ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދުގެ ޝަރީއަތް ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ. މި އަޑުއެހުން ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.
ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ސަބަބުން ޢަލީ ވަޙީދު ދެ މަހަށް ޖަލަށް ލާން ޙުކުމް ކޮށްފައެވެ. އެއީ ޗިޓު ފޮނުވުމުން ސަބަބެއް ނާންގައި ކޯތަށް ހާޒިރު ވެފައި ނުވާތީއެވެ.
ޢަލީ ވަޙީދުގެ މައްޗަށް އުފުލިފައިވާ ސައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންގެ ބަޔަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާއެވެ. ޢަލީ ވަޙީދު ވިދާޅުވެފައި ވަނީ މިއީ އޭނާގެ ސިޔާސީ ހަޔާތް ހަލާކު ކޮށްލުމުގެ ގޮތުން ހަދައިގެން އުފައްދައިފައިވާ މައްސަލައެކެވެ. އޭނާ ޖިންސީ ގޯނާ ކުރިކަމަށް ބުނެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅު ދެކިފައެވެ. އެ މުވައްޒަފުން ދެންނެވި ވާހަކަތަކާ ގުޅިގެން ޢަލީ ވަޙީދު އިސްތުއުފާ ދެއްވަން ރައީސް އެންގެވިއެވެ. އިސްތިއުފާ ނުދެއްވީމާ ވަޒީފާއިން ވަކި ކުރެއްވީއެވެ.
ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ވަޑައިގަތީ ބޭސްފަރުވާއަށް ވަޑައިގަންވަން ކްރިމިނަލް ކޯޓުން އެރުވި ހުއްދައަކަށެވެ. އޭގެ ފަހުން އޭނާ ރާއްޖެއަކަށް ވަޑައެއްނުގަންނަވައެވެ. ބޭރުގައި ހުންވައިގެން އޮންލައިންކޮށް ޝަރީއަތް ބާއްވަން އޭނާ އެދިވަޑައިގަތީމާ ކްރިމިނަލް ކޯޓުން ހުއްދަ ދިނެވެ. އެ ހުއްދައިގެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރީމާ ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުން ވަކި ގޮތެއް އަންގަންދެން އޮންލައިންކޮށް ޝަރީއަތް ނުބާއްވަން އަމުރެއް ނެރެފައެވެ.