ގަލްފުގައި ހުޅުވި އިސްރާއީލުގެ ފުރަތަމަ އެމްބަސީ އަބޫދާބީގައި ހުޅުވައިފި

އަބޫދާބީގައި އިސްރާއީލުގެ އެމްބަސީ ހުޅުވަނީ

ޕާޝިޔަން ގަލްފް (އެެރޭބިއަން ގަލްފް) ސަރަހައްދުގައި ހުޅުވި އިސްރާއީލުގެ ފުރަތަމަ އެންބަސީ އިއްޔެ ހުޅުވައިފިއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވެރިރަށް އަބޫދާބީގައި މި އެންބަސީ ހުޅުވީ މިހާރު ޔޫއޭއީއަށް ރަސްމީ ދަތުރެއް ކުރަމުންދާ އިސްރާއީލުުގެ ޚާރިޖީ ވަޒީރު ޔައިރް ލަޕިޑްއެވެ.

"ޔޭއޭއީގެ މިނިސްޓަރ އޮފް ކަލްޗާ އެންޑް ޔޫތުއާއެކު އަބޫދާބީގައި އިސްރާއީލުގެ އެމްބަސީ ހުޅުވަނީ." ވަޒީރާ ނޫރާ އަލްކަޢުބީއާއެކު އިސްރާއީލު އެމްބަސީ ހުޅުވަން ރިބަން ކަނޑާ ފޮޓޯ ޓުވީޓުކުރަމުން ލަޕިޑް ލިޔެފައި ވެއެވެ.

"އިސްރާއީލުން ބޭނުންވަނީ އަވަށްޓެރިންނާއެކު ސުލްހަވެރިކަން. އެ ގައުމުގެ ހުރިހާ އަވަށްޓެރިންނާއެކު. އަހަރުމެން އެހެން އެެއްވެސް ތާކަށް ނުދާނަން. މެދު އިރުމައްޗަކީ އަހަރުމެންގެ ވަޒަން. އަހަރުމެން އަބަދަށް މިތާ ތިބޭނަން. އަހަރުމެން ބޭނުންވަނީ ސަރަަހައްދުގެ ހުރިހާ ގައުމަކުންވެެސް މިކަން ގަބޫލުކޮށް، އަހަރުމެންނާ ވާހަކަދައްކަން އައުން." އެމްބަސީ ހުޅުވުމަށް ފަހު ލަޕިޑް ބުނެފައި ވެއެވެ.  

އެމްބަސީ ހުޅުވުމަށް ފަހު ލަޕިޑް ވަނީ ޔޫއޭއީގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒާޔިދް އާލްނަހްޔާންއާ ބައްދަލުކޮށްފައެވެ.

އިސްރާއީލުގެ ބައެއް ވަޒީރުން މީގެކުރިން ޔޫއޭއީއަށް ދަތުރުކޮށްފައި ވެއެެވެ. އެހެންނަމަވެސް، ޔައިރް ލަޕިޑަކީ ރަސްމީ ދަތުރެއްގައި ޔޫއަޭއީއަށް ދިޔަ އެންމެ މަތީ ފެންވަރުގެ އޮފިޝަލެވެ.

ކުރިން އިސްރާއީލާ ގުޅުން ގާއިމުކޮށްފައިވާ އަރަބި ހަަމައެކަނި ދެގައުމު ކަމަށްވާ މިސްރާއި ޖޯޑަން (އުރްދުން) އިން އިސްރާއީލާއި ގުޅުން ގާއިމުތާ އަހަރުތަކެއް ފަހުން ފާއިތުވި އަހަރު 4 އަރަބި ގައުމަކުން ވަނީ އިސްރާއީލާ ގުޅުން ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި ޔޫއޭއީގެ އިތުރަށް ހިމެނެނީ، ބަހްރޭން، މޮރޮކޯ (މަޣްރިބު) އަދި ސޫދާނެވެ.

މި ހަތަރު ގައުމުގެ ތެެރޭންވެސް ޔޫއޭއީ ފާހަގަކުރެވިފައި ވަނީ އިސްރާއީލާއި ސިޔާސީ އަދި އިގްތިސާދީ ގުޅުން ވަރުގަަދަކުރުމަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައެވެ. ޣައްޒާއަށް އިސްރާއީލުން އުދުވާނީ ހަމަލާ ދެމުން ދިޔައިރުވެސް ޔޫއޭއީގެ ވާހަކަ ހުރީ އިސްރާއީލަށް ތާއީދުކޮށް، ހަމާސް ކުށްވެރިކުރާ ރާގަކަށެވެ. ޔޫއޭއީގެ އިއްތިހާދު އެއާވޭޒްއިން ޓެލްއަވީވަށް ދަތުރު ފަށާފައިވާއިރު، ޔޫއޭއީގެ ވިޔަފާރިވެރިންގެ ވަފުދެއް ވަނީ އިސްރާއީލަށް ޒިޔާރަތްކޮށްފައެވެ.

އިސްރާއީލާއި ޔޫއޭއީން ވަނީ ދެ ގައުުގެ ރައްޔިތުންނަށް ވިސާ ނެތި އެެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވެފައެެވެ. އެހެން ކަމުން މެދުއިރުމަތީގެ ވިޔަފާރީގެ މައި މަރުކަަޒު، ދުބާއީއަށް ޒިޔާރަތްކުރާ އިސްރާއީލު މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.