ދަންމަރު: ފުރާނައިގެ ކާނާ

ބިންމަތީގައި ހެދިފައި އޮތް ވެޔޮގަނޑެއްގެ ވާހަކަ އައްސަވާށެވެ. މި ވެޔޮގަނޑުގެ މޫ އޮތީ ފަސްގަނޑުގެ ދަށަށް ވަރަށް ފުނަށް ފައިބައިފަ އެވެ. ވެޔޮގަނޑު އޮތީ ގެއެއްގެ ގޯތި ތެރޭގަ އެވެ. ގެ މަރާމާތުކޮށް، ގޯތި ތެރެ ސާފު ކުރި ދުވަހު ގޭގެ ވެރިން ހެދި ގޮތަކީ މި ވެޔޮގަނޑު މުލުން ލުހެ، ނަގައި އެއްލައިލީ އެވެ. މުލާއެކު ނަގައި އެއްލައިލުމުގެ ބޭނުމަކީ އެ ވެޔޮގަނޑު އަލުން ފަޅައިގެން ނުހެދޭނޭ ގޮތް ހެދުމެވެ. މިހެން ހެދުމަށް ފަހު ގޯތި ތެރޭގައި ސިމެންތި ގައު އަތުރައި، ތަޅުން އަޅައި ނިންމައިފި އެވެ.

އޭގެ ހަފްތާ ތަކެއް ފަހުން އެއް ކަލަ ވެޔޮގަނޑު އޮތް ދިމާއިން އެއްޗެއް އުފުލެން ފަށައިފި އެވެ. އެ ދިމާއިން ބައެއް ގަލުގައި ރެނދު އަޅައިފި އެވެ. ހީވަނީ އަޑިން ކޮންމެވެސް މީހަކު ނުވަތަ އެއްޗެއް ބާރަށް ކޮއްޕަނީ ހެންނެވެ. ގޭގެ ވެރިމީހާ އަށް މި މަންޒަރު ފެނުނު ކަމުގައި ވިޔަސް މީދާ ހޮރެއް ކޮނެގެން އުޅެނީ ކަމަށް ހިތައި އަޅާ ނުލައި ހުރީ އެވެ. އެކަމަކު ފަހުން އެހެން ކަހަލަ ގޮތަކަށް ހީވެގެން އެ ދިމާއިން ގައު ނަގައިގެން ބެލި އިރު ކަމަކު ދާކަށް ނެތެވެ. އެއްކަލަ ވެޔޮގަނޑު އަނެއްކާވެސް ކުރި ފަޅައިގެން ހެދެން ފެށީ އެވެ. އެކަމަކު ވެޔޮގަނޑުގެ ޙާލަތު އެހައި ރަނގަޅެއް ނޫނެވެ. ގާތަކުގެ ދަށުގައި ފިތިގެން އޮންނާން ޖެހުނީމާ އޮތީ ވަރަށް ނިކަމެތި ޙާލެއްގަ އެވެ. މޫ އުފުރާފައި އޮތް ނަމަވެސް އޭގެ މޫސުން އައިސް ޖެހުނީމާ އަނެއްކާ ވެސް ފުރާނަ އެޅިގެން ތެދުވީ އެވެ. މިއީ ޤުދުރަތުގެ ޢަޖާއިބެކެވެ. އަޅުގަނޑުމެން ފައިން އަރައި ނުވަތަ އަތުން ނަމަވެސް ޗިސް ކޮށް، ނަގައި އެއްލައިލާ ގަސް ނުވަތަ ވެޔޮ ފަދަ އެއްޗެހި އަނެއްކާވެސް ހެދެން ފަށަނީ އެވެ. އެ އެއްޗިއްސަށް އަލުން ދިރުމުގެ ބާރު ޤުދުރަތުން ދެއްވަނީ އެވެ.

ވެޔޮގަނޑު އަލުން ހެދެން ފަށާފައިވާތަން ފެނުނީމާ ފުރަތަމަ ދުވަހު އެ ވެޔޮގަނޑު މަރައިލެވުނީތީ ގޭގެ ވެރިމީހާ ވަރަށް ބޮޑަށް ހިތާމަ ކޮށްފި އެވެ. އޭނާ އަށް ބުނެލެވުނެވެ. އެ ވެޔޮގަނޑު ދިރިހުރުމުގެ ޙައްޤަށް އެދި އަހަރެންގެ ފަރާތުން އެދެނީ ކަހަލަ އެވެ. މިއަދުން ފެށިގެން އަހަރެން އޭގެ ދިރުމަކަށް ހުރަހެއް ނާޅާނަމެވެ. މިހެން ބުނެފައި އޭނާ އެ ދިމާއިން އިތުރު ބައެއް ގައު ނަގައި ދުރަށް ޖައްސައިފި އެވެ. އެއީ ވެޔޮގަނޑު ހެދެން އިތުރު ޖާގަ އަށް ބޭނުން ވާނެތީ އެވެ. އަހަރެއްހައި ދުވަސް ވެސް ނުވަނީސް ފެނުނީ ފަނަރަ ފޫޓުގެ ވެޔޮގަނޑެއް ފާރަށް އަރައިގެން ހެދެމުން އަންނަ ތަނެވެ. މީގެ ކުރީން އެ ވެޔޮގަނޑު އުފުރައި ނަގައި އެއްލައިލީ ތާނގަ އެވެ.

ފަރުބަދަތައް ކިތަންމެ ބޮޑެތި ވީ ނަމަވެސް އެ ފަރުބަދައިގެ ބުޑުން އެންމެ ގައުކޮޅެއްވެސް ދުރަށް ޖައްސައިލުމުގެ ބާރެއް އެއްވެސް ފަރުބަދައަކަށް ލިބިފައެއް ނުވެ އެވެ. ކުޑަ ކުޑަ ގަހެއް ފަސްގަނޑުގެ ދަށުން ނުކުމެ ސިމެންތި ތަޅުންގަނޑު ހަލާކު ކޮށްލައި މައްޗަށް އެ އަރަނީ އެވެ. މިއީ ކޮން ތަނަކުން ލިބޭ ބާރެއްތޯއެވެ?؟ އާދެ، އެއީ އަޅުގަނޑުމެން ފުރާނައޭ މި ކިޔާ އާދަޔާ ޚިލާފު ބާރުގެ ސަބަބުން ލިބޭ ބާރެކެވެ. ފުރާނަ އަކީ ވަރަށް އާދަޔާ ޚިލާފު އެއްޗެކެވެ. އެއީ އެއްވެސް މީހަކަށް ނައްތައިނުލެވޭ ބާރެކެވެ. މުލުން ލުހެ، ނަގައި އެއްލައިލީމާ ވެސް ފުރުޞަތެއް ހަމަ ލިބުމާ އެކު ބޯ ހިއްލައިލަނީ އެވެ. ފަސްގަނޑު މަތީން އެއްވެސް އަސަރެއް ފެންނާން ނެތީމާ ގިނަ މީހުން ހީކުރަނީ ފުރާނަ ނެތިގެން، އުވިގެން ދިޔައީ ކަމަށެވެ. މިހެން ހީކޮށްގެން ތިއްބާ ކުއްލިއަކަށް ފެންނަނީ ފަސްގަނޑު ފަޅާލާފައި ތެދުވާ ތަނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.