ވެންޓިލޭޓަރ މައްސަލައިގައި ޕީޖީއާ ބައްދަލަކުރާ ކޮމެޓީ ބައްދަލުވުން ސިއްރުކޮށްފި

ވެންޓިލޭޓަރ މައްސަލައިގައި ޕޮރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމާ، ބައްދަލަކުރާ ޖުޑިޝަރީ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ. 

މިކޮމެޓީ ސިއްރުކުރުމަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަސަން ލަޠީފެވެ. ތާއީދު ކުރެއްވީ މަތިވެރީ ދާއިރާގެ މެމްބަރ ޙަސަން ޒަރީރެވެ. 

ޖުޑީޝަރީ ކޮމިޓީ ބައްދަލުވުން ފަށްޓަވަމުން މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެ ބައްދަލުވުމަކީ ވެންޓިލޭޓަރުތައް ގަތުމަށް އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވުމުން ދައުވާނުކުރައްވަން ނިންމެވި ނިންމެވުމާ ގުޅިގެން މައުލޫމާތު އޮޅުން ފިލުވުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. އަދި ބައްދަލުވުމާ ގުޅިގެން ޕީޖީ ހިއްސާކުރައްވާފައިވާ މައުލޫމާތު ހިއްސާކުރައްވާފައިވަނީ ސިއްރު މައުލޫމާތުތަކެއްގެ ގޮތުގައިކަން މުގައްރިރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމަށް އިހުތުރާމް ކުރުމުގެ ގޮތުން ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ކޮމެޓީން ގޮތެއް ނިންމަވަން ޖެހޭ ކަމަށްއޭނާ ވިދާޅުވިއެވެ. 

މެމްބަރ ޙަސަން ލަޠީފް ވިދާޅުވީ ކޮމެޓީއަށް ހުށަހަޅައިފައިވާ ލިޔުންތަކަކީ ސިއްރު ލިޔުންތަކެއް ކަމުގައިވުމުން ކޮމިޓީގައި ދެކެވޭ ވާހަކަތައް ވެސް ވާންޖެހޭނީ ސިއްރު ވާހަކަތަކެއްކަމަށްވާތީ، ބައްދަލުވުން ސިއްރުކުރަން ޖެހޭނެކަމަށެވެ. 

ވެންޓިލޭޓަރު މައްސަލާގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލަތައް ސާބިތުކުރެވޭނެ މިންވަރަށް ވެސް އަދި ދައުވާ އުފުލޭނެ މިންވަރަށްވެސް ހެކި ނެތްކަމުގައި ވިދާޅުވެ އެ މައްސަލަތަކުގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުއުފުލުމަށް ޕީޖީ ނިންމެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.