ވާރޓިކަލް ފާރމިންގގެ ފައިދާ

ކެމިކަލް ބޭނުންނުކޮށް ގަސްހައްދައިގެން އުފައްދާ ފަތާއި ތަރުކާރީގެ ވިޔަފާރި އަންނަނީ ފުޅައުވަމުންނެވެ. އޭގެ ތެރޭގައި، ވާރޓިކަލް ފާރމިންގ ނުވަތަ، މަތިމައްޗަށް ބަރިބަރިޔަށް ގަސްހެއްދުމަކީ މިވިޔަފާރީގައި ޚާއްޞަ ސިފައެކެވެ. ދުނިޔެއަށް އަންނަމުންދާ ތަރައްޤީއާ ގުޅިގެން ބިންކުޑަވަމުންދާ ޒަމާނެއްގައި، ވާރޓިކަލް ފާރމިންގ ގެ ފައިދާ ވަރަށް ގިނައެވެ. ތަންއޮތީ މަތީގައެވެ. ބިމަކު ތަނެއްނެތެވެ. މައްޗަށް އޮންނަ ތަން ފައިދާހުރިގޮތުގައި ބޭނުންކުރެވުމާއި، ގަހަށްބޭނުންވާ ކާނާ އެންމެ ހެޔޮވަރުމިނެއްގައި ހުރިހައިގަސްތަކަށް ދެވުމާ އަދި ގަސްހެއްދުމަށް ހޭދަވާ ވަގުތު ކުޑަވުމަކީ، ވާރޓިކަލް ފާރމިންގގެ ފައިދާތަކުގެ ތެރޭގައި ހިމެނޭ ޚާއްޞަ ކަންކަމެވެ.

ވާރޓިކަލް ފާރމިންގެ އެންމެ ފައިދާހުރި އެއްކަމަކީ، އުފެއްދޭބާވަތްތައް ގިނަވުމެވެ. ބިންބޭނުންކޮށްގެން ހެއްދޭ މިންވަރަށްވުރެ 240 އިންސައްތަ ގިނައިން ވާރޓިކަލް ފާރމިންގގައި ގަސް ހެއްދެއެވެ. މީގެ އިތުރަށް، މުޅިއަހަރު ދުވަހުގެ ތެރޭގައި މެދުކެނޑުމެއްނެތި ގަސްހެއްދުމުގެ ފުރުޞަތުވެސް ވާރޓިކަލް ފާރމިންގގައި ހިމެނެއެވެ. މޫސުމަށް އަންނަ ބަދަލާގުޅިގެން، ވިއްސާރަވެގެން ގަސް ނުހެއްދިއެއް ނުހުރެއެވެ. އަވިބާރުވެގެން ގަސްހައްދަން ހުރަހެއް ނޭޅެއެވެ. ލެޑްލައިޓް ނުވަތަ ގްރޯލައިޓް ބޭނުންކޮށްގެން، މެދުނުކެނޑޭގޮތަށް މުޅިއަހަރު، ގަސްހެއްދެއެވެ. ގަސްހެއްދުމަށް ބޭނުންވާ ޖާގައިން 99 އިންސައްތަ މަދުކުރެވެއެވެ. 95 އިންސައްތަ ފެން މަދުކުރެވެއެވެ. ބަލަހައްޓަން ފަސޭހައެވެ. ގަސްހެއްދުމަށް ހޭދަކުރަންޖެހޭ ވަގުތު މަދެވެ. ބޫޓަށް އަރައި ޓައީއަޅައިގެންވެސް،  ހަޑިނުވެ ދަނޑުވެރިކަން ކުރެވެއެވެ. ސިސްޓަމް ބެލެހެއްޓުމަށް ޚަރަދުބޮޑު ނަމަވެސް އެތައްގުނައެއް ފައިދާ ވެއެވެ. އެންމެ ފުރަތަމަ ކުރަންޖެހޭ ޚަރަދު، ނުވަތަ އިންވެސްޓްމަންޓް ބޮޑުވެދާނެއެވެ. އެހެންނަމަވެސް، ފަހުން ކުރަންޖެހޭ ޚަރަދު ކުޑަވެފައި، ދާއިމީގޮތަކަށް ލިބޭ ފައިދާ ބޮޑެވެ.

ދުނިޔޭގެ ވާރޓިކަލް ފާރމިންގގެ ޞިނާޢަތު، 2021 ވަނައަހަރު، 3.6 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައި ވެއެވެ. އަދި 2028 އަހަރު އަންނަ އިރު 17.6 ބިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ. އެއީ ނިސްބަތުން، އަހަރުން އަހަރަށް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ޞިނާޢަތެކެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާޢަތަށް ބަލާއިރު، ވަރަށްބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. ބިމެއް ނެތެވެ. ބިންކުޑަވީމާ، ދާއިމީގޮތެއްގައި އާމްދަނީލިބޭނެގޮތަކަށް ދަނޑުވެރިކަން ބަށްޓަން ކުރެވޭކަށް ނެތެވެ. ދާއިމީ އާމްދަނީއެއް ނުލިބެންޏާ، ދަނޑުވެރިން ދަނޑުވެރިކަމުގައި ދެމިއެއް ނުތިބޭނެއެވެ. ބިމުގެ ޓެސްޓެއް ނުހެދި، ބިމުގެ ޙާލަތު ނުބަލައި، ކެމިކަލްއާއި ގޮތްނޭނގޭ ގަސްކާނާގެ ބާވަތްތައް ބޭނުންކުރުމުގެ ސަބަބުން، ރަށްރަށުގެ ދަނޑުބިންތައް ވަނީ ބަލިތަކުން ފުރިފައެވެ. ފެންވަނީ ލޮނުވެފައެވެ. ގިނަރަށްރަށުގައި ގެރިގުއި ބޭނުންކުރެވެނީ އޭގައިހުންނަ ފަނިފަކުސައާއި ޖަރާސީމު ނައްތައިލެވިގެންނެއްނޫނެވެ. އޭގެ އިތުރަށް، ރާއްޖެ އެތެރެކުރެވޭ ގެރިގުޔަކީ، އެންމެ ރަނގަޅު ގެރިގުޔެއްނޫނެވެ. ހެޔޮއަގުގައި ވިއްކަންވެގެން، ރާއްޖެޔަށް ގެންނަނީ އެންމެ ރަނގަޅު ގެރިގުޔެއްނޫނެވެ. ކިސަޑާއި ވެލި އަދި ހިލަޔާއި ކުނި އޭގައި ހިމެނެއެވެ. މިފަދަ ގެރިގުއި ދަނޑުހައްދަން ބޭނުންކުރުމުން، ގަހަށް ލިބޭ ފައިދާޔަށްވުރެ، ބިންގަނޑަށް ލިބޭ ގެއްލުން މާބޮޑެވެ. ކެމިކަލް އާއި ބޭސް އަދި ކާނާ ބޭނުންނުކޮށް، އޮށެއް އިންދިޔަސް، ގިނަރަށްރަށުގައި ނުފަޅައެވެ. އަދި ފަޅައިފިނަމަ، ގަސްހައްދާށާއި މާއަޅުވަން އަދި މާހަރުކުރުވާށާއި، މޭވާ އެޅީމަ މޭވާ ގަހުގައި ހަރުކުރުވަން އަދި މޭވާ ބޮޑުކުރުވަން ބޭހާއި ކާނާ ބޭނުންކުރަން ޖެހެއެވެ. ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ކެމިކަލް އަދި ބޭހާއި ކާނާ ފަސޭހައިން ގަންނަން ލިބޭނެގޮތެއް ނެތެވެ. އަދި އަމްދުން ރަށްރަށުގައި ނުވަތަ އަތޮޅުގައިވެސް، އެތަކެތި ފަސޭހައިން ލިބޭކަށް ނުހުރެއެވެ. ދަނޑުވެރިކަމުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކަށް، ރާއްޖެޔަށް ފުދޭމިންވަރަށް އެތަކެއްޗެއް އެތެރެޔެއް ނުކުރެވެއެވެ. ސަރުކާރުން، ދަނޑުވެރިކަމުގެ ބާވަތްތަކުގެ ޑިއުޓީ ކަނޑާލާފައިވިޔަސް، ހެޔޮއަގުގައި އެތަކެތި ލިބޭކަށް ނުހުރެއެވެ. ޑިއުޓީ މަޢާފުވީމާ އެތަކެތީގެ އަގުހައްތާވީ ބޮޑެވެ. ދަނޑުވެރިންނަކަށް އޭގެމަންފާއެއް ނުލިބެއެވެ.

ހައްދާ ބާވަތްތައް ގިނައިން ހައްދައިފިނަމަ، ގަންނާނެބަޔަކު ނެތެވެ. ނުވަތަ ނުއަގުގައި ވިއްކަން ޖެހެއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގައި އުފައްދާބާވަތްތަކުގެ އަގާއި މާރކެޓް ކޮންޓްރޯލް ކުރަނީ ރާއްޖޭގެ ޤާނޫނުތަކާޚިލާފަށް ރަށްރަށުގައި ފިލައިގެން އުޅޭ ބަންގާޅުމީހުންނެވެ. ގިނަ ރަށްރަށުގައި ދަނޑުވެރިކަންކުރަނީ ރާއްޖެޔަށް ވަގަށް އައިސް އުޅޭ ބަންގާޅުމީހުންނެވެ. ފަޅުގޯއްޗެއް ނުވަތަ ހުސްގޯއްޗެއް އޮތަސް ކުއްޔަށް ހިފައިގެން، ބަންގާޅުމީހުން، ކޮޕީފަތް ނަމަވެސް ހައްދައެވެ. ދިވެހިންއަތުން ދަނޑުބިން ނަގައިގެން ބަންގާޅުމީހުން ދަނޑު ހައްދައެވެ. ދަނޑުވެރިކަމަށް ބަލާއިރު، ދެބާވަތަކަށް ބަހަންއޮތީ ޖެހިފައެވެ. ދަނޑުގެ ވެރިންނާއި ދަނޑުވެރިންނެވެ. ދަނޑުބިން ހިލޭލިބޭތީ ކައުންސިލުން އެބިން ނަގައިގެން، ބަންގާޅުމީހުންނަށް ދީގެން ލާރިހޯދާ މީހުން ވަރަށް ގިނައެވެ. އެއީ ދަނޑުވެރިންނެވެ. ދެންއޮތީ ދަނޑުގެވެރިންނެވެ. އެއީ ހިލޭލިބޭތީ، ކައުންސިލުން ދަނޑުބިންނަގައިގެން، ކުޑަލާރިކޮޅަކަށް، ބަންގާޅުމީހުންނަށް ދަނޑުބިންވިއްކާ ދަނޑުވެރިންނެވެ. ޤަވާޢިދާ ޚިލާފަށެވެ. ކައުންސިލުން ދަނޑުބިން ނަގައިގެން، އަމިއްލޔަށް ދަނޑުވެރިކަންކުރާ ދިވެހި ދަނޑުވެރިންވެސް އެބަ އުޅެއެވެ. މިފަދަ ދަނޑުވެރިން ގިނައިން ކޮށްއުޅެނީ، މޫސުމީ ދަނޑުވެރިކަމެކެވެ. ދާއިމީގޮތަކަށް އާމްދަނީއެއްލިބޭގޮތަށް ދަނޑުވެރިކަންކުރެވޭފަދަ މާޙައުލެއް އަދި، ތަނަވަސްވެފައެއް ނޯވެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަޤްބަލަށް ބަލާއިރު، ދިވެހި ދަނޑުވެރިންނަށް އަދި ފެންނަންއޮތީ ބަނަ މުސްތަޤްބަލެކެވެ. ރާއްޖޭގައި ޤާއިމްކުރެވިފައިވާ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ޞިނާޢަތަކީ، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުގެ ވަރަށް ގިނަ ޤުރުބާނީތަކަކާއި ބުރަމަސައްކަތުން ޤާއިމްކުރެވި، ރަނގަޅަށް ހިނގަމުންދާ ދެޞިނާޢަތެކެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ ޞިނާޢަތަށްވެސް، ސަރުކާރުގެ ސިޔާސަތާއި އަމިއްލަފަރާތްތަކުގެ އެހީތެރިކަން އިންތިހާއަށް ބޭނުން ވެއެވެ. ދަނޑުވެރިކަމުގެ ޞިނާޢަތު ތަރައްޤީކޮށް ކުރިއަރުވަން ބޭނުންކަމަށްވަންޏާ، މިހާރުގެ ޙާލަތު ދިރާސާކުރެވިގެން، ޙައްލުތަކެއް ހޯދައިގެން ނޫނީ، ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއަރައިގެންނެއްނުދާނެއެވެ. ސަރުކާރުންވެސް ކަންތައްތަކެއް އަދި ސިޔާސަތުތަކެއް އުފައްދަން އެބަޖެހެއެވެ. ކޮންޓްރެކްޓް ފާރމިންގ ތަޢާރަފުކުރެވުނަސް، އެކަން އެންމެ ރަނގަޅަކަށް ނުހިނގައެވެ. ކޮންޓްރެކްޓް ފާރމިންގއަށް އެޅިފައިހުރި ހުރަސްތަކެއްވެސް އެބަހުއްޓެވެ. ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްވެސް އެބަހުއްޓެވެ.

ރާއްޖޭގައި އުފެއްދިދާނެ އެތައްބާވަތެއްގެ ތަރުކާރީއާއި ފަތް އަދި މޭވާގެބާވަތްތައް އެތެރެކުރުމަށްޓަކައި، އެތައް ބިލިއަން ރުފިޔާއެއް ކޮންމެ އަހަރަކުވެސް އެބަ ހޭދަކުރެވެއެވެ. މީގެ ތެރެއިން ބޮޑުބަޔަކީ، ރަނގަޅަށް ހިނގާ ކޮންޓްރެކްޓް ފާރމިންގ އެއް ޤާއިމްކުރެވި، ވާރޓިކަލް ފާރމިންގގެ ތެރެއިން އުނިކުރެވިދާނެ އެއްޗެކެވެ. އެހެނީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ތަރައްޤީއާއި ކުރިމަގުވެސް ގުޅިފައި އޮތީ، ކޮންޓްރެކްޓް ފާރމިންގ އާއި ވާރޓިކަލް ފާރމިންގފަދަ، ޒަމާނީ ދަނޑުވެރިކަމަކާއެވެ. އަވަސް ފުރުޞަތެއްގައި މިކަންކަމަށް އެކަށީގެންވާ ޙައްލެއް ގެނެވިގެންނޫނީ، އަދި އެކަންކަމަށް ޚަރަދުތަކެއް ކުރެވިގެންނޫނީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ކުރިމަގެއް ނެތެވެ. އެހެންނޫނީ، ރާއްޖޭގެ ކުދިވިޔަފާރިތައް ޤަވާޢިދާޚިލާފަށް މަސައްކަތްކުރާ ބަންގާޅުމީހުންގެ އަތްމައްޗަށް ދޫވެފައި އޮތްގޮތަށް، ދަނޑުވެރިކަމުން، ދިވެހިންގެ އަތުގައި ކަމެއްއޮތްނަމަ، އެކަމެއްވެސް ގެއްލިހިނގައިދާނެއެވެ. ޤާނޫނާއި ޤަވާޢިދާޚިލާފަށް މަސައްކަތްކޮށް ފައިސާ ހޯދައިގެން، ޤާނޫނާ ޤަވާޢިދާޚިލާފަށް ރާއްޖެއިން އެފައިސާ ބޭރުކުރާ އެތައްހާސް ބިދޭސީންނެއް ރާއްޖޭގައި އެބައުޅެއެވެ. މީގެތެރޭގައި ގިނައީ ބަންގާޅުމީހުންނެވެ. މާލެއާއި ރަށްރަށުގެ މަގުމަތި ދޫކޮށްލަމާ ހިނގާށެވެ !  ދަނޑުމަތިންނާއި ފިހާރަތަކުންވެސް ފެންނަނީ ޤަވާޢިދާޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބަންގާޅުމީހުންނެވެ. ރަށްރަށުގައި ޤަވާޢިދާޚިލާފަށް ދަނޑުވެރިކަންކޮށް އެތަކެތި ވިއްކި، މާލެގެނެވި، މާލޭގެ ބާޒާރާއި ފިހާރަތަކުގައި އެތަކެތި ވިއްކެނީ ބަންގާޅުމީހުންގެ އަތްމަތިންނެވެ. ވިއްކައިގެންލިބޭ ފައިސާ ރާއްޖެއިން ބޭރުކުރެވެނީ، ބޭންކްގެ ނިޒާމުގެ ބޭރުން، ޤާނޫނާ ޚިލާފަށެވެ.

ބިދޭސީންގެ އަތުން ދިވެހި ދަނޑުވެރިކަމުގެ ކޮންޓްރޯލް ނެގެންއޮތީ، ދަނޑުވެރިކަމަށް އިންޤިލާބެއް ގެނެވި، ރާއްޖޭގެ ދަނޑުވެރިކަމުގެ ބާވަތްތަކުގެ ފެންވަރު ދަމަހައްޓައި، ކެމިކަލާއި ބޭސް ބޭނުންނުކޮށް ތަރުކާރީއާއި މޭވާގެ ބާވަތްތައް އުފައްދައިގެން، ޒަމާނީ އައު އީޖާދުގެ އެހީގައި ކުރެވޭ ދަނޑުވެރިކަމެއް ރާއްޖޭގައި ތަޢާރަފް ކުރެވިގެންނެވެ. ހަމައެކަނި، ކޮންޓްރެކްޓް ފާރމިންގ ތަޢާރަފް ކުރެވިގެން، ދަނޑުވެރިކަމުގެ މައްސަލަތަކަށް ޙައްލެއް ނުހޯދޭނެއެވެ. ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައްވެސް ޙައްލުކުރެވެން ޖެހެއެވެ. ސަރުކާރުން، ދަނޑުވެރިކަން ކުރިއެރުވުމަށް ކުރާޚަރަދުވެސް ތަރުތީބުކުރެވެން ޖެހެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.