ދިވެހި ބަހުގެ އެކެޑަމީގެ އައު ރައީސަކަށް ޑޮކްޓަރ އަޝްރަފް ޢަބަދުއްރަހީމް ހޮވިވަޑައިގެންފިއެވެ.
ޑރ. އަޝްރަފަކީ މެލޭޝިއާގެ އޭޝިއާ އީ ޔުނިވާސިޓީ އިން ޑޮކްޓަރ އޮފް ފިލޯސޮފީ (ބިޒްނަސް އެޑްމިނިސްޓްރޭޝަން) ހާސިލް ކުރައްވަވާފައިވާ ބޭފުޅެކެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓާސް އޮފް މެނޭޖްމަންޓާއި މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ދިވެހި ބަހުގެ ޑިގުރީ ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.
އެކެޑަމީގެ ނައިބު ރައީސަކަށް ހޮވިވަޑައިގެންފައި ވަނީ ޒުލްފާ އިބްރާހީމެވެ. އެކެޑަމީގައި މި ދެބޭފުޅުންގެ އިތުރަށް ތިއްބަވާނީ މުޙައްމަދު ޝާހިދު ޙަލީމާއި ޢިޔާޒް ނަސީމާއި ޢަބްދުއްރަޝީދު ޙުސައިނެވެ.
ޑޮކްޓަރ އަޝްރަފާއި ޒުލްފާ އިބްރާހީމް އެކަޑެމީގެ މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ޤާނޫނުގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރަށް މުޙައްމަދު ޝާހިދު ޙަލީމް ދެވަނަ ދައުރަކަށް އައްޔަން ކުރެއްވިއެވެ. މިއަދު ބޭއްވުނު ވޯޓުލުމުގައި އަޝްރަފާއި ޒުލްފާ މަގާމަށް ހޮވިވަޑައިގަތީ އެކެޑަމީގެ ފަސް މެންބަރުންގެ އިއްތިފާގުންނެވެ. ވޯޓު ލާފައިވަނީ ކަރުދާސްކޮޅެއްގައި ފަސް މެންބަރުންގެ ނަންފުޅު ޖެހުމަށް ފަހު ސިއްރު ވޯޓެއްގެ ގޮތުގައެވެ.
މި ދެފުޅުން މަގާމަށް ހޮވިވަޑައިގެންފައި ވަނީ ރައީސް އަޝްރަފް ޢަލީއާއި ނައިބު ރައީސް ރާފިއާ ދެ ދައުރު ހަމަކުރައްވައި މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ. މި ދެބޭފުޅުންގެ ވެރިކަމުގައި އެކެޑަމީން ވަނީ ވަރަށް ގިނަ ކާމިޔާބީތައް ހޯދައިފައެވެ. އޭގެ ތެރޭގައި އަދާހަމަކޮށް މިއަދު ނެރުނު ދިވެހިބަސްފޮތް ނެރުން ހިމެނެއެވެ.