ހެއްވާ: ޝަރީފުގެ ބާޒާރުކުރުން

ޝަރީފު ބަޒާރަށް ދާން ނުކުތް ވަގުތު އޭނާގެ އަންހެނުން ޒުހުރާ އޭނާގެ އަތަށް ފައިސާ ދިނެވެ. އޭނާ ބަލައިލި އިރު އެއީ ސަތޭކަ ރުފިޔާއެވެ. އަވަހަށް ޖީބަށް ލައިގެން މިސްރާބު ޖެހީ މާރުކޭޓަށެވެ. ރޯދަ ވިއްލަން ވާ އިރަށް ދެތިން ވައްތަރުގެ ހެދިކާ އާއި ރޮށްޓާއި ރިހަޔާ ނެތިއްޔާ ޝަރީފަކަށް ނުވެއް ކެވެއެވެ.

ވުމާއަކު ޝަރީފު ފުރަތަމަ ވަނީ މަސް މާރުކޭޓަށެވެ. މަޑު މަޑުން ހިނގަމުން ގޮސް މަޑު ކޮށްލީ ފަރުމަސް ވިއްކާ ބައެއްގެ ކައިރިއަށެވެ.

"ކޮބާ މަސް ކިހިނެއް-؟" އޭނާ އަހައިލިއެވެ.

"ރުފިޔާއަކަށް ފަސް މަސް-" މަސް ވިއްކާ މީހާ ބުނެލިއެވެ.

ޝަރީފުގެ ހައްޓަކު ހެއެއް ނެތެވެ. ކައިވަތަކަށް ވުރެ ބޮޑެތި މުށިމަސް އެ ވިއްކަނީ ރުފިޔާއަކަށް ފަސް މަސް މަގުންނެވެ. އެއީ މި ރޯދަ މަހު މިހައިތަނަށް މަސް ވިއްކި އަގެއް ނޫނެވެ. އެހެންވީމާ އަވަހަށް މަސްކޮޅެއް ގަނެލާ ހިތް ވެއްޖެއެވެ. "ކޮތަޅެއް ނެތްތަ-؟"

"ކޮތަޅެއް ނެތް- މިތާ މަތީގައި ހުންނަ ފިހާރައިން ކޮތަޅެއް ގަނެގެން އާދޭ-" މަސް ވިއްކާ މީހާ ބުންޏެވެ.

ޝަރީފު މާރުކޭޓުގެ މައްޗަށް އަރައިފިއެވެ. ފިހާރައަށް ވަދެ ޖީބުން އެއްކަލަ ސަތޭކަ ރުފިޔާ ނަގައި ސޭޓުގެ އަތަށް ދީފައި ބުންޏެވެ. "ދެ ރުފިޔާއަށް ދޭ ކަހަލަ ބޮޑު ކޮތަޅެއް ގެނޭ-"

ސޭޓު ކޮތަޅެއް ދީފައި ބާކީ ދިނީ އެންމެ އަށާރަ ރުފިޔާ އެވެ. ޝަރީފް ޙައިރާން ވެފައި އަހައިލިއެވެ. "ބަލަ މިއީ އަށްޑިހަ ދެ ރުފިޔާއަށް ދޭ ކޮތަޅަކީތަ-؟ ސަތޭކަ ރުފިޔާ ދިނީމާ ބާކީ ތިޔަ ދިނީ އެންމެ އަށާރަ ރުފިޔާއެއްނު-؟"

ސޭޓު ޝައްކުގެ ނަޒަރަކުން ޝަރީފާ ދިމާއަށް ބަލައިލިއެވެ. "ކަލޭ ދިނީ ވިހި ރުފިޔާ-"

"އެހެންނެއް ނުވާނެ- އަހަރެން ދިނީ ސަތޭކަ ރުފިޔާ-" ޝަރީފު ކުޑަކޮށް ނުރުހުން ވެފައި ބުނެލިއެވެ.

ސޭޓު އައި ރުޅީގައި މޭޒުގެ ވަތްގަނޑު ނަގައި މޭޒު މައްޗަށް ޖެހިއެވެ. "ކަލޭ ހޯދަބަލަ- މި ވަތްގަނޑުގައި ސަތޭކަ ރުފިޔާގެ އެންމެ ނޫޓެއްވެސް ނޯންނާނެ-"

ކުރާނޭ ކަމެއް ނެތުމާއެކު ޝަރީފު އަށާރަ ރުފިޔާ އާއި ކޮތަޅާ ހިފައިގެން ފިހާރައިން ނުކުމެއްޖެއެވެ. ވަރަށް ދެރަ ވެފައި ހުރެގެން ގޮސް މަޑު ކޮށްލީ އެއްކަލަ ފަރުމަސް ވިއްކާ މީހާގެ ކައިރިއަށެވެ. އޭނާގެ އަތަށް ފަސް ރުފިޔާ ދިއްކޮށްލާފައި ކޮތަޅު ހުޅުވައިލިއެވެ. އޭނާ އެ ތަނުން އެންމެ މުށި މަހެއް ނަގައި ކޮތަޅަށް ވައްޓައިލިއެވެ. ޝަރީފު ކޮތަޅު ދިއްކޮށްގެން އެބަ ހުރެއެވެ. އެ މީހާ ޙައިރާން ވެފައި ޝަރީފުގެ މޫނަށް ބަލައިލިއެވެ. އޭނާ ސަމާސާ ކުރަނީ ކަމަށް ހިތައި ޝަރީފު ހިނިތުން ވެލައިފައި ބުންޏެވެ. "ބަލަ- ނިންމައިލީތަ-؟ އަދި ހަމައެއް ނުވެއެއްނު-؟"

އެ މީހާގެ ނިތްކުރިއަށް ދެތިން ރޫ އެރިއެވެ. "ތިޔަ ދިނީ ފަސް ރުފިޔާއެއްނު-؟ ކޮތަޅަށް މިލީ ފަސް ރުފިޔާގެ މަސް-"

"އެކަމަކު ރުފިޔާ އަކަށް ފަސް މަހޭ ކަލޭ ބުނީ ހަމަ ދެންމެއެއްނު-؟"

އޭނާ ޙައިރާން ވެފައި ވަށައިގެން ތިބި މީހުންގެ މޫނަށް ބަލައިލިއެވެ.

"ރުފިޔާއަކަށް ފަސް މަހޭ-؟ އަހަރެން މިހިރީ އަފިހުން ކައިގެންތަ-؟ މިވަރުގެ ފަސް މަސް އެންމެ ރުފިޔާއަކަށް ދޭނީ ކާކު-؟ އަހަރެން ބުނީ ފަސް ރުފިޔާއަށް މަހެކޭ-!"

ޝަރީފުގެ ހިތަށް އެރިއެވެ. މިއަދު ހުރިހައި ތަނަކުންވެސް މި ލިބެނީ ބޮނޑިއެވެ. ކޮތަޅު ވިއްކި މީހާވެސް ހެދީ މަކަރެވެ. މަސް ވިއްކާ މީހާވެސް މި ހެދީ މަކަރެވެ. ކުރާނޭ ކަމެއް ނެތެވެ. އަވަހަށް ގެއަށް ދާންވީއެވެ.

އޭނާ ބޮޑު ސިންގާ ކޮތަޅަކަށް ކައިވަތެއް ހުންނަ ވަރުގެ މުށިމަހެއް ލައިގެން ގެއަށް އަތުވެއްޖެއެވެ. ގެއަށް ވަދެފައި އަންހެނުންނާ ސުވާލު ކޮށްލިއެވެ. "ފާތުން އަހަރެންގެ އަތަށް މިއަދު ދިނީ ކިތައް ރުފިޔާތަ-؟"

ފާތުން ބުނެލިއެވެ. "ކިހިނެއްވީ-؟ އަހަރެން ދިނީ ވިހި ރުފިޔާ!!"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.