މަރިޔަމް މަނިކެއަކީ ޢާއްމުކޮށް ބައިސްކޯފަށް ދާ މީހެކެވެ. ރަށުގައި އަޅުވާ ކޮންމެ ފިލްމެއްގެ ފުރަތަމަ ޝޯއަށް ދިއުމަކީ އޭނާގެ އާދަ އެކެވެ. މާލެ އައިސް ވެސް އެންމެ ފުރަތަމަ ބަލަނީ އޮލިމްޕަހުގައި އަޅުވާފައި އޮތީ ކޮން ފިލްމެއްތޯއެވެ. އެ ފިލްމު ބަލާފައި ނޫނީ އެހެން ކަމެއް ކުރާކަށް ނޫޅޭނެއެވެ.
އެ ދުވަސްވަރަކީ މާލޭގައި ބައިސްކޯފު ދައްކާ ތަނަކަށް ހަމައެކަނި އޮލިމްޕަސް ހުރި ދުވަސްވަރެކެވެ.
މަރިޔަމް މަނިކެ މާލެ އައީ އޭނާގެ ރަޙްމަތްތެރިޔަކާ އެކީގައެވެ. އެ މީހާ ކޮންމެވެސް ބޭނުމަކު މާލެ އައި އައުމެއްގައި، އެކަނި ފިލުވައިލައި ދޭން އައީއެވެ.
އެ ދުވަސްވަރު އޮލިމްޕަހުގައި އަޅުވާފައި އޮތީ ފިލްމު "އާޕްކީ ޤަސަމް" އެވެ.
މަރިޔަމް މަނިކެ އޭނާގެ ރަޙްމަތްތެރިޔާއާ އެކު އޮލިމްޕަހަށް އެ ފިލްމު ބަލައިލާން ހިނގައްޖެއެވެ. އޭނާގެ ރަޙްމަތްތެރިޔާ ވަޙީދާއަކީ ދުވަހަކުވެސް އޮލިމްޕަހަށް ވަން މީހެއް ނޫނެވެ. އަދި ފިލްމު ބަލައި އުޅޭ މީހެއް ވެސް ނޫނެވެ. އޭނާ އައީ މަރިޔަމް މަނިކެ އެދުނު އެދުމެއް ފުރިހަމަ ކޮށް ދިނުމުގެ ގޮތުންނެވެ.
ހޯލް ތެރެއަށް ވަނުމާއެކު ވަޙީދާގެ ދެ ލޯ ދިޔައީ ބޮޑު ވެގެންނެވެ. އެ ކަހަލަ ގޮތަކަށް އޮތް ތަނެއް އޭނާ މީގެ ކުރީން ދުވަހަކުވެސް ނުދެކެއެވެ. ތަޅުންގަނޑު ވެސް އޮތީ ކުރިއަށް ތިރިވާ ގޮތަށް ހަދާފައެވެ. އޭނާގެ ހިތަށް އެރިއެވެ. އެއީ ފެންފަހިވާ ގޮތް ހަދާން ވެގެން ހަދާފައި އޮތް ގޮތެކެވެ. މާލެއަކީ ވަރަށް ގިނައިން ފެން ބޮޑުވާ ރަށެކޭ ބުނާ އަޑު އަހަމެވެ. މިހައި އުސް ތަނެއްގައި ފެން ބޮޑު ވާނީ ވަރަށް ބޮޑު ވަރު ވެގެންތާއެވެ.
މަރިޔަމް މަނިކެމެން ވަން އިރު ޝޯ ފެށެން ކައިރި ވެއްޖެއެވެ. އެހެންވީމާ ގޮނޑިއާ ހަމައަށް ނުދެވެނީސް ބޮކި ނިވިއްޖެއެވެ. ދެ މީހުން ގޮނޑިއާ ހަމައަގެންގޮސް ދިނީ ޓޯޗު ބައްތިއެއް ހިފައިގެން ހުރި މީހެކެވެ.
ދެ މީހުން ގޮސް އޭނާ ދެއްކި ދެ ގޮނޑީގައި އިށީނދެއްޖެއެވެ.
ފަނަރަ ވަރަކަށް މިނިޓް ފަހުން ވަޙީދާ އަހައިލިއެވެ.
"ފިލްމު އަދި ނިމޭކަށް ނޫޅޭތަ؟"
މަރިޔަމް މަނިކެ ޗޮކެއް ކަނޑައިލިއެވެ.
“ބަލަ އަދި ކިރިޔާ އެ ފެށީއެއްނު؟ ނިމޭނީ އަދި ލައްކަ ގިނަ އިރުން؟"
އިރުކޮޅަކުން ވަޙީދާ ކުކުރައިލީ އަޑު އިވުނެވެ.
“ކިހިނެއްވީ؟"
ވަޙީދާ ބުނެލިއެވެ. "މިހައި މޮޅަށް ތަން ހަދައި، ފެން ފަހިވާ ގޮތަށް ތަޅުގަނޑުވެސް ހެދި ބަޔަކަށް ތަންކޮޅެއް ފަސޭހަ ގޮނޑިއެއް ހޯދާކަށް ނޭނގުނުތަ؟"
މަރިޔަމް މަނިކެ ބުންޏެވެ. "މިއަށް ވުރެ ވަކީން ފަސޭހަ ގޮނޑިއެއް މި ދުނިޔެއަކުން ނުލިބޭނެ. އަނގަ ގަދަ ނުކޮށް ފިލްމު ބަލާ. މި ތާނގައި ތިބި އެހެން މީހުންނަށް އުނދަގޫ ނުކުރޭ."
އޭގެ ފަހުން ވަޙީދާ އަނގަޔަކުން ނުބުނެއެވެ. އެހެންނަމަވެސް އިރުއިރުކޮޅާ ކުކުރައިލާ އަޑު އިވެއެވެ.
ވީ ގޮތް މަރިޔަމް މަނިކެއަށް އެނގުނީ އިންޓޯލު ވެގެން ބޮކި ދިއްލީމައެވެ. ވަޙީދާ އިށީނދެގެން އިނީ ގޮނޑީގެ އިށީންނަ ބައި ތިރި ނުކޮށެވެ.