ދަނޑުވެރިކަމުގައި ޤުދްރަތީ ކާނާގެ މުހިންމުކަން

ދަނޑުވެރިކަމުގައި، ޤުދްރަތީކާނާއަކީ އެތައްގޮތަކުން ފައިދާހުރި އަދި، ކެމިކަލްކާނާއާ މުޅިންތަފާތު އެއްޗެކެވެ. އެއީ އުކައިލެވޭ ތަރުކާރީއާއި މޭވާ އަދި ކެއުމުގައި ބާކީވާ ފައިދާހުރި ތަކެތީގައި ހިމެނޭ މާއްދާތަކުން އުފެއްދޭ އެއްޗެކެވެ. އަދި މިނެރަލާއި ތަފާތު ޖަނަވާރުގެ ނަޖިހުން މުއްސަނދިކަންލިބިގެންވާ އެއްޗެކެވެ. މިހުރިހާ ބާވަތްތައް އެކުވެ އުފެދިގެން ކުންޏަށްވެ، ބިމަށް އެޅިގެންދާ ހިނދު ބިމުގެ މުއްސަނދިކަން އެތައްގުނަޔަކަށް އިތުރުވެގެން ދެއެވެ. ގަސްގަހަށް ބޭނުންވާ ކާނާ ބިމުންނަގައިދީ، ގަހުގެ ހެދުމަށާއި މޭވާ އެޅުމަށް ބާރުއެޅިގެން ދެއެވެ. އެހެންކަމުން، ޤުދްރަތީކާނާ ތައްޔާރުކުރާއިރު، ބިމުގައި ކާނާހުރިމިންވަރު ދެނެގަތުމަށް ޓެސްޓްހެދުމާއެކު، މަދުވާމާއްދާ ބިމަށްލިބޭގޮތަށް، އެމާއްދާ ގިނަކޮށްގެން ކާނާ ތައްޔާރުކުރުން ވަރަށް މުހިންމެވެ. އެހެނީ، ބިމުގައި ހުންނަކާނާއަކީ، ގަސްހެދިބޮޑުވުމަށް ބިމުން ނަގައިގެން އެކަން ޙައްލުކުރާ އެއްޗަކަށްވާތީއެވެ. ގަހަށް ދިނުމަށްޓަކައި، ބިމަށްބޭނުންވާ ހުރިހައިކާނާއެއް ބިމުގައި ނެތިއްޖެނަމަ، ގަސްހެދިބޮޑުވުމަށް ގޮތްގޮތް ވާނެއެވެ. އަދި ބިމުގައި ވަކިބާވަތެއްގެ ކާނާއެއް ގިނަވެއްޖެނަމަވެސް ގަހަށް ބަދަލު އަންނާނެއެވެ. އެހެންކަމުން ގަހެއް ހައްދައި ބޮޑުކޮށް، ފެންވަރު ރަނގަޅު މޭވާ ހޯދުމަށްޓަކައި، ގަހަށްބޭނުންވާ ކާނާ އެންމެ ފުރިހަމަގޮތުގައި ދިނުމަކީ އެހައިމެ ބޭނުންކަމެކެވެ.

ކެމިކަލް އަޅައިގެން ހަދާފައިހުންނަ ގަސްކާނާއަށްވުރެ، ޤުދްރަތީކާނާ ގަހަށް ނަގާނީ ލަސްލަހުންނެވެ. އެހެންނަމަވެސް އެއީ ގަހަށްލިބެންޖެހޭ ކާނާ ގަހަށްލިބުންމަދުވާނެ ކަމެއްނޫނެވެ. އިންސާނާ، އޭނާކައިބޮއި ހަދާތަކެތި އަވަސްއަވަހަށް، ނުވަތަ އަވަސްއަރުވައިލާފައި ކައިބޮއެ ދިރުވައިލުމަށްވުރެ، ލަސްލަހުން ކައިބޮއިހެދުމުގެ ފައިދާބޮޑުވާގޮތަށް، ގަސްކާނާވެސް ލަސްލަހުން ގަހަށް ނަގައިގަތުމުން، ގަސްހެދިބޮޑުވުމަށް ފައިދާ ބޮޑުވެއެވެ. ފަސްގަނޑުގައި ހުންނަ ވައިދައުރުވުމުގެ ނިޒާމު ހަރުދަނާ ވެއެވެ. ފެންދައުރުވުމުގައި ގަހަށް އެންމެ ބޭނުންވާގޮތަށް ނިޒާމު ތަރުތީބުވެގެން ދެއެވެ.

އެއާޚިލާފަށް، ކެމިކަލްކާނާ ބޭނުންކުރުމުން، ޤުދްރަތީނިޒާމު ހަލާކުކޮށްލައި، ޤުދްރަތީގޮތުން ގަސް ހެދުމަށް ހަމަޖެހިފައިއޮންނަ ނިޒާމު ރޫޅި، ގަހަށް ގޮތްގޮތްވެއެވެ. ޤަވާޢިދުން ފެންދައުރުނުވާގޮތަށް ފަސްގަނޑު ހަރުވެއެވެ. ފަސްގަނޑުގައި ވައިދައުރުވުންް ހުއްޓި، އޮކްސިޖަން ދަތުރުކުރާ މަގުތައް ބަންދުވެއެވެ. ގުރުޑުވެއެވެ. ގަސްކުރުވެއެވެ. ފަތްތައް ހަލާކުވެއެވެ. ގަހަށް ގޮތްގޮތްވާންފެށީމައި، ގަހުގައި އޭގެ އަމިއްލަޒާތުގައި ހުންނަ ބާރުތައް ކެނޑި، ދިފާޢީނިޒާމު ބަލިކަށިވެ، އެކިފާޑުގެ ބަލިތައް ޖެހޭގޮތް މެދުވެރިވެއެވެ. އެކަންޙައްލުކުރަން ކުރަން މަޖުބޫރުވާކަމަކީ، އަނެއްކާވެސް ކޮންމެވެސް ކެމިކަލްއަކާ އެއްކޮށްފައިހުންނަ ބޭހެއް ޖެހުމެވެ. އަދި އެޖަހާބޭހަކުން ގަހަށް ބަދަލެއްނާންނަ ނަމަ، އެއަށްވުރެ  ބާރުގަދަ އެހެންބޭހެއް އަނެއްކާވެސް ޖެހުމެވެ. އެންމެފަހުން، ބޭސްޖަހާޖަހާގޮސް، އިންސާނާކެއުމަށް ކަމުނުދާވަރަށް ބަދަލުވެގެން ދިއުމެވެ. އެގަހުގައި އަޅާމޭވާއެއްގައި އެވާހަކަ ލިޔެވިފައި ނޯވެދާނެއެވެ. އަދި، އެމޭވާއަކަށް ބޭރުފުށުންބަލައިލީމައި، އެކަން ފާހަގަކުރެވޭގޮތް ނުވެހިނގައިދާނެއެވެ. އެހެންނަމަވެސް، އެޙަޤީޤަތަކަށް ބަދަލެއް ނާންނާނެއެވެ. އަދި، އެފަދަ މޭވާއާއި ތަކެތިކައި ހެދުމުން، އިންސާނާގެ ހަށިގަނޑަށް ލިބޭގެއްލުމާގުޅިފައިވާ ޙަޤީޤަތަކަށްވެސް ބަދަލެއް ނާންނާނެއެވެ.

ކައިހަދާ ފަތްފަތުގައި ހުންނަ ކެމިކަލާއި ބަލިބައްޔަކީ ބޭރަށް ނުފެންނަ އެއްޗެއް

ބިމަށްޖަހާ ކެމިކަލްބޭހާއި ކާނާއަކީ، އެހައިފަސޭހައިން ވިރި، ނެތި ހަލާޚުވެގެންދާނެ އެއްޗެއްނޫނެވެ. މިކަމާގުޅިގެން ބިމުގެ ދިރުންކެނޑި ފެންފަށަލަ ކިލަނބުވެ ލޮނުވެ ކެމިކަލާގުޅި ތަޣައްޔަރުވެގެން ދެއެވެ. ޤުދްރަތީ ގަސްކާނާ ބޭނުންކުރުމުން، ފެންފަށަލަ ތަޣައްޔަރުވެގެންނެއް ނުދެއެވެ. އެހެންނަމަވެސް، ގިނައިން ބިމުން ފެންނެގުމާގުޅިގެން ފެންފަށަލަޔަށް ބަދަލު އާދެއެވެ. ލޮނުވެ ނުވަތަ ފާވެ ފެނުގެ ރަހަޔާއި ވަހަށް ބަދަލު އާދެއެވެ. ޤުދްރަތީ ކާނާ މަދުވުމާގުޅިގެން، އަދި، ކެމިކަލްކާނާ ގިނަވުމާގުޅިގެން، ދަނޑުބިންތައް ހަލާކުވެ، ޤުދްރަތީގޮތުން، ބިމުގައި ހުންނަންޖެހޭކާނާ މަދުވެގެން ދެއެވެ. އަދި ދަނޑުވެރިކަން ކުރުމަށް ކުރަންޖެހޭ ހޭދަ އިތުރުވެގެން ދެއެވެ. ދަނޑުބިމުގައި ހެދޭ ތަކެތި މަދުވެއެވެ. އަދި ހައްދާ ތަކެތި މަދުވުމާއެކު، އޭގެ ފެންވަރު ދަށްވެއެވެ. އަދި އެތަކެތި ކައިގެން އިންސާނުންނަށް ޖެހޭބަލިތައް އިތުރު ވެއެވެ. މިހުރިހައިކަމަކީވެސް، އިންސާނާއަށް ނޭނގި ކުރެވޭ ކަންކަމެވެ.

ޤުދްރަތީ ގަސްކާނާ ބޭނުންކުރާނަމަ، ބިމުގެ ޕީއެޗް ލެވެލް އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. އެން ފައިޓަލައިޒަރ ގިނައިން ބޭނުންކުރާނަމަ، ފަސްގަނޑުގެ އެސިޑިޓީ އިތުރުވެއެވެ. ނުވަތަ ފަސްގަނޑު ހުތްވެއެވެ. އެން ފަރޓަލައިޒަރގެ ބަދަލުގައި ޤުދްރަތީ ގަސްކާނާ ބޭނުންކުރާނަމަ، ފަސްގަނޑުގެ އެސިޑިޓީ ދަށްވެއެވެ. ނުވަތަ ހުތްކަން ކުޑަވެއެވެ. ބައެއް ވެއްޔަކީ، އެސިޑްވެލީގެ ގޮތުގައި ބެލެވޭ، އެސިޑްގެ އަސަރު ވަރަށް ބޮޑަށް ހުންނަ ވެއްޔެކެވެ. މީގެ އިދިކޮޅު ވެއްޔަކީ، އަލްކަލައިން ވެއްޔެވެ. އެސިޑް އެކުލެވޭ ކާތަކެތީގެ ތެރޭގައި ހިމެނޭ ލުނބޮޔާ، ރޯ އޮރެންޖުގައި ހުންނަނީ ހުތް އަދި ތޫނު، ޒަވި ރަހައެކެވެ. އަލްކަލައިންގައި ސައިބޯނީގައި ހުންނަ ކަހަލަ ލޮނދިގޮތެއް ހުންނާނެއެވެ.

އެސިޑްގެ ބާރުމިން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑަށް ކިޔަނީ ޕީއެޗް މިންގަނޑެވެ. މިމިންގަނޑު ފައްޓަނީ، އެސިޑްގެ ބާރުވަރަށް ގަދަކޮށް ހުންނަ ދަރަޖަ 1 އިން ފެށިގެންނެވެ. މިމިންގަނޑު ނިމެނީ، އަލްކަލައިންގެ އެންމެ ބާރުގަދަ މިންވަރު ކަމުގައިވާ 14 ވަނަ ދަރަޖަ އަށެވެ. މިދެބާވަތުގެ މެދުމިންވަރަކީ، އެސިޑާއި އަލްކަލައިން ވަކި ބަޔަކަށް ނުޖެހޭ 7 ވަނަ ދަރަޖަ އެވެ.  ވެއްޔަކީ، ގަސްހެދިބޮޑުވުމަށް ބޭނުންވާ ތަފާތު އެތައް މާއްދާތަކެއް ހިމެނޭ އެއްޗެކެވެ. އޭގެ ތެރޭގައި ހިމެނެނީ، ބިމުގައި ހިމެނޭ މަޢުދަނީ ލޮނުގެ ބައިތައް ހިމެނޭ މަޢުދަނީ ކާނާ އާއި، މަރުވާ ގަހުގެ ބައިތަކާ ޖަނަވާރުގެ ބައިތައް ހިމެނޭ ކާދު، އަދި ފެނާއި ވަޔެވެ. ވެލީގައި ކުނޑިވެލި ނުވަތަ ހިމުންވެލި ހިމެނޭމިންވަރު މަތިނަމަ، ފެނާއި ގަސްކާނާ ހިފަހައްޓާ މިންވަރު ބޮޑުވެފައި ގަސްތަކުގެ ހެދުން ރަނގަޅުވާނެއެވެ. އެހެންނަމަވެސް، ރާއްޖޭގެ ބިމުގައި އެކުލެވިގެންވަނީ، މައިގަނޑު ގޮތެއްގައި ރާޅު ވެއްޔެވެ. ކުނޑިވެލި ހިމެނެނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެހެންކަމުން، ގަސް ހައްދަން ކާނާއާއި ބޭސް ގިނައިން ބޭނުންކުރަންޖެހެއެވެ.  ދިވެހިބިމުގައި، ކެލްސިއަމް ގިނައިން ހުންނާތީ، ވެލީގެ ޕީއެޗް މިންގަނޑު ހުންނަނީ ވަރަށް މަތީގައެވެ. އެއީ 8 އާއި 8.5 އާ ދެމެދެވެ. ބައެއް ވެއްޔަކީ، އެސިޑްވެލީގެ ގޮތުގައި ބެލެވޭ، އެސިޑްގެ އަސަރު ވަރަށް ބޮޑަށް ހުންނަ ވެއްޔެކެވެ. މީގެ އިދިކޮޅު ވެއްޔަކީ، އަލްކަލައިން ވެއްޔެވެ. އެސިޑް އެކުލެވޭ ކާތަކެތީގެ ތެރޭގައި ހިމެނޭ ލުނބޮޔާ، ރޯ އޮރެންޖުގައި ހުންނަނީ ހުތް އަދި ތޫނު، ޒަވި ރަހައެކެވެ. އަލްކަލައިންގައި ސައިބޯނީގައި ހުންނަ ކަހަލަ ލޮނދިގޮތެއް ހުންނާނެއެވެ.

އެސިޑްގެ ބާރުމިން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑަށް ކިޔަނީ ޕީއެޗް މިންގަނޑެވެ. މިމިންގަނޑު ފައްޓަނީ، އެސިޑްގެ ބާރުވަރަށް ގަދަކޮށް ހުންނަ ދަރަޖަ 1 އިން ފެށިގެންނެވެ. މިމިންގަނޑު ނިމެނީ، އަލްކަލައިންގެ އެންމެ ބާރުގަދަ މިންވަރު ކަމުގައިވާ 14 ވަނަ ދަރަޖަ އަށެވެ. މިދެބާވަތުގެ މެދުމިންވަރަކީ، އެސިޑާއި އަލްކަލައިން ވަކިއަތަކަށްނުޖެހޭ 7 ވަނަ ދަރަޖައެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.