ފަލަސްޠީނު ބަޔަކު ޔަހޫދީ އާބާދީއަކަށް ހަމަލާދީ ހަތަރު މީހަކު މަރާލައިފި

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްޠީނުގެ އަވަށްތަކަށް މީހުން މަރަމުން ދާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުން ފަލަސްޠީނުގެ ބަޔަކު ޔަހޫދީ އާބާދިއަކަށް ހަމަލާދީ 4 މީހަކު މަރާލައި، 4 މީހަކު ޒަޚަމްކޮށްލައިފިއެވެ.

ހަމާސް (އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް) އިން ބުނި ގޮތުގައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ޖެނީނަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން އީލީ އާބާދީއަށް ދިން ހަމަލާގައި އެ ޖަމާއަތުގެ އަސްކަރީ ގޮފީގެ މެންބަރަކު ބައިވެފައި ވާކަމުގައެވެ. އިސްރާއީލު ސިފައިން ޖެނީންއަށް އަރައި ފަލަސްޠީނު 6 މީހަކު ޝަހީދުކޮށްލާފައި ވެއެވެ.

އެ ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ ރައީސު އިސްމާޢީލު ހަނިއްޔާ ވަނީ މި ފަދަ ހިތްވަރު ގަދަ ހަމަލާތައް އިތުރުކުރުމަށް ގޮވައިލައްވާފައެވެ.

ފަލަސްޠީނު މީހުން ދިން ހަމަލާއަށް ފަހު ފަލަސްޠީނު މީހުންނާ ޔަހޫދީ ވަޒަންވެރިންނާ ދެމުދު ހަމަނުޖެހުން ހިނގައި، ނާބުލުސްއާއި ރާމަﷲއާ ދެމެދު މަގުގައި ގިނަ އަދަދެއްގެ އުޅަނދުތަކަށް  ގެއްލުނބް ދީފައި ވެއެވެ.

ޚަބަރުތައް ބުނާގޮތުގައި، ފަލަސްޠީނު ދެމީހަކު ވަނީ ޔަހޫދީ އާބާދީ އީލީއަށް ވަންނަ ހިސާބުގައި ހުންނަ ޕެޓްރޯލް ޝެޑަކަށް ހަމަލާދީފައެވެ. ކަޅު ކުލައިގެ ޝެވްރޮލޭ ކާރެއްގައި އައި ދެމީހުން ބޭނުންކޮށްފައި ވަނީ އެމް-16 ރައިފަލެވެ. އެމީހުން ވަނީ ޗެކް ޕޮއިންޓުގައި ތިބި ފާރަވެރިން މަރާލައި، ޕެޓްރޯލް ޝެޑް ކައިރީގައި ތިބި ޔަހޫދީން ވެސް މަރާލާފައެވެ.

އިސްރާއީލު ސިފައިން ބުނިގޮތުގައި، ހަމަލާދިން ދެމީހުން ކުރެ އެކަކުގެ ސިފައިން އީލީ އާބާދީ ކައިރީގައި މަރާލާފައި ވާއިރު، އަނެއް މީހާ ހަމަލާގެ އެތައް ގަޑިއިރެއް ފަހުން ޠޫބާސް އަވަށުގެ ކައިރިން އަތުލައިގަނެ ވަނީ މަރާލާފައެވެ.

އިސްރާއީލު ރެޑް ސްޓާރ އޮފް ޑޭވިޑް (އިސްރާއީލުގެ ރެޑްކްރޮސް) ބުނެފައިވާ ގޮތުގައި ފަލަސްޠީނު މީހުން ދިން ހަމަލާގައި "4 މީހަކު މަރުވިކަން ޔަގީންވެފައިވާއިރު، ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި އޭގެތެރެން އެކަކުގެ ހާލު ދެރައެވެ."

ފަލަސްޠީނު މީހުންގެ ރުޅިވެރިކަން އިތުރުވެފައި ވަނީ ޔަހޫދީ ސިފައިން ފަލަސްޠީނު އަވަށްތަކަށް ދެމުންދާ އުދުވާނީ ހަމަލާތަކުގެ ސަބަބުންނެވެ. މިގޮތުން ހޯމަ ދުވަހު ޔަހޫދީ ސިފައިން ހުޅަނގު އައްސޭރީގެ ޖެނީނަށް އަރައި ދިން ހަމަލާތަކުގައި ފަލަސްޠީނު 6 މީހަކު ޝަހީދުވެފައި ވާއިރު، 91 މީހުން ޒަޚަމްވެފައި ވެއެވެ. މިހަމަލާގައި އިސްރާއީލު ސިފައިން ވަނީ އެޕާޗޭ ހެލިކޮޕްޓަރު ވެސް ބޭނުންކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.