުގެ އޭޖެންޓް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ގެއްލިފައި..... އަޞްލުގައި އޭނާ މަރުވެއްޖެ. އޭނާއާ އަޅުގަނޑާ ދެމީހުން އެކަކު އަނެކަކު ދަންނަން. އަދި ފަހުން އެކަން ބަދަލުވެފައިވަނީ ރަޙްމަތްތެރިކަމަށް... ވަރަށް ގިނަދުވަހު އަޅުގަނޑުމެން އުޅުނީ އެކުގައި.. އޭނާ އަޅުގަނޑާ ކައިވެނި ކުރަންވެސް އެދުނު...
ވަރަށް ގިނަމީހުން އަޅުގަނޑާއި ބައްދަލުވުމަށްފަހު އަޅުގަނޑާ އިންނަން އެދޭކަން ހާމަކުރޭ...ބޭޗާރު.." ޑޮރޮތީ އޭނާ އަތުގައި އޮތް ސިނގިރޭޓުން އަނދާފައިވާ ބައިގެ އަޅިކޮޅު އޭޝްޓްރޭގެ ތެރެއަށް ފޮޅާލިއެވެ. ހީވަނީ އޭނާގެ ޙަޔާތަށް އައިސްފައިވާ އެތައްބަޔަކު އެގޮތަށް ފޮޅާލާފައި ވާނޭ ހެންނެވެ. އަނެއްކާވެސް ބުންޏެވެ. "ނަމަވެސް ޑާގަރްގެ މީހުން ކަލާމެން އެޖެންޓް މަރާލީ..."
"ކަލާއަށް އެނގިލެއްވީ ކިހިނެތް؟" އިންދަރްޖީތު ބުންޏެވެ. "އެންމެފަހުގެ އިންފޮމޭޝަން އަޅުގަނޑަށްދިން. އަދި މިތަނަށް އަލަށް އަންނަ އެޖެންޓަކަށް އެކަމާބެހޭ ހުރިހާ ޚަބަރުތަކެއް ފިލުވާދިނުމަށްވެސް އޭނާ އަޅުގަނޑުލައްވާ ވަޢުދު ކުރެއްވި."
"އެކަމަކު އަޅުގަނޑު މިއީ އަލަށް އައި އޭޖެންޓްކަން ކަލާއަށް އެނގިލެއްވީ ކިހިނެއްތޯ؟" އިންދަރްޖީތު ސުވާލުކުރެއްވިއެވެ.
އެއީ ރޭގަ ކަލާ ސިއްރު ސިއްރުން ޓޫރިސްޓް ބަންގްލޯގެ ކުރިމަތީގައި ހުރި ކޮޓެޖަށް.. މިސިޒް ސީމާ އަގަރަވާލް ކައިރިއަށް ދުރުވީމާ.. ޑޮރޮތީ ލަސްލަހުން ބުނެލިއެވެ.
"އެކަމަކު އެކަމަކާ މިކަމަކާ ދެންހުރި ކޮންގުޅުމެއްތަ؟"
"ވަރަށް ފުން ގުޅުމެއް އެބަހުރި.." އޭނާ ބުންޏެވެ.
"ކަލާގެ ގާރލްފްރެންޑް ސީމާގެ ފިރިމީހާއަކީ ޑާގަރްގެ މީހެއް... އަދި ސީމާ ކަލާ މިތަނަށް އަންނަން އަންގާފައި އެވަނީ ކަލާ އެމީހުންގެ ދަލުގައި ޖެއްސުމަށް. އެގޮތުން ސީމާގެ ފިރިމީހާ ސަލާމަތްވުމަށް."
(ނުނިމޭ)