މިނިވަން ދުވަސް

ފޮޓޯ: ގައުމީ އަރުޝީފު

މި ލިޔުން ނަކަލުކޮށްފައި މި ވަނީ ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ގައުމީ މަޖިލީހުން ޝާއިއުކުރެއްވި "ފަތްތޫރަ" މަޖައްލާގެ 5 ވަނަ އަދަދު (އޮގަސްޓް 1979) ންނެވެ.


"ފަތްތޫރަ" އިގެ މިޢަދަދު ނުކުންނަނީ ދިވެހި ޖައްވުގެ ހުރިހާ ދިމާއަކުން މިނިވަން ކަމުގެ އުފާތައް ފާޅުކުރެވެމުންދާ ދުވަސްވަރެއްގައެވެ. އާދެ! ރާއްޖެއަށް ފުރިހަމަ ގޮތުގައި ސިޔާސީ މިނިވަންކަން ލިބުމުގެ މުނާސަބާ ފާހަގަ ކުރުމާއި ގުޅިގެންނެވެ. ރާއްޖޭގެ ރައްޔިތުންނަށް ޤާނޫނީ ގޮތުން ލިބިދޭ މިނިވަންކަން އެމީހުންނަށް ލިބެމުންދާކަން އިޙްސާސް ވާންފެށި ދަޑިވަޅެއް ގައެވެ. ދުލާއި ގަލަމުގެ މިނިވަންކަން ޚިޔާލާއި ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ލިބެމުންދާ ދުވަސް ވަރެއްގައިވެސް މެއެވެ.

އާދޭހެވެ! މިނިވަންކަމަކީ ކޮންމެ މީހެއްގެވެސް އުފަން ޙައްޤެކެވެ. އެމީހަކު ދުނިޔެއަށް އައީތީ ލިބިފައިވާ ޙައްޤެކެވެ. ވަޔާއިފެން އަދި ކާބޯތަކެއްޗާއި ފާޚާނާ ފަދައިން، އިންސާނުންނަށް ބޭނުން އެއްޗެކެވެ. އާދެ! ދިރިއުޅުމުގެ މިނިވަންކަމެވެ. ކުރިއަށް ދިއުމުގެ މިނިވަންކަމެވެ. އެދޭ ކަންތައްތައް ޙާޞިލްކުރުމުގެ މިނިވަންކަމެވެ. މިހެންގޮސް ކޮންމެ ކަމަކަށްވެސް މިނިވަންކަން ވަނީބޭނުން ވެފައެވެ. އެކަމާ އިންކާރުކުރާ އެކަކުވެސް ނެތެވެ. އަދި އިންކާރު ކުރެވޭނެ މީހަކުނުވެސް އުޅޭނެމެއެވެ.

ނަމަވެސް ސުވާލު އުފެދޭ، ބަހުސް ކުރަންޖެހޭ މައްސަލައަކީ، މިނިވަން ކަމުގެ ދާއިރާއެވެ. މިނިވަންކަން އޮންނަންވީ ޙުދޫދެއް ކަނޑައެޅުމެވެ. މިއީ ވަރަށްގިނަ ބައެއްގެ ނަޒަރިއްޔާގައި ތަފާތު ޚިޔާލުކުރެވޭ ކަމެކެވެ. ބައެއް މީހުންނަށް ފެންނަގޮތުގައި، ކޮންމެ މީހަކުވެސް ފެންނަ އެއްޗެއް ކިޔައި ފެންނަ ގޮތަކަށް އުޅުމަކީ މިނިވަން ކަމެވެ. އެހެން ނޫޅެވިއްޖެނަމަ މިނިވަންކަން ނެތީއެވެ. އަނެއް ބަޔަކަށް ފެންނަގޮތުގައި ކިތަންމެ މިނިވަން މުޖުތަމަޢެއްގައިވެސް ތަބާވާނެ އުޞޫލުތަކެއް އޮންނަން ޖެހެއެވެ. އެއީ ވަކިވަކި މީސްމީހުންގެ ރައްކައުތެރި ކަމަށްޓަކައެވެ. މުޅި ޖަމާޢަތުގެ ސަލާމަތަށްޓަކާމެއެވެ. ކޮންމެއަކަސް މިދެޚިޔާލުގެ މީހުންވެސް އެއްބަސްވާ އެއްޕޮއިންޓެއް އޮވެއެވެ. އާދެ! އެއީ، ކޮންމެ މީހެއްގެވެސް މިނިވަންކަމުގެ ދާއިރާ އެމީހާގެ އަވަށްޓެރިޔާގެ، މިނިވަންކަން ފެށޭހިސާބުން ނިމެންވާނެކަމެވެ. އަދި މިހެން ނުވެއްޖެނަމަ މުޖުތަމަޢުގެ މަޞްލަޙަތު ގެއްލޭގޮތް ވެދާނެއެވެ.

މިނިވަންކަން މިބަހުގެ ޙަޤީޤީ މާނައަށް ވިސްނާލަމާތޯއެވެ. ދިވެހި ބަހުގައި "މިނި" މިބަސް ބޭނުން ކޮށްފައި ވަނީ އިންސާނުންނަށެވެ. މިނިކާ ސޫތްޕަކީ، އިންސާނުން ކައިއުޅޭ، ޖަނަވާރެވެ. މިބަސް އާދެ! "މިނި" ދިވެހިބަހަށް އައިސްފައި އެވަނީ ސިންގަޅަ ބަހުގެ "މިނިއާ" މިބަހުން ކަމަށްވުން އެކަށީގެން ވެއެވެ. "ވަން" މިބަހުގެ މާނައަކީ، ސިފަ ލިބިގެންވުމެވެ. އާދެ! "ރަންވަންލޯ" މިބަހުން އެ ދޭހަކޮށްދެނީ، ރަނުގެ ސިފަލިބިގެންވާ ލޯކަމެވެ. ހަމަ މިފަދައިން "ދެވަންފުރާ" މިބަހުގެ މާނައަށް ވިސްނާލެއްވިއަސް "ވަން" މިބަހުގެ މާނަ ވަޒަން ކުރެއްވޭނެއެވެ. ވީމާ، މިނިވަންކަން މިބަހުގެ މާނައިގައި އެކުލެވިގެންވަނީ އިންސާނެއްގައި ހުންނާންވީ އިންސާނެއްކަން، ނުވަތަ އިންސާނިއްޔަކަން، އާދެ! މީހާވަންތަކަން އެކުލެވިގެން ވުމެވެ. އެއްވެސް ޙާލެއްގައި އިންސާނިއްޔަ ދާއިރާއިން ނެއްޓިގެން ދިއުމަކަށް، މިނިވަންކަމެއް ތަނެއްނުދޭ ނޫންތޯއެވެ.

އިންސާނިއްޔަކަމާއި، އިންސާނެއްގައި ހުންނާންވީ ސިފަތަކާއި، ޙައިވާނުންގައި ހުންނާނޭ ސިފަތަކާއި، އެއީ ވަރަށް ތަފާތު ދެއެއްޗެކެވެ. އޭގެ ތަފްޞީލަށް ދިއުމަކީ، އަޅުގަނޑުގެ މި މަޒުމޫނުގެ މަޤްޞަދެއް ނޫނެވެ.

އާދޭހެވެ! އިންސާނިއްޔަ ސިފަތަކަށް، ބަލާލާއިރު އެންމެ ފުރަތަމަ އިންސާނެއްގެ ޖިސްމާނީ ސިފަތަކަށް ވިސްނާލަމާތޯއެވެ. ބޮޑަށް ވިސްނެވިވަރަކަށް ބޮޑަށް އެނގިވަޑައި ގަންނަވާނީ އިންސާނުންނަށް ދެއްވާފައިވާ ބާރުތަކާއި ޙިއްސުތަކުގެ ވަކި ޙުދޫދެއް ކަނޑައެޅިފައިވާ ކަމެވެ. މިސާލެއްގެ ގޮތުން އެންމެ މުހިއްމު އެއްޙިއްސު ފެނުމަށް ބޭނުންކުރާ ދެލޮލާމެދު ބައްލަވާލައްވާށެވެ. މާދުރުގައި ހުންނަ އެއްޗެތިވެސް އެދެލޮލަށް ފެންނައިރު އަމިއްލަ ހަށިގަނޑުގައި އެދެލޮލަށް ނުފެންނަ ތަންތަން އެބަހުއްޓެވެ. ހަމައެގޮތަށް ތިމާގެ އަމިއްލަ އަތްނުފޯރާ ހިސާބުވެސް ހަމަ އަމިއްލަ ހަށިގަޑުގައި އެބަހުއްޓެވެ. އާދެ! މިއީ އިންސާނުންގެ މިނިވަންކަން ޙައްދުކުރެވިފައިވާ މިންވަރު ވަޒަންކޮށްލުމަށް ވަރަށް އެކަށީގެންވާ މިސާލެކެވެ.

ކަން މިހެންހުރުމާއިއެކު، މިނިވަންކަމުގެ އުފާ ލިބިގަންނަމުން ދާއިރު އެމިނިވަންކަން އަޅުގަނޑުމެންގެ ހަލާކަކަށް ނުވެ، އަޅުގަނޑުމެންގެ ސަލާމަތަކަށް ވާނެގޮތް ބޭނުން ކުރުމާމެދުވެސް ޚިޔާލު ކުރަންޖެހޭނެއެވެ. މިގޮތަށް ބަލާއިރު ކުރީންވެސް ދެންނެވި ފަދައިން އިންސާނިއްޔަ ސިފަތަކުގައި ހިފަހައްޓައިގެން، ތިމާގެ އަވަށްޓެރިޔާގެ މިނިވަންކަމަށް ދަތިނުވާގޮތަށް އުޅެމުންދާނަމަ މިނިވަންކަން އޮންނާނީ އޭގެ ޙައްދުގައެވެ. އާދެ! ކީރިތި ރަސޫލާގެ އިރުޝާދުގައިވެސް ވަނީ أَلْمُسْلِمُ مَنْ سَلِمَ الْمُسْلِمُوْنَ مِنْ لِسَانِهِ وَيَدِهِ  މިހެންނެވެ.

އަޅުގަޑުގެ މަޒުމޫނު ފަށައިގަންނަމުން ދެންނެވި ފަދައިން މިނިވަންކަމަކީ ވަރަށް މަތިވެރި ޙައްޤެކެވެ. ކޮންމެ ޙައްޤަކާއިވެސް ގުޅޭ މަސްއޫލިއްޔަތެއް އޮންނާނެކަން އެއީ، އަނެއްކާވެސް ކޮންމެ މީހަކުވެސް ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެކެވެ. ވުމާއިއެކު މިނިވަން ކަމުގެ މަސްއޫލިއްޔަތު އަދާކުރަން ކެރިގެން މިނިވަންކޮށް އުޅެމުން ގެންދަމާތޯއެވެ. އާދެ! އަމިއްލަ މިނިވަންކަމަށްޓަކައެވެ. އެންމެންގެ މިނިވަންކަމަށްޓަކައެވެ. ޤައުމުގެ މިނިވަން ކަމަށްޓަކައި މެއެވެ.

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.