މިސައިލް ނައްތާލަން ވާހަކަދެއްކުމުގެ ކުރިން އެމެރިކާއާއި ޔޫރަޕްގައި ހުރި މިސައިލްތައް ނައްތާލާ: އީރާން

އެމެރިކާއާއި ޔޫރަޕްގައި ހުރި ދުރު ރާސްތާގެ މިސައިލްތައް ނައްތާނުލަނީސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ނައްތާލުމާމެދު ވާހަކަނުދައްކާނެ ކަމުގައި އީރާނުގެ ޢަސްކަރީ އިސް މަސްއޫލުވެރިޔަކު ވިދާޅުވެއްޖެއެވެ.
އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް މަޑުޖައްސާލުމަށް އީރާނުން އެއްބަސްވި ނަމަވެސް، އެމެރިކާއާއި ޔޫރަޕްގެ ފިއްތުންތަކާއެކުވެސް މިސައިލްތައް ނައްތާލުމާ މެދު ވާހަކަދެއްކުމަށް އީރާނުން ދަނީ ދެކޮޅުހަދަމުންނެވެ. ނިއުކްލިއަރ ޕްރޮގްރާމް މަޑުޖައްސާލަން އެއްބަސްވި ނަމަވެސް، އީރާނުން އަބަދުވެސް ބުނަމުން ދަނީ އެޤައުމުގެ ނިއުކްލަރ ޕްރޮގްރާމަކި ސުލްހަވެރި ބޭނުންތަކަށްޓަކައި ހިންގާ ޕްރޮގްރާމެއް ކަމުގައެވެ.
"އީރާނުގެ މިސައިލްތަކާމެދު ވާހަކަތައް ފެށުމަށް އޮތް ޝަރުޠަކީ އެމެރިކާއާއި ޔޫރަޕްގެ ނިއުކްލިއަރ ހަތިޔާރުތަކާއި، ދުރު ރާސްތާގެ މިސައިލްތައް ނައްތާލުމެވެ." އީރާނުގެ ޢަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް މަސްޢޫދު ޖަޒާޔަރީ ވިދާޅުވިކަމަށް އީރާނުގެ ރަސްމީ ނިއުސް އެޖެންސީ އިރްނާ އިން ބުނެފައި ވެއެވެ.
އީރާނުން ބުނަނީ އެޤައުމުގެ މިސައިލް ޕްރޮގްރާމަކީ ދިފާޢީ ޕްރޮގްރާމެއް ކަމުގައެވެ. އަދި އީރާނާ ދެކޮޅަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް 2015 ވަނަ އަހަރު އުވާލުމަށް މަގުފަހިވި، ނިއުކްލިއަރ ޕްރޮގްރާމާ ބެހޭ އެއްބަސްވުުމުގައި މިސައިލް ޕްރޮގްރާމް ނުހިމެނޭ ކަމުގައެވެ.
"އެމެރިކާއިން އިރާނުގެ މިސައިލް ޕްރޮގްރާމާމެދު ކިތަންމެ ނުރުހިފައި ވާހަކަ ދެއްކިޔަސް، އެބައިމީހުން އެދޭ ކަންތައް ދުވަހަކުވެސް ހަގީގަތަކަށް ނުވާނެއެވެ." ޖަޒާޔަރީ ވިދާޅުވިއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.