ދެގައުމުގެ ގުޅުން ރަނގަޅުކުރެވޭނޭ ގޮތްްތަކާމެދު މަޝްވަރާކުރުމަށް ސައޫދީ އަރަބިއްޔާއާއި އީރާނުގެ ވަފުދުތައް މިމަހު ކުރީކޮޅު އިރާގުގެ ވެރިރަށް ބަޣުދާދުގައި ބައްދަލުކޮށްފައިވާކަން އިރާގު އޮފިޝަލަކު ކަށަވަރުކޮށްދެއްވައިފިއެވެ. އަދި ބަޣުދާދުގައި ހުންނަވާ ހުޅަނގުގެ ގައުމެއްގެ ޑިޕްލޮމޭޓަކުވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
އިރާގުގެ އިސް އޮފިޝަލަކާ ހަވާލާދީ ބައިނަލްްއަގުވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން މިޚަބަރު އާއްމުކޮށްފައި މިވަނީ، ކުރިން ބައެއް ނޫސްތަކުން ފެތުރި މިފަދަ ޚަަބަރަކާ ގުޅިގެން، ސައޫދީ މަންދޫބުން އީރާނުން މަންދޫބުންނާ ބައްދަލުކޮށް ސީދާ މަޝްވަރާތަކެއް ކޮށްފައިވާކަން ސައޫދީ ފޮރިން މިނިސްޓްރީން ދޮގުކޮށްފައި ވަނިކޮށެވެ.
އިރާގުގެ އޮފިޝަލް ވިދާޅުވިގޮތުގައި މަޝްވަރާތަކުގައި ސައޫދީ އަރަބިއްޔާގެ ފަރާތުން ބައިވެރިވެވައިގަތީ އެގައުމުގެ ޖާސޫސީ އިދާރާ، ޖެނެރަލް އިންޓެލިޖެންސް ޕްރެޒިޑެންސީގެ ރައީސު ޚާލިދު ބިން ޢަލީ އަލްޙުމައިދާނެވެ. އަދި އީރާނު ފަރާތުން ބައިވެރިވެ ވަޑައިގަތީ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް އޮފް އީރާންގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ޝަމްޚާނީގެ ފަރާތްޕުޅުން ވަޑައިގެންނެވި މަންދޫބުންނެވެ.
މި ބައްދަލުވުމުގެ ޚަަބަރުތައް ހުޅަނގުގެ ބައެއް ނޫސްތަކުން އާއްމުކުރުމާ ގުޅިންގެން އީރާނުން ނެރުނު ބަޔާނުގައި ބައްދަލުވުމެއް ބޭއްވުނުކަންވެސް އަދި ނުބާއްވާކަންެވެސް ހާމަކޮށްފައި ނުވެއެވެ. ބަޔާނުގައި ބުނެފައިވަނީ އެފަދަ ބައްދަލުވުމަކާ ބެހޭގޮތުން ހުޅަނގުގެ ނޫސްތަކުން ފަތުރަނީ އޮޅުލާވާފައިވާ ޚަބަރެއް ކަމުގައެވެ. އެހެންނަމަވެސް، އީރާނުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އީރާނު އަބަދުވެސް އޮންނާނީ ސައޫދީ އަރަބިއްޔާއާ ވާހަކަދެއްކުމަށް ތައްޔާރަށެވެ.
ސައޫދީ-އީރާން ބައްދަލުވުން ބަޣުދާދުގައި ބޭއްވުމުގެ ހަފުތާއެއްހާ ދުވަސް ކުރިން އިރާގުގެ ބޮޑުވަޒީރު މުޞްޠަފާ އަލްޚާދިމީ ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ސަލްމާނު ރަސްގެފާނާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވާފައި ވެއެވެ. އަދި ޚަަބަރުތައް ބުނާ ގޮތުގައި ދެގައުމުގެ ދެމުގައި ވާހަކަތައް ފެށުމުގައި އަލްޚާދިމީގެ ދައުރު ވަރަށް ބޮޑެވެ.
މައުލޫމާތު ލިބޭގޮތުގައި ބަޣުދާދުގައި ކުރިއަށް ދިޔަ ވާހަކަތަކުގެ މައިގަނޑު މަގުސަދަކީ ފަސްއަހަރު ކުރިން ކަނޑާލި ގުޅުން އަލުން ގާއިމުކުރުމެވެ.
މެދުއިރުމަތީގައި އެންމެ ވާދަވެރި ދެގައުމު، ސުންނީ ސައޫދީ އަރަބިއްޔާއާއި ޝީޢީ އީރާނުގެ ދެމެދުގައި ގުޅުން އަލުން ގާއިމުކުރުުގެ މަޝްވަރާތައް ކޮށްފައި މިވަނީ މެދުއިރުމަތީގެ ސިޔާސީ މަސްރަހު ބަދަލުވަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސު ޖޯ ބައިޑަން މިއަަހަރުގެ ޖަނަވަަރީމަހު ރައީސުކަމާ ހަވާލުވެވަޑައިގަތް ފަހުން އޭނާ ވަނީ އެމެރިކާއިން އީރާނާމެދު ގެންގުޅޭ ސިޔާސަތަށް ކޮންމެވެސް ވަރެއްގެ ބަދަލުތަަކެއް ގެންނަވައި، ނިއުކުލިޔާ އެއްބަސްވުން ދިރުުވުމާ ބެހޭ ނުސީދާ ވާހަކަތަކެއް އީރާނާއެކު ފައްޓަވާފައެވެ.
2016 ވަނަ އަހަރު ސައޫދީ އަރަބިއްޔާއިން އީރާނާ ގުޅުން ކަނޑާލީ ސައޫދީ ޝީޢީ އިލްމުވެރިޔާ ޝައިޚް ނިމްރް އައްނިމްރަށް މަރުގެ އަދަބު ދިނުމުން ރުޅި އައިސްފައިވާ އީރާނުގެ އާއްމުންގެ ބަޔަކު ތެހެރާނުގައި ހުންނަ ސައޫދީ އެންބަސީއަށް ވަދެ އެތަން ރޯކޮށްލުމާ ގުޅިގެންނެވެ. އެއަށްފަހު ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.