ދިވެހި ބަހުގެ އެކެޑެމީން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ބޮޑު ތަރުޙީބެއް

ކޮވިޑް-19 ގެ ފުރަބަންދުގައި ގޭގައި ތިބެގެން ދިވެހި އަދަބީ ހުނަރުތައް ދަސްކޮށް ދިނުމުގެ ފުރުސަތު އެންމެނަށް ފަހިކޮށް ދިނުމަށްޓަކައި، ދިވެހިބަހުގެ އެކެޑެމީން ކުރިޔަށް ގެންދާ ކޯސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއްޖެއެވެ. ދިވެހި ބަހުގެ އެކެޑެމީން އިންތިޒާމްކޮށްގެން އެކިއެކި އުމުރުފުރައިގެ މީހުންނަށް ޚާއްސަކޮށްގެން  ކުރިޔަށްގެންދާ މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ވާހަކަދެއްކުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހަކާއި، ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހެއްގެ އިތުރުން ނާވިލް ލިޔާނެ ގޮތް ދަސްކޮށްދޭ ކޯހެކެވެ.  އާފަތިހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވާހަކަދެއްކުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯހުގައި 478 މީހުން ބައިވެރިވެފައިވެއެވެ. ނާވިލް ލިޔުމުގެ ހުނަރު ދަސްކޮށްދޭ ކޯހުގައި 230 މީހުން ވަނީ ބައިވެރިވެފައެވެ. އަދި ޅެން ހެދުމުގެ ކޯހުގައިވެސް ޖުމްލަ 463 މީހަކު ވަނީ ބައިވެރިވެފައެވެ. 

ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ކޯހުގައި ކިޔަވައިދެއްވަން ހަމަޖެހިފައިވަނީ ކާނަލް މުޙައްމަދު ނަޝީދާއި ، އަލީ އަމީރު އަދި މުޙައްމަދު ޝިފާނެވެ. ނާވިލް ލިޔުމުގެ ހުނަރު ދަސްކޮށްދޭ ކޯހުގައި ކިޔަވައިދެއްވާނީ އައިޝާ އަބްދުލް ޢަޒީޒެވެ. އަދި ޅެން ހަދަން ދަސްކޮށްދޭ ކޯހުގައި ކިޔަވައިދެއްވާނީ އިއްޒާ ނިޒާރާއި ޒީނަތު އަޙްމަދެވެ. މިއީ ކިޔަވައިދެއްވަން ހަމަޖެހިފައިވާ މުދައްރިސުން ކަމުގައިވިޔަސް، މި ކޯސްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާތީ އިތުރު މުދައްރިސުން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ދިވެހިބަހުގެ އެކެޑެމީން މައުލޫމާތު ދެއެވެ.

ޅެން ހެދުމުގެ ހުނަރުވެރިކަން ދަސްކޮށްދޭ ކޯސް މި މަހުގެ 15 ވަނަ ދުވަހު ފެށޭނެއެވެ. ވާހަކަދެއްކުމުގެ ކޯހާއި ނާވިލު ލިޔަން ދަސްކޮށްދޭ ކޯސް ފެށޭނީ މޭ މަހުގެ 20 ވަނަ ދުވަހުއެވެ. މި ކޯސްތައް ބާއްވަނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށްގެންނެވެ. ދިވެހި ބަހުގެ އިންސްޓިޓިއުޓެއް އުފައްދަވައި ވަރަށް އަވަހަށް އެކި ލެވެލްތަކަށް ބަހައިގެން ސެޓްފިކެޓާއެކު ދިވެހިބަހުގެ ހުނަރުތައް ދަސްކޮށްދޭ ކޯސްތައް ހިންގާނެ ކަމަށް ދިވެހިބަހުގެ އެކެޑެމީން މައުލޫމާތު ދެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.