އިސްރާއީލުގެ ދައުލަތް އުފެއްދުމުގެ މަގުސަދުގައި ފަލަސްޠީނުގެ ބިމަށް ވެރިގަތް ޔަހޫދީން 1948 ވަނަ އަހަރު ޠަންޠޫރާ އަވަށުގައި ހިންގާފައިވާ ގަތުލުއާއްމު ތަހުގީގުކުރުމަށް ބައިނަލްއަގުވާމީ ކޮމިޝަނެއް އެކުލަވާލުމަށް ފަލަސްޠީނު ސަރުކާރުން ގޮވާލައިފިއެވެ.
ފަލަސްޠީނު ސަރުކާރުން މިފަދައިން ގޮވާލާފައި މިވަނީ، މިޒަމާނުގެ އިސްރާއީލު އުފެދުނުކަން އިއުލާންކުރި އަހަރު ކަމުގައިވާ 1948 ވަނަ އަހަރު ޠަންޠޫރާ އަވަށުގަައި ޞަހްޔޫނީން (ޒަޔަނިސްޓުން) ހިންގި ގަތުލުއާއްމުގައި މަރުވެފައިވާ ފަލަސްޠީނު މީހުން ވަޅުލާފައިވާ ޖަމާއީ ކަށްވަޅެއް އެއަވަށުން ފެނިފައިވާ ކަމަށް އިސްރާއީލުގެ ހާރެޓްޒް ނޫހުން ބުރާސްފަތި ދުވަހު ބުނުމާ ގުޅިގެންނެވެ.
ފަލަސްޠީނު މީހުން ބުނާގޮތުގައި އިސްރާއީލު އުފެއްދުމާއެކު ޔަހޫދީން ވެރިވެގަތް ބިންތަކުން ފަލަސްޠީނު މީހުން އެމީހުންގެ ގެތަކާއި ދަނޑުބިންތަކުން ގަދަކަމުން ބޭރުކުރުމުގެ މަގުސަދުގައި ފަަލަސްޠީނުގެ އެތައް އަވަށެއްގައި ޔަހޫދީން މިފަދަ ގަތުލުއާއްމު ހިންގާފައިވާ ކަމުގައެވެ.
"ބިންތައް ހިފައިގެން އުޅޭ މީހުން (ޔަހޫދީން) ގެ ޖަރީމާތައް 1948 ވަނަ އަހަރާ ހިސާބުން ނިމުނީއެއް ނޫން. މިއަދުވެސް ނަސްލީ ތަފާތުކުރުމާ، ނަފުރަތު އުފެއްދުން އެކުލެވިިިގެން އެ ޖަރީމާތައް ކުރިއަށް އެބަދޭ. އެެހެންކަމުން މި ޖަރީމާތައް ތަހުގީގުކުރަން ފަށަން ޖެހޭ." ފަލަސްޠީނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެެވެ.
"ކުރަންޖެހޭ ކަމަކީ (ޖަރީމާތަކުގެ) ޝިކާރަައަށްވި ފަލަސްޠީނު މީހުންނަށް އިންސާފު ހޯދައިދިނުމަށް ފުޅާ ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށައި، މި ޖަރީމާތަކާއި، ގަތުލުއާއްމުގެތަކުގެ ނުބައިކަން ފޮރުވަމަށް މަސައްކަތްކުރާ އިސްރާއީލުގެ އޮފިޝަލުންނާއި، އިސްރާއީލުގެ އިދާރާތަކަށް އަދަބު ދިނުން." އެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.
"ޠަންޠޫރާ އަވަށުގައި 1948 ވަނައަހަރު ހިނގި ހަނގުރާމައިގައި ބައިވެރިވި އިސްރާއީލުން ސިފައިން އެންމެ ފަހުންވަނީ އެ އަވަށް އަމާންދިނުމަށް ފަހު އަރަބިންނާ ދެކޮޅަށް ހިންގި ގަތުލުއާއްމާއި ބެހޭ ވާހަކަތައް ސާފުކޮށް ކިޔާދީފައި." ހާރެޓްޒް ނޫހުން ބުނެފައި ވެއެވެ.
ހާރެޓްޒް ބުނެފައިވާ ގޮތުގައި އެ ގަތުލުއާއްމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ޠަންޠޫރާ" ޑޮކިއުމެންޓްރީ ވަރަށް އަވަހަށް ދެއްކުމަށް ހަމަޖެހިފައި ވާއިރު، ގަތުލުއާއްމުގައި ބައިވެރިވި އިސްރާއީލު ސިފައިންގެ ވާހަކަތައް އެ ޑޮކިއުމެންޓްރީގައި ގެނެސްދޭނެެއެވެ.
އެ ނޫހުން ބުނި ގޮތުގައި ގަތުލުއާއްމުގައި މަރާލި 200 ފަލަސްޠީނު މީހުން ވަޅުލާފައިވާ ޖަމާއީ ކަށްވަޅެއް ވަނީ ދޯރް ބީޗްގެ ކާރުޕާކު ސަރަހައްދުން ފެނިފައެވެ.
ފަލަސްޠީނުގެ ތާރީޚު އިލްމުވެރިން ބުނާގޮތުގައި ޠަންޠޫރާގެ ގަތުލުއާއްމު ހިންގާފައި ވަނީ 1948 ވަނަ އަހަރުގެ މޭ މަހު 22 އަދި 23 ގައެވެ.