ދިވެހިބަހުގެ ޤައުމީ ސިޔާސަތެއް އެކުލަވައިލައްވަނީ

ދިވެހި ބަހުގެ ޤައުމީ ސިޔާސަތެއްގެ ދެލިކޮޕީ އެކުލަވާ ލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއްޖެއެވެ.

އާފަތިސް ނޫހަށް ދެއްވި ހާއްޞަ ބަސްދީގަތުމެއްގައި އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ފަންނާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާ އުފެއްދެވުމާއެކު ދިވެހިބަހުގެ ސިޔާސަތެއްގެ ދެލި ކޮޕީ އެކުލަވައި ލެއްވުމަށް، އެކެޑަމީއަށް އަންގަވައިފައިވާ ކަމުގައެވެ. ބަހުގެ ސިޔާސަތު އެކުލަވައި ލެއްވުމުގައި ރާއްޖޭގައި ބޭނުންކުރަމުންދާ ބަހުރުވަތަކަށް ދެވޭނީ ކޮން އަހައްމިއްޔަތެއްތޯ ކަނޑައެޅޭނެއެވެ. އަދި ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ތެރޭގައި ދިވެހިބަސް ކިޔަވައިދިނުން ގެންދެވޭނީ ކޮން ގޮތަކަށް ކަންވެސް ކަނޑައެޅިގެންދާނެ ކަމަށް އެކެޑަމީގެ ރައީސް އަޝްރަފު ވިފާޅުވިއެވެ. މިހާރު އޮންނަނީ ހުރިހާ މަރުޙަލާއެއްގައިވެސް ދިވެހިބަސް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމެވެ.  

"މި ސިޔާސަތު އެކުލަވައިލުމުން ވަރަށް ސާފުކޮށް އެނގޭނެ ދިވެހި ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ ތެރޭގައި ދިވެހި ބަހުން ކިޔަވައިދޭންވީ ކޮންކޮން މަރުޙަލާތަކެއްގައިތޯ. ކިޔަވައިދޭންވީ ގޮތަކީ ކޮބައިތޯ. ކިޔަވައި ދިނުމުގައި ބަހުރުވަތައް ޝާމިލު ކުރެވޭނީ ކޮންގޮތަކަށް ކިހިނެއްތޯ." އަޝްރަފު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ބަހުގެ މަސައްކަތްތަކެއް ކުރެވޭނީ ނިޒާމީ ތަޢުލީމުގެ ތެރޭގައި ދިވެހިބަސް ބާރުވެރި ގޮތެއްގައި ހަރުލެއްވުމުން ކަމަށް އަޝްރަފު ވިދާޅުވިއެވެ. ދިވެހި، އިސްލާމް ފިޔަވައި ހުރިހާ މާއްދާތަކެއް އިނގިރޭސިބަހުން އޮތުމުން ކުދިންގެ ދިވެހިބަހުގެ ބަސްމޮށުންތެރިކަން ވަރަށް ބޮޑަށް ދަށްވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ބަސް މޮށުންތެރިކަމުގެ ތެރެއިން ވާހަކަދައްކަން ފުރުޞަތު މަދުވި ވަރަކަށް ބަހުގެ ހީނަރުކަން އަންނާނީ ބޮޑުވަމުން. ދިވެހިބަހުގެ ސިޔާސަތެއް ކަނޑައަޅުއްވައި ވުޖޫދުކުރައްވާއިރު ތަޢުލީމީ ނިޒާމުގެ އިރުޝާދު ދެވޭ ބަހަށް ދިވެހިބަސް އޮންނާނީ ކޮން މަރުޙަލާތަކެއްގައިކަން ކަނޑައެޅޭނެ. އެހެން އޮތް ކަމުގައި ވިއަސް މަޖުބޫރު މާއްދާތަކުގެ ގޮތުގައި އިނގިރޭސި ބަސް ވެސް ކިޔަވައި ދެވޭނެ. އެހެން ބަސްތައްވެސް ކިޔަވައި ދެވޭނެ. ބަސްބަސް ކުދިންނަށް ތަޢާރަފުކުރި ވަރަކަށް އެ ކުދިން މޮޅުވާނެ. އެފަދަ ކުދިންނަކީ ގިނަބައްސައިން ނުވަތަ މަލްޓިލިންގުއަލް މީހުން ނުވަތަ ކުދިން. ގިނަބައްސަ މީހުންނަކީ ތަފާތު ގިނަބަސްތައް ދަންނަ މީހުން. ޅަފަތުގައި، ޢުމުރުން 12 އަހަރުގެ ކުރިން ކުދިންނަށް ގިނަ ބަސްތައް ތަޢާރަފްކޮށް ދަސްކޮށްދިނުމަކީ މިއަދު ދުނިޔޭގެ ތަހުޒީބު ސަގާފަތަކީ. އެއާ ދިމާއަށް ދިވެހިރާއްޖެވެސް ދާން މިއުޅެނީ. އެ ސިޔާސަތު ކަނޑައެޅިގެން އަންނައިރު ގިނަބައްސަ ތަޢުލީމީ ނިޒާމެއްގައި ދިވެހިބަހުން އިރުޝާދު ދެވޭ ބަހަކަށް ދިވެހި ބަސް އޮވެފައި، ދެން އެހެން ބަސްބަސް ދަސްކުރުމުގެ ނިޒާމެއް ވަދެގެން އަންނާނެކަމަށް އަޅުގަނޑު ދެކެނީ." އަޝްރަފު ވިދާޅުވިއެވެ.

ފަންނިއްޔާތުގެ ތެރެއިން ނޫނީ ދިވެހި ބަސް ދެމެހެއްޓެނިވި ކުރުމަކީ އުދަނގޫ ކަމަކަށްވާނެ ކަމަށް ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވިއެވެ. މިހައިތަނަށްވެސް ފަންނިއްޔާތުގެ ތެރޭގައި ދިވެހިބަސް ރައްކާތެރިކުރެވި، ހިމާޔަތްކުރެވި، އާލާވެފައި ވަނީ އެކަމަށް ޝައުޤު ހުރި  ޒުވާނުންގެ ވަރަށް ބޮޑު ހިތްވަރާއި މިންނަތުންކަން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.

ފަންނިޔާތުގެ ރޮނގުގައި ދިވެހިބަސް އަހުލުވެރިކޮށް އެއަށް އޮޅުކުރެވޭނީ ކޮން ގޮތަކަށްތޯ ބަލައި އެބޭފުޅުންގެ ފުރިހަމަ ލަފާފުޅު މި ސިޔާސަތުގެ ތެރެއަށް ގިންތި ކުރައްވާނެ ކަމަށް އެކެޑަމީގެ ރައީސް ވިދާޅުވިއެވެ. ތަޢުލީމީ ނިޒާމުގައި ކިޔަވައި ދިނުމުގައި ފަންނިއްޔާތުގެ ތެރެއިން ބަސް އުގަންނައި ދިނުމަށް ހުރި ހުރިހާ ދޮރުތަކެއް ސިޔާސަތުގެ ތެރެއިން ހުޅުވާލަ ދެއްވޭނެކަމަށް ވެސް އަޝްރަފު ވިދާޅުވިއެވެ.

"މިކަހަލަ ސިޔާސަތެއް އެކުލެވިގެންދާއިރު، މަންހަޖަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް އަޅުގަނޑު ދެކެނީ." އަޝްރަފު ވިދާޅުވިއެވެ.

ސިޔާސަތު އެކުލަވައިލުމަށް ޢިލްމީ މަޖިލީހެއްވެސް އެކަށައަޅަން ޖެހޭނެ ކަމަށް އަޝްރަފު ވިދާޅުވިއެވެ. ބަހުގެ ސިޔާސަތުގެ ފުރަތަމަ ދެލި ކޮޕީ ލިޔުންތެރިންގެ ދުވަހަށް ނިންމައިލެވޭނެ ކަމަށް އަޝްރަފު ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ އިތުރު ދިރާސީ މަސައްކަތްތައް ބަހުގެ އެކެޑަމީން ގެންދަނީ ކުރައްވަމުންނެވެ. ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ދުވަހަކީ ޖުލައި މަހުގެ 7 ވަނަ ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.