ތާރީޚުގެ ތެރެއިން، ކަނޑޫދޫ މިރުސް

Photo: UNDP Twitter

ކޮޅުމަޑުލު ކަނޑޫދޫ މިރުހަކީ، އަނގަޔަށް ކުޅި، ރަހަމީރު، ކަރުގަނޑުން މީރުވަސްދުވާ ވަކި ކުލަޔަކާއި ބަށްޓަމެއްގައި ހުންނަ، ފަޚުރުވެރި ތާރީޚެއް އޮތް، ގިތެޔޮ މިރުހެކެވެ. ރާއްޖޭގެ ނިސްބަތުގައި، އުފެއްދުމަށް މާބޮޑު ސަމާލުކަމެއްނުދީ އޮއްވާ، އުފެދުނު ބްރޭންޑެކެވެ. ހުރިހައި ޝަރަފަކާއި ފަޚުރެއް ޙައްޤުވެގެންވަނީ، ކަނޑޫދޫގެ އެކުވެރި އަދި މުރާލި ރައްޔިތުންނަށެވެ. ވަކިން ޚާއްޞަގޮތެއްގައި ، މިބްރޭންޑް އުފެއްދުމުގައި އިސްނެންގެވި އުއްމީދީ، ހީވާގި ތިންބޭފުޅުންނަށެވެ.  އެއީ ކަނޑޫދޫ  ހެޕީވިލާ އިބްރާހީމް ރަޝީދާއި ގުޑްލަކް އިސްމާޢީލް ޝަރީފު އަދި ބަނަފްސާގޭ   މުޙައްމަދު އާދަމް އަށެވެ. މީގެ ތެރެއިން  އިބްރާހީމް ރަޝީދަށްވަނީ ވަނީ، ކަނޑޫދޫގައި މިއަހަރު ފާހަގަކުރި، މިއަހަރުގެ ދަނޑުވެރިންގެ ދުވަހު، އެކަމުގެ އަގުވަޒަންކުރައްވައި، ސަރުކާރުން ހަނދާނީ ފިލައެއް ދެއްވާފައެވެ. "ކަނޑޫދޫ މިރުސް"، ރާއްޖޭގެ އެކިރަށްރަށުގައި މިހާރު، ހައްދަމުން އެބަގެންދެއެވެ. ޚާއްޞަކޮށް، ހައްދުންމަތީގައި ފުޅާ ދާއިރާއެއްގައި ހައްދަމުން އެބަގެންދެއެވެ. އަވަށްޓެރި ޝްރީލަންކާގައި ހައްދައިގެންވެސް، "ކަނޑޫދޫ މިރުސް" ރާއްޖެޔަށް އެތެރެ ކުރަމުން އެބަގެންދެއެވެ.

ކަނޑޫދޫ މިރުސް

 ކަނޑޫދޫ މިރުސް، ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެ ދިވެހިބާޒާރަށް ނުކުތީ، ކުރިން ދެންނެވި 3 ބޭފުޅުންގެ ހީވާގި މަސައްކަތާއި، ހިތްވަރުކުރައްވާފައި އެމަސައްކަތަށް ނެންގެވި އިސްނެންގެވުމެއްގެ ސަބަބުންނެވެ. މިމަސައްކަތް ފެށުނުގޮތާބެހޭގޮތުން، އިސްމާޢީލް ޝަރީފް އޭނާގެ ތަޖުރިބާ ޙިއްޞާކުރައްވާ ވަރަށް ދިގުކޮށް ވިދާޅުވެ ދެއްވިއެވެ.

ކަނޑޫދޫގައި މިރުސް ހެއްދުމުގެ މަސައްކަތް ފެށުނީ 2001 ވަނަ އަހަރުއެވެ. މަސައްކަތް ފެށުމުގެ އިސްމޭސްތިރިޔަކީ، އިބްރާހީމް ރަޝީދެވެ. ކުރީ ޒަމާނުގައި ބައްޕަމެންވެސް ކަރާ ހައްދާނެއެވެ. އެހެންނަމަވެސް، އޭރުވެސް އެމީހުންނަކަށް އެމަސައްކަތަކުން އެއްޗެއް ނުލިބެއެވެ. ކަރާވެލުގައި ކަރައެއް ހަރުލާވަރެއްނުވާނެއެވެ. ކުދިވެރިންގޮސް ކަނޑައިގެން ކާލާނެއެވެ. ދަނޑުވެރިކަމުގެ މަސައްކަތް ފަށަން އަޅުގަނޑަށް އުނދަގޫވި އެންމެ ބޮޑު އެއްސަބަބަކީ، އެތަން އަޅުގަނޑަށްވެސް ފެނިފައި އޮތީމައެވެ. އިބްރާހީމް ރަޝީދަށް އޮތީ ތޮއްޑޫގައި ކަރާހައްދާތަން ފެނިލައްވާފައެވެ. ކަނޑޫދޫގައިވެސް ކަރާވެސް ހެއްދޭނެކަމަށް އިބްރާހީމް ރަޝީދު ޤަބޫލުކުރައްވައެވެ. ރަށުގައި ބިންއޮތުމާއެކު އެކަން ވާނެކަމަށް، އިބްރާހީމް ރަޝީދު އަބަދުވެސް ބުނުއްވައެވެ. އަޅުގަނޑު، މާލޭގައި ހޮޓަލެއްގައި މަސައްކަތްކުރިއިރު، އޭނާ މަސައްކަތް ކުރެއްވީ ފިހާރައެއްގައެވެ. ކޮންމެދުވަހަކުވެސް، ކެއުމާއި ސައި އޮންނަނީ އަޅުގަނޑު މަސައްކަތްކުރާ ހޮޓަލުގައެވެ. ދިމާވާ ކޮންމެފަހަރަކުވެސް، ރަށުގައި ދަނޑު ހައްދާވާހަކަ ދައްކަވާނެއެވެ. އެވާހަކަ އޭނާ ދައްކަވާ ކުރުނުކުރެއްވީމަ އަޅުގަނޑުވެސް، ދެފިކުރުގައިހުރެފައި އެކަމަށް އެއްބަސްވީމެވެ. އަޅުގަނޑާއި އިބްރާހީމް ރަޝީދާ އަދި މުޙައްމަދު އާދަމްއާ ވާހަކަދައްކާފައި، 3 މީހުންވެގެން އެމަސައްކަތްކުރުމަށް އެއްބަސްވީއެވެ.

ރަށަށް އައިސް، ރަށުގެ އުތުރުކޮޅުގައި ދަނޑުކޮށަންފެށިތަނާ، ރަށުއޮފީހުން ހުއްދަ ނުހޯދާ ވާ ނުކޮށަން ރަށުއޮފީހުން އަންގައިފިއެވެ. އޭރު އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ އެއަހަރުގެ ރޯދަމަހަށް ކަރާ ހައްދާށެވެ. އެހިސާބުން އެމަސައްކަތް ހުއްޓާލަން ޖެހުނެވެ. ދަނޑުކޮށަން ރަށުއޮފީހުން ހުއްދަލިބުނީ ރޯދަމަސް ދިޔަފަހުންނެވެ. ރަސްމީގޮތުން ރަށުއޮފީހުން ހުއްދަ ލިބުނީމަ ދަނޑުކޮށަން ފެށީމެވެ. ފުރަތަމަ އިންދީ ކަރައެވެ. ކަރާ، ދެދަނޑެއްވަރު ހައްދާފަ، ކަރައިން އެކަނި މިކަން ނުކުރެވޭނެވާހަކަ އިބްރާހީމް ރަޝީދަށް ނަންގެންފީމެވެ. އަދި، ނަފައެއްލިބޭގޮތަށް މިކަން ކުރިޔަށް ގެންދެވޭނީ، މިރުސްވެސް ހިމެނޭގޮތަށް ގިނަވައްތަރުތަކެއް ހައްދައިގެންނޭ ނަންގަތީމެވެ. އެހެންކިޔާފަ، ތިންމީހުން މަޝްވަރާކޮށްފަ ކުޑަކުޑަ މިރުސް ދަނޑެއް ހައްދަން ފެށީމެވެ. ފުރަތަމަ މަތިހިޔާކުރީވެސް، ފަންއަޅައިގެންނެވެ. އެއީ، ކަނޑޫދޫ މިރުހުގެ ފެށުމެވެ.

ފުރަތަމަ އިންދި މިރުސްގަސްތައްވެސް ވަރަށް ރަނގަޅަށް ހެދުނެވެ. ފުރަތަމަ މިރުސް އިންދީ ދަނޑެއްގެ އެއްކޮޅުގަ މަދު ގަސްކޮޅެކެވެ. ނަތީޖާވެސް ވަރަށް ރަނގަޅުވިއެވެ. ފުރަތަމަ މުޑުވަށް ގެނައީ މާލެއިންނެވެ. ރ އަތޮޅުފިހާރަ ކައިރީ ޕޭމެންޓްމަތީ ވިއްކަންހުރި މިރުސް އެއްޗަކުން، ހާވައިގެން، ހޮވައިގެން ރީތިމިރުސްކޮޅެއް ގަނެގެން ރަށަށް ގެނައީއެވެ. އެހިސާބުން، އިތުރު ދަނޑެއްކޮށައި ބޮޑު ދަނޑެއްގައި މިރުސްއިންދަން ފެށީމެވެ. މިރުސްއެޅިއިރު އޭގެ ތެރޭގައި ހުދު މިރުހަކާއި ފެހިމިރުހެއް ހުއްޓެވެ. މިރުސް ބިދެގެން މާލެގެންދިޔައިމާ، މިހާރު ރަށުގައި މިހައްދާ ފެހިމިރުހެއް އޭރަކު ނުވިކިއެވެ. ވިކެނީ ހުދު މިރުހެވެ. މާލެއަށް މިރުސްގެންގޮސްދޭ މީހުންވެސް، ހުދުމިރުހާއި ފެހިމިރުސް ވަކިކޮށްދޭށޭ ބުނަން ފަށައިފިއެވެ. ހުދުމިރުސް ވިކޭ އަގުގެ ދެބައިކުޅަ އެއްބައި އަގުހެޔޮކޮށް ފެހިމިރުސް އޭރު ވިކެނީ. މިރުސް ކިލޯއެއް އޭރު ވިއްކީ 15 ރުފިޔާއަށް، 20 ރުފޔާއަށެވެ. އޭގެފަހުން، މަޑުމަޑުން ރަނގަޅުވަމުން އައިސް، ފެހިމިރުސް މީރުވެ، ވިކެން ފަށައިފިއެވެ. އެމިރުހުގައި މާމީރު ރަހައެއްވެސް ހުންނަނީއެވެ. ކަނޑޫދޫ މިރުސް މާލެތެރެޔަށް މަޝްހޫރުވެގެންދިޔައީ އެހިސާބުންނެވެ. އެއާގުޅިގެން، މުޅިރަށުގެ ރައްޔިތުން ދަނޑުބިން ނަގައިގެން، މިރުސްހައްދަން ފަށައިފިއެވެ. އަދި މިރުހުގެ އަގުވެސް މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. އެހެންގޮސް، ރާއްޖޭގެ އެކިރަށްރަށަށްވެސް އެމިރުސް ގެންދަން ފަށައިފިއެވެ.

އެންމެ ފުރަތަމަ މިރުސް ވިއްކަންފެށީ، މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކައިރީ ޕޭމެންޓްމަތީ މިރުސް ފޮށިތައް ހިފައިގެން ތިބެގެންނެވެ. އޭރަށް، ލިބޭ އެއްޗެއް ތަންކޮޅެއް ރަނގަޅެވެ. އެހެންނަމަވެސް، ގޮޅިތަކުގައިތިބޭ މީހުން އެކަމަށް ހުރަސްއަޅައި، އެމީހުންގެ އުނދަގޫ ބޮޑުވެގެން، ގޮޅިތަކުގައި ތިބޭމީހުންނަށް މިރުސްތައް ދޭން މަޖުބޫރުވީއެވެ. އެމީހުންދޭ އަގަކަށް މިރުސްކޮޅުދީގެން ވިއްކަން ޖެހުނީއެވެ. އަމިއްލަޔަށް ވިއްކީމާ ނަތީޖާ މާ ރަނގަޅުވެފައި ހަމައަގުވެސް ލިބެއެވެ.

ކަނޑޫދޫގައި އެންމެ ފުރަތަމަ ހައްދަންފެށި ހުދު މިރުހާއި ފެހިމިރުސް – ނާފިޒު އޭނާގެ ބައްޕަ އިބްރާހީމް ޝަރީފުގެ ދަނޑުން މިރުސް ކަނޑައިގެން

މިރުސް ހައްދަން ފުރަތަމަ ބޭނުންކުރީ، އެޑްމިއަރ އޭކިޔާ ބޭހެކެވެ. އެބޭސް ބޭނުންކުރަމުން އައިސް ގަސްތަކަށް ބޭސް ހޭނުނީމަ، ގަސްބަލިވާން ފަށައިފިއެވެ. ދެން ބޭނުންކުރަން ފެށީ އެބަމެކްޓިން، ނުވަތަ މުޅިރާއްޖޭގައިވެސް މިހާރު މަޝްހޫރު ރިހާކުރު ބޭހެވެ. 1984 ގައި އަޅުގަނޑުވެސް ދަނޑުވެރިކަމުގެ، ދޮޅުމަހުގެ ތަމްރީނެއް ހެދީމެވެ. އެއީ އެގްރިކަލްޗަރުން ހިންގި ކޯހެކެވެ. ރިހާކުރުބޭސް ބޭނުންކުރަން ފެށީ، އެކޯހުގައި އަޅުގަނޑާއެކު އުޅުނު ފީވަކު މީހަކު ބުނެގެންނެވެ. ކަންދިމާކުރިގޮތުން، ފުރަތަމަ ގެނެވުނީ ރިހާކުރު ބޭހެއްނޫނެވެ. އެބޭސް ހޯދީ އޭގެ ފަހުދަތުރު މާލެގޮހެވެ.  އެބޭސް ޖަހަން ފެށީމަ، ގަސްތައް ވަރަށް ތާޒާކޮށް ހެދެން ފަށައިފިއެވެ. ބޭސްޖަހަނީ 15 ދުވަހުން 15 ދުވަހުންނެވެ. ގަސްތައް ރަނގަޅިއްޔާ ބައެއްފަހަރު މަސްދުވަހުންވެސް ޖަހައެވެ. ރިހާކުރުބޭސް ބޭނުންކުރަމުންދިޔައިރުވެސް، ހުސް އެބޭހެއް ނުޖަހަމެވެ. އެޑްމިއަރވެސް ރިހާކުރުބޭސް ވެސް ޖަހަމުން ގެންދިޔައިމެވެ. އެހެންގޮސް އެބޭސްބޭހަށް ގަސްހޭނުނީމަ ފަތަށް ބައްޔެއް ޖެހެން ފަށައިފިއެވެ. އެބައްޔަށް ބޭޏުންކުރާނެ ބޭހަކަށް ފެނުނީ ކާރބޯސަލްފަރ ކިޔާ ބޭހެކެވެ. އެބޭސް ބޭނުންކުރަން ފެށުނީމަ ބަލި ރަނގަޅުވެއެވެ. އޭގެފަހުން އަނެއްކާ ފަކީރު ކިޔާބޭހެއް ފެނިއްޖެއެވެ. އެއީ ޕެސްޓްއެކްސް އިން ގެނެސްގެން ވިއްކާ ބޭހެއް. ޕެސްޓްއެކްސް އިން ބޭސް އެތެރެކޮށް، ވިއްކަން ފެށީމަ ބޭސްތަކުގެ އަގު ހެޔޮވިއެވެ. ފަހުން ބޭނުންކުރަމުން ގެންދިޔައީ، ކަފީރު ކިޔާ ބޭހަކާއި ކާރބޯ ސަލްފަރ އަދި އެބަމެކްޓިންއެވެ. މިބޭސްތައް ތަފާތުކޮށް އެކިފަހަރު ޖަހަމުން ގެންދަނީއެވެ. އެހެންގޮސް، ކާރބޯސަލްފަރ އަކީ، އިންސާނުންގެ ހަށިގަނޑަށް ވަރަށްބޮޑު ގެއްލުމެއްލިބޭ އެއްޗަކަށްވާތީ، ޑަބްލިޔޫ އެޗްއޯއިން މަނާކޮށްފިއެވެ. އަދި، ގަހުގެ މުލަށްޖެހޭ ބަލި ރަނގަޅުކުރުމަށް ޖަހަމުން ގެންދިޔަ ކާރބޯ ފިޔުރަންވެސް ޑަބްލިޔޫ އެޗްއޯއިން މަނާކުރިއެވެ. މިހާރު ޢާންމުގޮތެއްގައި ބޭނުންކުރަމުންގެންދަނީ، ދާދިފަހުން އިންޑިއާއިން ގެނައިބޭހެއްކަމުގައިވާ މޭޖަރ އޭ ކިޔާ ބޭހެކެވެ. އެބޭސް ޖަހާލީމަ ގަސްތައް ވަރަށް ރީތިކޮށް ހެދެއެވެ.

ކަނޑޫދޫގައި ހައްދާފައިވާ ގިތެޔޮމިރުސް ދަނޑެއް

މިރުހުގެ އަގަށްބަލާއިރު، ދޭތެރެ ދޭތެރެއިން މިރުހުގެ އަގަށް ބަދަލު އާދެއެވެ. މާބޮޑަށް ދަށަކަށް ނުދެއެވެ. އެކަމަކު، މިހާރު މިރުހުގެ އަގުމިހުރީ ވަރަށް ދަށުގައެވެ. މިހާރު މިރުހުގެ އަގުމިހުރިވަރަށް ދަށްވި ދުވަސްވަރެއް ނާދެއެވެ.  މިހެން މިދިމާވީ، ގަސްތަކަށް ލިބުނު ހީނަރުކަން ކޮންޓްރޯލް ނުކުރެވިގެން އުޅުމުގެ ތެރޭގައެވެ. އެހެންއުޅެނިކޮށް މިލިބުނީ މޭޖަރ ބޭހެވެ. އެބޭސް ޖަހަން ފެށީމަ ގަސްތައް ރަނގަޅުވާން ފަށައިފިއެވެ. އެކަމަކު، މިހާރު ކަނޑޫދޫގެ ދަނޑުވެރިންކުރެ ބަޔަކު ހައްދުންމައްޗަށްގޮސް، ވަރަށްފުޅާކޮށް މިރުސް ހައްދަން ފަށައިފިއެވެ. އެއާއެކު، މޭޖަރ ބޭސް ބޭނުންކުރަން ފެށީމަ، މިރަށުގެ ގަސްތައްވެސް މިހާރު ރަނގަޅުވެއްޖެއެވެ. މިކަމާގުޅިގެން، ރާއްޖޭގެ މީހުންނަށް ގިނަވާވަރަށް މިރުސް ހެއްދެން ފެށީމަ އަގުދަށްވާން ފެށީއެވެ. މިއަދު ( 18 އޮކްޓޯބަރ 2021 ގައި ) އެކަނިވެސް މިރުސްޓަނެއް މިރަށުން ބޭރުކޮށްފިއެވެ. މާލޭގެ މާރުކޭޓުގެ ގޮޅިތަކުން، ކަނޑޫދޫމިރުސް އެވިއްކަނީ ރަށުމީހުންއަތުން މިރުސްގަންނަ އަގުގެ ޑަބަލް އަގުބޮޑުކޮށެވެ. މިދޭތެރެޔަކުންވެސް، މާލޭގެ މާރުކޭޓުން ބާރަސަތޭކަ ރުފިޔާއަށް މިރުސްކިލޯއެއް ވިއްކައިފިއެވެ.

މިރުސްގަހަކީ ވަރަށް އުސްކޮށް ހެދޭ ގަހެކެވެ. ހަރުގަނޑު ބަހައްޓައިގެން މިރުސް ބިންނަންޖެހޭވަރަށް އުސްކޮށް ހެދެއެވެ. ގަސްތައް ބޯވެ ގަސްތަކުތެރެޔަށް ނުވަދެވިގެން، ދެގަސްދޭތެރެއިން ކޮށައިގެން ވަންނަންޖެހޭވަރަށް ބޯކޮށް ހެދެއެވެ. ގަސްތައް އިންދާފައި ހުންނާނީ 10 ފޫޓުގެ ދުރުމިނުގައެވެ. އެހާ ދުރުމިން ބަހައްޓައިގެން ހައްދާއިރުވެސް، ދެގަސްދޭތެރެއިން ކޮށަން ޖެހޭވަރަށް ގަސްތައް ހެދެއެވެ. މިރުސް އަޅާފަ ހުންނާތީ ގަސްކޮށާކަށްވެސް ނުކެރެއެވެ. އެކަމަކު، އެންމެ ރަނގަޅީ އެހެން ދިމާވުމުން ގަސްކޮށާލުމެވެ. އޭރަށް، މާރީތިކޮށް ގަސްތައް ހެދިގަނެއެވެ. ރަނގަޅު ދަނޑަކުން ވިއްޔާ އަބަދުވެސް މިރުސް ބިނދެވެން ހުންނާނެއެވެ. އަދި މިރުސްގަހެއް  3 އަހަރުވަންދެން ހައްދައިގެން ގެންގުޅެވެއެވެ.

އިބްރާހީމް ޝަރީފް ޤަބޫލުކުރައްވާގޮތުގައި، ކަނޑޫދޫ މިރުހުގެ މުސްތަޤްބަލް ވަރަށް ރަނގަޅެވެ. އަގުދަށްވީމަ، ލިބޭ އެއްޗެއް މަދުނަމަވެސް، މިރުހަކީ، ރަށުގެ ރައްޔިތުންނަށް ދާއިމީގޮތަކަށް އާމްދަނީ ލިބޭއެއްޗަކަށް އޮތީ ވެފައެވެ. މިރުސް ވެސް އަދި އެހެން ބާވަތްތައް، މާރކެޓް ކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ. މާލޭގެ މާރުކޭޓުގެ ގޮޅިތަކަށް މިރުސް ދޫކޮށްލަންޖެހޭތީ ކަންބޮޑުވެއެވެ. އޭގެ ހަމައަގެއް ނުލިބެއެވެ. ގޮޅިތަކުން މިރުހުގެ އަގުކޮންޓްރޯލްކޮށް ބޭނުންއަގެއްގައި ވިއްކުމަކީ، ކަނޑޫދޫ ދަނޑުވެރިންނަށް އޮތް ގެއްލުމެކެވެ. މިރުހަށް ހަމައަގު ލިބޭނެގޮތެއްވުން އެއީ، ކަނޑޫދޫގެ ކޮންމެ ރައްޔިތެއްގެވެސް އުއްމީދެކެވެ.

އިބްރާހީމް ޝަރީފް ވިދާޅުވާ ގޮތުގައި، ކަނޑޫދޫގައި މިރުސް ފިޔަވައި އެހެންބާވަތްތައްވެސް ހެއްދޭނެއެވެ. އެހެންނަމަވެސް، އެހެންބާވަތްތައް ހައްދައިގެން މާރކެޓްކޮށް ވިއްކުމުގެ ދަތިތަކެއް ހުންނާތީ، ހަމައެކަނި މިރުސް ހައްދަނީއެވެ. މިރުހަކީ ގައިމު، ވިކޭނެ އެއްޗަކަށްވާތީއެވެ. ރަށުއެންމެން މިރުސް ހައްދަނީ އެސަބަބަށްޓަކައެވެ. އެހެން އެއްޗެއް ހެއްދިޔަސް އަތޮޅުތެރެޔަކަށް ނުވިކެއެވެ. މިސާލަކަށް ކިއުކަމްބާ ހެއްދިޔަސް 10 ވަރަކަށް ކިލޯ ވިކިދާނެއެވެ. ދެންޖެހޭނީ ނުވިކި ހުންނަ އެއްޗެއް އުކާލާށެވެ. އެހެންނަމަވެސް، ކަނޑޫދޫގައި ބަޓަރނަޓް ހައްދައެވެ. އެއީ އެހާ އަވަހަށް ހަލާކުވާ އެއްޗަކަށް ނުވާތީއެވެ.

އިބްރާހީމް ޝަރީފް ވިދާޅުވި ގޮތުގައި މިހާރު މިއޮތީ ޙާލަތު ބަދަލުވެފައެވެ. އެގްރޯނެޓް އުފެއްދުމާގުޅިގެން، އެކުންފުނިން ހައްދަން ނިންމާފައިވާ ހުރިހާ ބާވަތެއް، ކިތަންމެ ގިނައިން ހެއްދިޔަސް، އެއްބަސްވެފައި އޮންނަ އަގަށް އެގްރޯނެޓުން ގަންނާނެއެވެ. ދަނޑުވެރިންނަށް މާރކެޓް ނުލިބި ނުވިއްކިގެން ބަހައްޓާކަށް ނުޖެހޭނެއެވެ. އެގްރޯނެޓުން ރަށުން އެތަކެއްޗާ ޙަވާލުވާނެއެވެ.

ރާއްޖޭގެ ނިސްބަތުން، އެންމެ ފުދުންތެރި ރައްޔިތެއްއުޅޭ ރަށަކަށް، ކަނޑޫދޫވެގެންދިޔައީ، ރަށުގެ ހުރިހާ ރައްޔިތުންގެ ހިތްވަރުންނެވެ. އެކަކު އަނެކަކަށް އެހީތެރިވެ މަގުދައްކައި، މިރުސް ހެއްދުމުގައި ދެމިތިބެވިގެންނެވެ. އެއްވެސް މީހަކު އަނެކާގެ ދަނޑަށް އެއްވެސް ގެއްލުމެއް ނުދޭނެއެވެ. އެންމެންވެސް އުޅެނީ ވަރަށް ގުޅިގެންނެވެ. އެކަހަލަ އެއްވެސް މައްސަލައެއް އަދި މިހާތަނަށް ދިމާވެފައެއް ނުވެއެވެ. މިއީ، ކަނޑޫދޫގެ މިރުހުގެ ތާރީޚު، ސިފަކޮށްދެއްވުމަށް، އިބްރާހީމް ޝަރީފް ދެއްކެވި ވާހަކަތަކެވެ. ފަޚުރުވެރި ތާރީޚެކެވެ. ގުޅިގެންއުޅޭ އެކުވެރި ރައްޔިތެކެވެ. ކަނޑޫދޫ މިރުހަކީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ތާރީޚުން ފުހެވިގެންދާނެ ތާރީޚެއް ނޫނެވެ. ކަނޑޫދޫ މިރުހުގެ މުސްތަޤްބަލް އޮތީ އުޖާލާ ކަންމަތީގައެވެ.

ކަނޑޫދޫގައި ގިނަޢަދަދަކަށް ހައްދަމުން ގެންދާ އަނބުގަސް

ރަށަށް އަރާ، ރަށުތެރެ ބަލައިލާ ކޮންމެމީހަކަށްވެސް، ރަށުތެރެއިން އަނބުގަސް، ގިނަ ޢަދަދަކަށް ފެނެއެވެ. ކަނޑޫދޫ ރައްޔިތުން އަނބުގަސް އިންދަނީ ތަފާތު ގޮތަކަށެވެ. އެއްވަޅުގައި އެތައް ގަސްތަކެއް އިންދައިގެން ހައްދައެވެ. ގަސް އިންދާފައި ހުންނަ ވަޅާއި ވަޅުގެ ވަށައިގެން ބިމުގައި ހުންނަ ކާނާ އެއްގަހަށް ނަގާނަމަ، ގިނަދުވަހު އެގަހަށް ކާނާ ލިބިލިބި ހުންނާނެއެވެ. އެހެންނަމަވެސް، އެތައް ގަހަކަށް އެހިސާބުގެ ބިމުގައި ހުންނަ ކާނާ ނާގާ ނަމަ، ކާނާ އަވަހަށް ހުސްވާނެއެވެ. އަދި ބިމުގެ ކާނާ އިތުރުކުރުމަށްޓަކައި ކޮމްޕޯސްޓް ބޭނުންކުރަން ޖެހޭނެއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި އަނބު ހައްދަނީ ވަޅެއްގައި ގަހެއް ދެގަހެއް ޖަހައިގެންނެވެ. އެހެން ނަމަވެސް ކަނޑޫދޫން ފެނުނު މަންޒަރު ތަފާތެވެ. އެއްވަޅެއްގައި ދިހަބާރަ ގަސް ޖަހާފައި ހުރެއެވެ. މިއީ، އަނބުގަސް ހެއްދުމުގައި އައުގޮތެކެވެ. ކަނޑޫދޫ މިރުހެކޭ އެއްގޮތަށް އަނބު ހެއްދުމުގައިވެސް ކަނޑޫދޫ ރައްޔިތުން އާގޮތެއް ހޯދީކަމަށް ވެދާނެއެވެ. ޢާންމު ގޮތެއްގައި އަނބުގަހަކީ، ގަސް އިންދާފައި ހުންނައިރު، އެއްގަސް އަނެއްގަހަށް ފެންނަ ހިސާބުގައި އިންދާފައި ހުރުމުން ފަސޭހައިން ހެދޭ ގަހެކެވެ. އަނބުގަހެއް ނުފެންނަ ހިސާބުގައި އިންދާފައި ހުންނަ އަނބުގަސް، ހެދޭލެއް ދެރަކަން، ފާހަގަ ކުރެވެއެވެ. މިއީ ރާއްޖޭގެ ގިނަރަށްރަށުން ފެންނަ މަންޒަރެކެވެ.

ކަނޑޫދޫގެ މިރުހުން، ރަށަށް ލިބިފައިވާ ދިރުން ރަށަށް އަރާމީހުންނަށް ފެނެއެވެ. މިރުހުން ލިބެމުންދާ އާމްދަނީން، ގެދޮރު ބިނާކުރަމުން ދާކަން، ރަށުތެރެއިން ފާހަގަ ކުރެވޭނެއެވެ. ޒަމާނީ ގޮތްތަކަށް، ރީތި ޑިޒައިންތަކަށް އެއްބުރިޔަށް، އަދި ދެބުރިޔަށްވެސް ގެދޮރު ބިނާކުރަމުން ގެންދެއެވެ. މިއީ ރަށުގެ ޢުމްރާނީ ތަރައްޤީއަށް ލިބެމުންދާ ކުރިއެރުމެކެވެ. ރައްޔިތުންގެ ދިރިއުޅުމަށް ލިބެމުންދާ ދިރުމެކެވެ.

ކަނޑުދޫގައި ޒަމާނީ ފެންވަރަށް ޢިމާރާތްކުރެވިފައިވާ ގެތަކުން .....

ދުނިޔެ މިދަނީ ބަދަލުވަމުންނެވެ. ހުރިހާކަމެއްގައެވެ. ދަނޑުވެރިކަމުގައިވެސް މެއެވެ. އަދި ދަނޑުވެރިކަން ކުރެވެމުންދާގޮތުގައިވެސް ބޮޑެތި ބަދަލުތަކެއްވަނީ ދުނިޔެއަށް އައިސްފައެވެ.

ފެން ބޭނުންކޮށްގެން ހައިޑްރޮޕޯނިކްސްގައި ހައްދާފައިވާ ގިތެޔޮ މިރުސް

ދަނޑުބިން ބޭނުންކޮށްގެން ފަސްގަނޑުގައި ދަނޑުވެރިކަންކުރުން، މަދުވަމުން އެބަދެއެވެ. ވެލީގެ ބަދަލުގައި ބޮނބިކުނޑި ބޭނުންކޮށްގެން ގްރޯބޭގްގައި ދަނޑުވެރިކަން ކުރެވެއެވެ. ފެންބޭނުންކޮށްގެން ހައިޑްރޮޕޯނިކްސް ގައި ދަނޑުވެރިކަން ކުރެވެމުން އެބަދެއެވެ. އަދި އެންމެފަހުން، ވެއްޔާއި ފެން ދޫކޮށްލައި ޖައްވުގައި ހުންނަ އާވި ނުވަތަ ފެން ސްޕްރޭކޮށްގެން ދަނޑުވެރިކަން ކުރެވެމުން އެބަދެއެވެ. ދަނޑުބިމުން ފެށި ދަނޑުވެރިކަން، ހައިޑްރޮޕޯނިކްސް އަށް ބަދަލުވެ، އެންމެފަހުން އެއަރޯޕޯނިކްސް އަށް މިހާރުމިވަނީ ބަދަލުވެފައެވެ. ދަނޑުވެރިކަމުގެ އާ ޓެކްނޮލޮޖީ ދުވަހުން ދުވަހަށް ތަޢާރުފްވަމުން އެބަދެއެވެ. ރާއްޖޭގެ ދަނޑުވެރިކަމުގެ މުސްތަޤްބަލްވެސް އޮތީ، ޓެކްނޮލޮޖީއަށް އަހުލުވެރި ދަނޑުވެރިކަމެއްގެ ތަޞައްވުރާ ގުޅިފައެވެ.

ކަނޑޫދޫ މިރުހަކީވެސް، ހައިޑްރޮޕޯނިކްސްގައި ނުހެއްދޭނެ އެއްޗެއްނޫނެވެ. ތަރުކާރީގެ ގިނަބާވަތްތައް މިހާރު ހައްދަމުން ގެންދަނީ، ހައިޑްރޮޕޯނިކްސްގައެވެ. އަލުތްވާއި ރަންގު ކައްޓަލަ، ކަރަޔާއި ބަރަބޯ އަދި ބަޓަރނަޓް ހައިޑްރޮޕޯނިކްސްގައި އެބަ ހައްދައެވެ. ހައިޑްރޮޕޯނިކްސްގައި ހައްދާ ބާވަތްތައް، ބިމުގައި ހައްދާ ބާވަތްތަކަށްވުރެ، މާގިނައިން އުފެއްދެއެވެ.  ކެމިކަލް މަދު އަދި ރަހަމީރު، ފެނަށް ކުރެވޭ ހޭދަ މަދު ވެއެވެ. އެހެންނަމަވެސް، މަސައްކަތް ފެށުމަށްކުރެވޭ ހޭދަ ބޮޑެވެ. އެހެންކަމަށްވިޔަސް، އުފެއްދޭ މިންވަރު ގިނަވެފައި ވިއްކަން ފަސޭހަވެފައި، މަސައްކަތްފެށުމަށް ކުރެވޭ ހޭދަ އަވަހަށް ލިބެއެވެ. އެހެންކަމުން، ރާއްޖޭގެ ދަނޑުވެރިކަން، ޞިނާޢަތެއްގެގޮތުގައި ކޮޅަށް ޖެހުމުގައި ޓެކްނޮލޮޖީގެ އެހީތެރިކަންވަނީ ބޭނުންވެފައެވެ. ކަނޑޫދޫ މިރުހުގެ މުސްތަޤްބަލްވެސް ހައިޑްރޮޕޯނިކްސް އާ ގުޅިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.