ޔުކްރޭނަކީ ރަޝިޔާގެ ބިޔަ ލަޝްކަރުގެ ކުރިމަތީގައި 'ޔޫރަޕުގެ އައްޑަނަ' ކަމުގައި ވާތީ އެގައުމަށް މިހާރަށްވުރެ ބޮޑަށް ބައިނަލްއަގުވާމީ އެއްްބާރުލުން ބޭނުންވާކަމުގައި ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ ޖަރުމަނުގެ މިއުނިކްގައި މިހާރު ކުރިއަށްދާ ޔޫރަޕްގެ ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އައްޑަނައެއްގެ ގޮތުގައި ޔުކްރޭން އޮންނަތާ އަށް އަހަރުވެއްެޖެ. ޔުކްރޭން މިވަނީ ދުނިޔޭގެ އެންމެ ބިޔަ އެއް ލަޝްކަރު އަށް އަހަރަށް ހިފަހައްޓާފައި" ޒެލެންސްކީ ވިދާޅުވިއެވެ.
އޭނާ މިމޭަރުމުން ވާހަކަފުޅުދެއްކެވި އިރު، ރަޝިޔާގެ ރައީސް ވްލާޑިމީރް ޕުޓިން ގެންދަވަނީ ރަޝިޔާގެ ނިއުކުލިޔާ ބާރުތައް ބައިވެރިވެގެން ކުރިއަށްދާ އަސްކަރީ ތަމްރީނުތަކެއް ބައްލަވަމުންެނެވެ.
އަނެއްކޮޅުން، އިރުމަތީ ޔުކްރޭނުގައި ހިންގާ ވަކިވެގަތުމުގެ ހަރަކާތުގެ އިސް ދެ ލީޑަރުން ވަނީ އެމީހުންގެ ހަނގުރާމަވެރިން ފުރިހަމަ ތައްޔާރީ ހާލަތުގައި ތިބުމަށް ގޮވައިލާފައެވެ. މިގޮވާލުން އައިސްފައި މިވަނީ ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރިންނާއި ޔުކްރޭން ސަރުކާރުގެ ސިފައިން ބަދަލުކުރި ހަމަލާތަކެއްގައި ޔުކްރޭން ސިފައިންގެ ދެ މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
ރައީސު ޒެލެންސްކީގެ ވާހަކަފުޅުގައި ރަޝިޔާއަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވި ނަމަވެސް، އޭނާ ވަނީ ރައީސު ޕުޓިންއާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވާފައެވެ.
"ރަޝިޔާގެ ރައީސު ބޭނުންފުޅުވަނީ ކޮންކަމެއްކަން އަހަރެންނަކަށް ނޭނގޭ. މި ސަބަބަށްޓަކައި އަހަރުމެން ބައްދަލުވާން އަހަރެން ހުށަހަޅަން." ޒެލެންސްކީ ވިދާޅުވިއެވެ.
އިއްޔެ މިއުނިކްގައި ވާހަކަފުޅުދެއްކެވުމުގެ ކުރިން ރައީސު ޒެލެންސްކީ ވަނީ އެމެރިކާގެ ނާއިބު ރައީސު ކަަމަލާ ހެރިސްއާ ބައްދަލުކުރައްވާފައެވެ. ހެރިސްވެސް މިއުނިކަށް ވަޑައިގެން އުޅުއްވަނީ ސެކިއުރިޓީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.
"ގައުމުތަކުގެ ސަރަހައްދީ ރޮނގު ގަދަބާރު ބަދަލުކުރެވިގެން ނުވާނެ." ކޮންެފަރެންސުގައި ވާހަކަފުޅުދައްކަވަމުން ނާއިބު ރައީސު ހެރިސް ވިދާޅުވިއެވެ.
"ފުރިހަމަ ޔަގީންކަމާއެކު އަހަރެންނަށް ބުނެވިދާނެ: ރަޝިޔާއިން ޔުކްރޭނަށް އަރައިގެންފިއްްޔާ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާފަދަ އިގްތިސާދީ ފިޔަވަޅުތަކެއް އެމެރިިކާގެ އެކުވެރިންނާ ބައިވެރިނާ ގުޅިގެން ޔުކްރޭނާ ދެކޮޅަށް އެމެރިކާއިން އަޅާނެ." ހެރިސް ވިދާޅުވިއެވެ.
ރަޝިޔާއިން ޔުކްރޭންގެ ސަރަަހައްދީ ރޮނގު ކައިރީގައި ބިޔަ ލަޝްކަރެއް ރުކުރުވާލައި ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) އަށް ފިއްތުން ކުރިމަތިކުރަމުން ގެންދަނީ ޔުކްރޭނަށް ނޭޓޯގައި ބައިވެރިވުމުގެ ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން ހޯދުމަށެވެ. ނޭޓޯއިން ވަނީ މިކަމަށް އިޖާބަނުދީފައެވެ.