މެދުއިރުމަތީގައި ސައޫދީ އަރަބިއްޔާއާއި އެންމެ ވާދަވެރި ގައުމު ކަމުގައިވާ އީރާނާއެކު ދާދި ފަހުން މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ސައޫދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ. މިއީ އީރާނުގެ ރައީސު އިބްރާހީމް ރައީސީ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކެެވެ.
"މަޝްވަރާތަކުގެ ހަތަރުވަނަ ބުރު ބާއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު." ސައޫދީ ޚާރިޖީ ވަޒީރު ފަރްޙާން ބިން ފައިޞަލް އާލްސަޢޫދު އިއްޔެ ވިދާޅުވިއެވެ.
"މި މަޝްވަރާތައް އަދިވެސް ވަނީ (ގުޅުން ރަނގަޅުކުރާނެ) ގޮތްތަކެއް ހޯދުމުގެ މަރުހަލާގައި. ދެ ފަރާތުގެ ދެމެދުގައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މި ވާހަކަތަކުން ބިންގާ އެޅިގެންދާނެ ކަމަށް އަހަރުމެން އުއްމީދުކުރަން." ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ފޮރިން ޕޮލިސީ ޗީފް ޖޮސެޕް ބޮރެލްއާއެކު ރިޔާޟުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޖޮސެޕް ބޮރެލް މި މަޝްވަރާތަކަށް މަރުހަބާވިދާޅުވެފައި ވާއިރު، މަޝްވަރާތައް ބޭއްވީ ކޮންތަނެއްގައި ކަމާއި، އެ މަޝްވަރާތަކުގައި ދެ ގައުމު ތަމްސީލުކުރެއްވީ ކޮން ފެންވަރެއްގެ ބޭފުޅުންނެއް ކަމެއް ސައޫދީން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އީރާގުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ޚަބަރުތައް ބުނެފައިވާ ގޮތުގައި މަޝްވަރާތައް ބާއްވާފައި ވަނީ އިރާގުގެ ވެރިރަށް ބަޣުދާދުގައެވެ.
މި ފަހަރު ބާއްވާފައި މިވަނީ މަޝްވަރާތަކުގެ ހަތަރުވަނަ ބުރެވެ. އީރާގުގެ ބޮޑުވަޒީރު މުސްޠަފާ އަލްކާޡިމީ އިސްނެންގެވުމަކަށް އީރާނުގެ ކުރީގެ ރައީސު ޙަސަން ރޫޙާނީގެ ދައުރުގައި ފެށި މި މަޝްވަރާތަކުގެ ފުރަތަމަ ތިން ބުރުވެސް ބާއްވާފައި ވަނީ ބަޣުދާދުގައެވެ.
ފާއިތުވި ސެޕެޓެންބަރު މަހުގެ 23 ވަނަ ދުވަހު އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސަޢީދު ޚަޠީބުޒާދާ ވިދާޅުވެފައިވާ ގޮތުގައި މަޝްވަރާތަކުގެ ސަބަބުން ގަލްފު ރައްކާތެރިކަމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
ސީރިޔާ (ސޫރިޔާ)، ލެެބެނާން (ލުބްނާން) އަދި އިރާގުގެ މައްސަލަތައް ފަދަ މެދު އިރުމަތީގެ ބޮޑެތި މައްްސަލަތަކުގައި ސައޫދީ އަރަބިއްޔާއާއި އީރާނު އަބަދުވެސް ތިބެނީ އިދިކޮޅަށެވެ. ސައޫދީން އިސްނަގައިގެން އުފެއްދި އަރަބި ކޯލިޝަނުން ޔަމަނުގައި ޙޫޘީންނާ ހަނގުރާމަކުރަމުން ދާއިރު، އީރާނުން ތާއީދުކުރަނީ އަދި އަސްކަރީ އެހީވަނީ ޙޫޘީންނަށެވެ.
ސައޫދީ އަރަބިއްޔާއިން އީރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން 2016 ވަނަ އަހަރުގެ ޑިސެންބަރު މަހު ކަނޑާލީ ސައޫދީ ޝީޢާ ޝައިޚެއް ކަމުގައިވާ ނިމްރް އައްނިމްރްގެ މައްޗަށް ސައޫދީން މަރުގެ ހުކުމް ތަންފީޒުކުރުމުން އީރާނުގެ ގިނަ ބަޔަކު ތެހެރާނުގައި ހުންނަ ސައޫދީ އެމްބަސީއަށް ވަދެގަނެ އެތަނުގައި ރޯކޮށްލުމާ ގުޅިގެންނެވެ.