ރައީސުލްޖުމްހޫރިއްޔާ މާދަމާ ހެނދުނު ގައުމާ މުޚާތަބު ކުރައްވާގޮތަށް ހަމަޖެހިއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މާދަމާ ހެނދުނު ދިވެހި ޤައުމާއި މުޚާޠަބުކުރައްވާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެމަނިކުފާނު ދިވެހި ގައުމާ މުޚާތަބު ކުރައްވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެންނެވެ.

މާދަމާ ހެނދުނު 10:00 ޖަހާއިރު، ރައީސް ސާލިހު ޤައުމާ މުޚާތަބު ކުރެއްވުން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ދިވެހިރާއްޖޭގެ އަޑާއި، ޓެލެވިޜަން މޯލްޑިވްސް އިން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ރަސްމީ ޖަލްސާ އާއި ފުޅަނދުބުރު ވަނީ ކެންސަލް ކޮށްފައެވެ. އެއީ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ.

އެހެންނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00 ގައި ދިދަނެގުމުގެ ރަސްމިއްޔާތާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މިލިޓަރީ ޕެރޭޑާއި ޕްރޮސެޝަން މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެގޮތުން މާލޭގައި ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައި ބާއްވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނައެވެ. ރަށްރަށުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އެރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައެވެ.

ޤައުމީ ދިފާޢީ ބާރުގެ މިލިޓަރީ ޕެރޭޑާއި ޕްރޮސެޝަން އޮންނާނީ މާދަމާ ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުވެރި ކޮށްދެއްވާ މިލިޓަރީ ޕެރޭޑް ފަށާނީ، މާދަމާ ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުންނެވެ.

މި ޕެރޭޑްގައި ޖުމްލަ 4 ތަނެއްގައި ސިފައިންގެ ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. ޕެރޭޑް ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.

މި ޕެރޭޑު ކުރިއަށްދާނީ އަމީރުއަޙްމަދު މަގުން އިރަށްގޮސް ސޯސަންމަގަށް އަޅައިގެން ދެކުނަށްގޮސް، މަޖީދީމަގުން ހުޅަނގަށްގޮސް ރަސްފަންނު ކައިރިން ބޮޑުތަކުރުފާނު މަގުންގޮސް ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.