ދަރަވަންދޫ އާއި މަޑުއްވަރީގައި ސަރުކާރުން ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާޙު ކޮށްފި

ބ. ދަރަވަންދޫ އާއި ރ. މަޑުއްވަރީގައި ސަރުކާރުން ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާޙު ކޮށްފިއެވެ.

މި ދެރަށުގެ ފެނުގެ ނިޒާމް ވެސް އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ފެނުގެ ޚިދުމަތުގެ ރެގިއުލޭޓަރ އާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވެ، ދާއިރާއާއި ގުޅުންހުރި ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް އެމިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.

ގްރީން ކްލައިމެޓް ފަންޑުގެ (ޖީ.ސީ.އެފް) ގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންގޮސްފައިވާ މި މަޝްރޫޢު އަށް 33,273,032.22 (ތިރީސް ތިން މިލިއަން ދުއި ސައްތަ ހަތްދިހަ ތިން ހާސް ތިރީސް ދެ ރުފިޔާ ބާވީސް ލާރި) ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ދަރަވަންދޫގައި ޤާއިމް ކުރި މި ނިޒާމުން ފެން އުފެއްދުމުގެ އޮޕަރޭޝަނުގައި ހިމަނާފައިވާ ވާރޭފެނުގެ ނިޒާމާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ސަބަބުން ހިންގުމުގެ ޚަރަދުން ގާތްގަނޑަކަށް 30 އިންސައްތަ ސަލާމަތްކުރެވޭނެކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން އަންދާޒާ ކުރެއެވެ.

އެ މިނިސްޓްރީން ބުނީ ދަރަވަންދޫގައި ހުރި ފެނު ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް ވާރޭފެން ރައްކާކުރުމަށް 600 ޓަނުގެ ތާނގީއެއް ބަހައްޓާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ދަރަވަންދޫގައި 25 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާ، މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 50 ކިއުބިކް މީޓަރުގެ ފެން ހެދޭނެ ކަމަށް ވެސް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެއެވެ.

މި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 300 ޓަނުގެ ތާނގީއެއް ބެހެއްޓުމާއި ގޭބިސީތަކަށް ފެންފޯރުކޮށް ދިނުމަށް 362 މީޓަރު ބަހައްޓައި، 11.2 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް ވެސް ވަނީ ޤާއިމްކޮށްފައެވެ.
ދަރަވަންދޫގެ ފެނުގެ ނިޒާމް ހިންގައި ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މަޑުއްވަރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ މި މަޝްރޫޢުގެ ދަށުން 55 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ބެހެއްޓިފައިވާ ކަމަށެވެ. އަދި މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ޤާބިލްކަން މި ނިޒާމަށް ވަނީ ލިބިފައިކަމަށެވެ.

މަޑުއްވަރީގައި ބެހެއްޓި ޕްލާންޓްތަކުން އުފައްދާ ފެން ރައްކާކުރުމަށް 400 ޓަނުގެ ތާނގީއެއް ބަހައްޓާފައިވާއިރު، 8.6 ކިލޯމީޓަރ ދިގުމިނުގެ ފެންވިއުގައެއް މި މަޝްރޫޢުގެ ދަށުން ވަނީ ޤާއިމްކޮށްފައެވެ.

މި ރަށުގައި ވެސް ފެންއުފެއްދުމަށް ކުރެވޭ ޚަރަދުތައް ކުޑަކުރުމަށާއި، މަޑުއްވަރީގައި ހުރި ފެނުގެ ޤުދުރަތީ ވަސީލަތްތައް އެންމެހެޔޮ ގޮތުގައި ބޭނުންކުރުމަށް ވާރޭފެން ރައްކާކުރުމަށް އިތުރު 600 ޓަނުގެ ތާގީއެއް ވަނީ ބަހައްޓާފައެވެ.

މަޑުއްވަރީ ފެނުގެ ނިޒާމް ހިންގުމަށް އިޔާދަކުރުވަނިވި ހަކަތަ ބޭނުންކުރަން ނިންމާފައިވާއިރު، ފެން އުފެއްދުމުގެ ޚަރަދު ކުޑަކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ދެމެހެއްޓެނިވި ޚިދުމަތެއް ދިނުމުގެ ގޮތުން 25 ކިލޯވޮޓުގެ ސޯލާ ފެނަލް ވަނީ ގާއިކޮށްފައެވެ.

މި ނިޒާމުން ފެން އުފެއްދުމުގެ އޮޕަރޭޝަނުގައި ހިމަނާފައިވާ ވަރޭފެނުގެ ނިޒާމާއި އިއާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ސަބަބުން ހިންގުމުގެ ޚަރަދުން ގާތްގަނޑަކަށް 30 އިންސައްތަ ސަލާމަތްކުރެވޭނެކަމަށް ބެލެވޭކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މަޑުއްވަރީގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ޖުމްލަ 33,148,969.81 (ތިރީސް ތިން މިލިއަން ސަތޭކަ ސާޅީސް އަށްހާސް ނުވަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ އެއް ލާރި) ސަރުކާރުން ޚަރަދުކޮށްފައިވެއެވެ. އަދި ފެނުގެ ޚިދުމަތް ދެމެހެއްޓެނިވިގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ނިޒާމް ހިންގާ ބަލަހައްޓާނީ ފެނަކަ ކޯރޕަރޭޝަންގެ ފަރާތުންނެވެ.

މި މަޝްރޫޢު ނިމުނުއިރު ފެނުގެ ޒަމާނީ ނިޒާމެއް މަޑުއްވަރީގައި ޤާއިމްކޮށް 367 ފެން މީޓަރު ވަނީ ރަށުގެ ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގައި ބަހައްޓައިދެވިފައިކަމަށް ސަރުކާރުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.