ކޮރަޕްޝަނަކީ ރާއްޖޭގައި މީހުން ކުރަން ބިރުގަންނަ ކަމަކަށް ހަދައި ދޭނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ ) ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން " ޕްރޮގްރާމްގައި އާއްމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެކަން ކުރުމަށްޓަކައި ތަޙްޤިޤްތަކާއި ޝަރީޢަތްތައްވެސް އަވަސް ކުރަންޖެހޭ ކަމަށެވެ. ކޮރަޕްޝަން ފަދަ މައްސަލަތަކުގައި ހެކި ހޯދަންވެސް ފެސޭހަ ވާނީ އަވަހަށް ތަހުގީގު ކުރެވިގެންކަމަށް ޕީޖީ ފާހަގަކުރެއްވިއެވެ. ބޭންކުތަކުން ނުވަތަ އެނޫންވެސް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ވެސް ފާސޭހަ ވާނީ މާގިނަ ދުވަސް ނުކޮށް މައުލޫމާތު ހޯދަން އުޅެގެން ކަމަށް ވިދާޅުވިއެވެ. އަވަހަށް މައްސަލަތައް ތަހުގީގު ކުރުމުގެ އިތުރުން ވަރަށް ވަރުގަދަ މެސެޖެއް އާއްމު ރައްޔިތުންނަށް ދޭން އެބަޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އެއީ ކޮރަޕްޝަންގެ އަމަލެއް ހިންގުމަށްފަހު ސަލާމަތުން ނުހުރެވޭނެކަން ކަމަށް ވިދާޅުވިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި މިހާރު އެ މެސެޖް ރައްޔިތުންނަށް ފޯރުކޮށް ދެވިފައިވާކަށް ޕީޖީ ފާހަގަކުރެއްވިއެވެ. މީގެ ތިން އަހަރު ކުރީގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު މިހާރު އެފަދަ މައްސަލަތައް ދައުވާ އުފުލޭ މިންވަރު ވަރަށް ބޮޑު ތަން އިތުރު ވެފައިވާކަން ވެސް ޕީޖީ ފާހަގަ ކުރެއްވިއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން 2018 ގައި 90 މައްސަލައެއް ދައުވާ ކުރުމަށް ފޮނުވިކަމަށާއި 2019 ގައި 89 މައްސަލަ ދައުވާ ކުރުމަށް ފޮނުވިކަމަށް ވިދާޅުވިއެވެ. މިއަހަރު މިހާތަނަށް 161 މައްސަލައެއް ދަޢުވާ ކުރުމަށް ފޮނުވައިފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.
"ކުޑަކުދިންނާ ބެހިފައި ސަލާމަތުން ނުތިބެވޭނެކަން މިހާރު މީހުންނަށް އެނގޭނެ. ދައުވާވެސް ކުރާނެކަން ޖަލަށްވެސް ލާނެކަން. އެފަދަ މެސެޖެއް، ކޮރްޕްޝަންކަންތަކުގައި ވެސް ޕަބްލިކަށް (އާންމު ރައްޔިޔުންނަށް) ދޭން އެބަޖެހޭ" ޕިޖީ ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދައުވާ ކުރަން ނުފޮނުވޭހާ ގިނަ ކޮރަޕްޝަން މައްސަލަ ހައެއްކަ މަސްދުވަހުގެ ތެރޭގައި ދަޢްވާ ކުރަން ފޮނުވިފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު ތެރޭގައި މިދިޔަ ދިހަ އަހަރު ނުނިންމާ ވަރަށް އެފަދަ މައްސަލަތަކުގައި ޝަރީޢަތު ގޮތެއް ނިމިގެން ދާނެކަމަށެވެ.
ކުށްކުރުމަކީ ވެސް ވިޔަފާރިއެއްކަމަށް ސިފަކުރައްވައި ޕީޖީ ވިދާޅުވީ ކޮރަޕަޝަނުން ފައިސާ ހޯދައިގެން މަސަލަ ތަހުގީގުކޮށް ޝަރިޢަތުން ހުކުމަކާ ހިސާބަށް 10 ވަރަކަށް އަހަރު ނަގާނަމަ އޭނާ ކުށް ކޮށްގެން ހޯދި ފައިސާއިން ރަނގަޅު ވިޔަފާރިއެއް ފަށައިގެން ދެއަހަރު ދުވަހަށް ޖަލަށް ދިއުމަކީ މާބޮޑު ކަމަކަމަށް ނުދެކޭނެކަމަށެވެ. އެހެން ކަމުން މައްސަލަތައް އަވަށް ނިންމި އަދަބު ލިބޭނެ ކަމުގެ ބިރު ކުށްކުރާ މީހުންނަށް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތަށް ހައްލުވެފައިވާ، ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް މައްސަލަ ތަކުގެ މިސާލު ޕިޖީ ޝަމީމް ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.