ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ އިސްތިއުނާފުގައި ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން ދައުލަތުން އެސްއޯފްގެ މައްޗަށް ދައުވާ ނުކުރާން ނިންމާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެއްޖެއެވެ.
ދައުލަތުން މިހެން ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފަނޑިޔާރުގެ މައިގަނޑު ސުވާލަކީ ރައީސް ޔާމީންގެ މައްޗަށް ސާބިތު ވެފައިވާ ކުށް ހިނގާފައިވާ ތަރުތީބަކީ ކޮބައިތޯ ކުރެއްވި ސުވާލެކެވެ. އެ ސުވާލުގެ ތެރެއިން ފަނޑިޔާރު އުފެއްދެވި އެއް ސުވާލަކީ އެސްއޯއެފްގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ވޭތޯއާއި ތަހުގީގެއް ކުރެވުނުތޯ ކުރެއްވި ސުވާލެކެވެ. ޖަވާބުގައި ދައުލަތުން ވިދާޅުވެފައި ވަނީ އެސްއޯއެފްގެ މީހުން ރާއްޖެއިން ބޭރުގައި ތިބުމާއެކު އެމީހުންގެ މައްޗަށް ތަހުގީގު ހިންގިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެ މީހުންގެ ފަރާތުން ތަހުގީގަށް މައުލޫމާތު ލިބެމުން ދާތީ އެމީހުންގެ މައްޗަށް ދައުވާ ކުރަން ދައުލަތުން ނިންމައިފިނަމަ އެ މައުލޫމާތަށް ހުރަސް އެޅޭނޭ ކަމަށެވެ. ވުމާއެކު ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގައި ރައްޔިތުންނާއި ދައުލަތަށް މަސްލަހަތު ބޮޑީ އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރުން ކަމަށް ދައުލަތަށް ފެނުނީ ކަމަށެވެ.