އެމްޑަބްލިޔުއެސްސީގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފި

އެމްޑަބްލިޔުއެސްސީގެ 2019 އާއި 2020 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ. މި އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. މީރުމާގައި ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މިހަފްލާގެ ޝަރަފުވެރި މެހުމާނު އެމްޑަބްލިޔުއެސްސީގެ ޗެއާމަން އަޙްމަދު މައުސޫމާއި، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަފާތު 9 ކެޓަގަރީއަކުން 87 މުވައްޒަފުކު ވަނ އެވޯޑް ހާސިލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ހަސަން ޝާހު ވިދާޅުވީ މި އެވޯޑް ހަފްލާގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރު ފާހަގަކުރުމާއެކު، މުވައްޒަފުން ކުންފުންޏަށް ކޮށްދެއްވާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ގޮތުގައި ކުރިއަށް ދިއުމުގެ ރޫޙު އާލާކޮށް އެކަމަށް ހިތްވަރު ދިނުމެވެ. އަދި ކުންފުނީގެ އެންމެ އަގުހުރި ރައުސްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށް ވާއިރު، ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދެ އަހަރު ކޮށްފައިވާކަން ވަނ ފާހަގަކޮށްފައެވެ. މިގޮތުން އެކި ދާއިރާތަކުން މުވައްޒަފުން ބިނާކުރުމަށްޓަކައި ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކާއި ދިގު މުއްދަތުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގެ ފުރުސަތުތައް ފަހިކޮށްދީ މުވައްޒަފުންގެ ދުޅަހެޔުކަމާއި، ސިއްޙަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަށަގެންނެވުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންގެ އާއްމު ދިރިއުޅުމާ ގުޅިފައިވާ، މެދުކެނޑުމެއްނެތި ފޯރުކޮށްދޭންޖެހޭ ޚިދުމަތެއްކަން ފާހަގަ ކުރައްވަމުން ހަސަން ޝާހު ވިދާޅުވީ އެކުވެރި އެމްޑަބްލިޔުއެސްސީގެ ޓީމުން ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ވަގުތުގައިވެސް މެދުކެނޑުމެއްނެތި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އެކަމަށްޓަކައި ހުރިހާ މުވައްޒަފުންނަށް އެމް.ޑީ ޝާހު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އެމްޑަބްލިޔުއެސްސީއަކީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަށް ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެއްގެ އިތުރުން ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާއެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ޓްރޭޑިންގ ދާއިރާއިންވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. އެމްޑަބްލިއުއެސްސީ އަކީ  %100 ދިވެހި މެނޭޖްމެންޓެއް އޮތް، ކާމިޔާބުކަމާއެކު ހިންގަމުންދާ ކުންފުންޏެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.