މަންމަގެ އުފާ
ފާތުމަގެ ދަރިފުޅު އުޅެނީ އައްޑޫ ގަމުގައި ހުންނަ ފްލައިންގ ސްކޫލުގައި ޕައިލެޓުކަން ކިޔަވާށެވެ. އެހެން އުޅުމުގެ ތެރޭގައި އައްޑޫ އަންހެން ކުއްޖަކާ ރައްޓެހި ވެގެން އިންނަން ބޭނުން ވެއްޖެއެވެ. އޭނާ އެ ކުއްޖާޔާ އިންނަން ބޭނުންވީ ޕައިލެޓުކަން ކިޔަވައި ނިމި ސެޓްފިކެޓު ލިބޭ ދުވަހުއެވެ. ކާވެނި އޮތީ އައްޑޫގައެވެ.
މަންމަ އައީތީ ދަރިފުޅު ހުރީ ވަރަށް އުފަލުންނެވެ. އެންމެ ފަހު މަންމަ ގާތު ބުނެލިއެވެ. "މަންމަ އައީމާ ވަރަށް ބޮޑަށް އުފާވެއްޖެ."
މަންމަ ބުންޏެވެ. "މަންމަ ނާންނަންވީ ކީއްވެގެން؟ މިއީ ވަރަށް އުފާވެރި ދުވަހެއް. ދަރިފުޅަށް އުދުހުމުގެ ހުއްދަ ލިބުމާއި ފިޔަ ކޮށައިލުމާ ދެކަން އެއް ދުވަހަކު ވުމަކީ ކިހައި ބޮޑު އުފަލެއް؟"
ކޯކް ބޯކަށް ނުވާނެ
ބައްޕަ މަސައްކަތް ކުރަމުން ގެންދިޔައީ ކޮކާ ކޯލާ ބުއިމުގެ ނުރައްކާތެރިކަން ދަރިފުޅަށް ވިސްނައިދޭށެވެ. ވާހަކަދައްކައިގެން ވިސްނައި ނުދެވުނީމާ ފެންތަށްޓަކާއި ކޯކް ތަށްޓެއް ގެނެސް ދެ ތަށްޓަށް ދިރިދިރި އޮތް ދެ ފަނި ލައިފިއެވެ. ފެންތަށިގައި ފަނި ދުވެލަދުވެލާ އޮތީއެވެ. ކޯކް ތަށްޓަށް ލީ ފަނި އިރުކޮޅަކު ހަރަކާތް ކޮށްފައި މަރުވެއްޖެއެވެ.
ބައްޕަ އަހައިލިއެވެ. "މިހާރު ދަރިފުޅަށް ވިސްނިއްޖެތަ؟"
ދަރިފުޅު ބުންޏެވެ. "ވިސްނިއްޖެ."
ބައްޕަ އަހައިލިއެވެ. "އެނގުނީ ކޮން ކަމެއް؟"
ދަރިފުޅު ބުންޏެވެ. "އެނގުނީ ކޯކް ބުއީމާ ފަނި ނުވާނެކަން. ބަނޑުގައި ހުންނަ ފަނި މަރުވާނެކަން."
ފުރަތަމަ ދަރިފުޅު
މީހަކު ވަރަށް ހާސްވެފައި ހުރެގެން ހަސްފަތާލަށް ފޯނު ކޮށްފައި އަންހެނުންގެ ޑަކްޓަރަކާ ވާހަކަ ދައްކަން ބޭނުން ވާހަކަ ބުނެފިއެވެ.
ހަސްފަތާލުން ޑަކްޓަރާ ގުޅުވައި ދިނީމާ ބުނެފިއެވެ. "އަޅުގަނޑުގެ އަނބިމީހާ ވިހާ ދުވަސް ޖެހިގެން އެތައް ދުވަހެއް ފާއިތު ވެގެން ހިނގައްޖެ. އެކަމަކު ބަނޑަކު ނުރިއްސާ."
ޑަކްޓަރު އަހައިފިއެވެ. "ތިޔައީ އޭނާގެ ފުރަތަމަ ދަރިފުޅުތޯ؟"
ފިރިމީހާ ވަރަށް ބޮޑަށް ރުޅި އައިސްފައި ބުންޏެވެ. "މިއީ އޭނާގެ ދަރިއެއް ނޫން. އޭނާގެ ފިރިމީހާ!"
ބޮޑު ދޮގު
މުދައްރިސު ކުލާހަށް ވަންއިރު ދެ ކުއްޖަކު ޒުވާބު ކުރަނީއެވެ. މުދައްރިސު ސުވާލުކޮށްފިއެވެ. "ކަލޭމެން ދެ ކުދިން ޒުވާބު ކުރަނީ ކީއްވެގެން؟"
އެއް ކުއްޖަކު ބުނެފިއެވެ. "މި އޮތީ އަޅުގަނޑުމެން މަގުމަތިން ހޮވި ފަންސާސް ރުފިޔާ. މި އުޅެނީ ފަންސާސް ރުފިޔާ ބޭނުން ކުރާނޭ މީހަކީ ކާކުކަން ކަނޑަނޭޅިގެން. އަޅުގަނޑުމެން ނިންމީ ދެމީހުންކުރެ އެންމެ ބޮޑު ދޮގެއް ހަދާ މީހަކު ފަންސާސް ރުފިޔާ ބޭނުން ކުރަން. އެހެންވީމާ މި ދޮގު ހަދަނީ. ޒުވާބު ކުރަނީއެއް ނޫން."
މުދައްރިސު ވަރަށް ރުޅި އައިސްފައި ބުނެފިއެވެ. "ދޮގު ހަދާކަށް ކަލޭމެން ލަދެއް ނުގަނޭތަ؟ އަހަރެން ކަލޭމެންގެ އުމުރުގައި ދޮގު އެއީ ކޯނޗެއް ކަމެއްވެސް ނުދަންނަން."
ދެ ކުދިން އެކަކު އަނެކެއްގެ މޫނަށް ބަލައިލާފައި ފަންސާސް ރުފިޔާ މުދައްރިސަށް ދީފިއެވެ.