އިސްރާއީލުން ހިފާފަފައިވާ ހުޅަނގު އައްސޭރީ ދަނޑުވެރިކަންކުރާ ފަލަސްޠީނުގެ ދަނޑުވެރިން އެމީހުންގެ ޒައިތޫނި ދަނޑުތަކަށް ވަނުން މަނާކޮށް އިސްރާއީލުން 20 އަސްކަރީ އަމުރެއް ނެރެފިއެެވެ. މި އަމުރުތައް ނެރެފައި މިވަނީ ފަލަަސްޠީނު މީހުންގެ އެތައް ސަތޭކަ އޭކަރު ބިމެއް ނެގުމުގެ މަސައްކަތް އިސްރާއީލުން ކުރަމުންދާ ވަގުތެއްގައެވެ. މިކަން ހާމަކޮށްފަައި ވަނީ ޕެލެސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ނޭޝަނަލް ކޮމިޓީ ޓު ރެސިސްޓް ދަ ވޯލް އެންޑް ސެޓްލްމަންޓްސްއިން ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކަށް މައުލޫމާތު ދެމުންނެެވެ.
އިސްރާއީލުން ފަަލަސްޠީނުގެ ދަނޑުވެރިން އެބައިމީހުންގެ ޒައިތޫނި ދަނޑުތަކަށް ވަނުން މަނާކުރުމުގެ މަސައްކަތްކުރަމުން ދާއިރު، ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ދަނޑުތަކަށް ދޭ ހަަމަލާތައްވެސް ދަނީ އިތުރުވަމުން ކަމުގައި އެ ކޮމިޓީގެ ރައީސު ވަލީދު އައްސާފު ވިދާޅުވިއެވެ.
ފަލަސްޠީނުގެ ލޭންޑް ރިސާޗް ސެންޓަރުގެ ޖިއޮގްރާފިކް އިންފޯމޭޝަން ސިސްޓަމްސް ޔުނިޓްގެ ރިޕޯޓުން އެނގޭ ގޮތުގައި އިސްރާއީލުގެ އަސްކަރީ އަމުރުތައް އަމާޒުކޮށްފައި ވަނީ ހެބްރޯން (އަލްޚަލީލު)، ބައިތުލަޙްމް، ރާމަﷲ އަދި ނާބުލުސްގެ ޒައިތޫނި ދަނޑުތަކަށެވެ.
ހުޅަނގު އައްސޭރި ހިފައިގެން އޮތް އިސްރާއީލުގެ ލަޝްކަރުގެ ކޮމާންޑަރު ނެރުނު މި އަމުރުތަކުގައި ވާގޮތުން އެ ބިންތައް ނަގަނީ އެ ސަރަހައްދުގައި ހަދާ ޔަހޫދީ އާބާދީތަކަށް ކަނޑައަޅާފައިވާ ސަރަހައްދުގައި އެ ބިންތައް އޮތީމައެވެ.
މި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޒައިތޫނި ބިންނަ މޫސުން ފެށުމާއެކު ޔަހޫދީ ވަޒަންވެރިން ދަނީ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ފަލަސްޠީނުގެ ދަނޑުވެރިންނަށް ގޯނާކޮށް ޒައިތޫނި ބިނުމަށް ހުރަސްއަޅަމުންނެވެ.
އިސްރާއީލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީ 5 ހާސް އާބާދީ ބިނާކުރުމުގެ ހުއްދަދީފައެވެ. މި އާބާދީތައް ހެދުމަށް އިސްރާއީލު ސިފައިން ވަނީ މި އަހަރުތެރޭ އެކަނިވެސް ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްޠީނު މިހުންގެ 500 ގެ ތަޅާލާފައެވެ.