އިސްރާއީލުގެ ރައީސު ޔޫއޭއީއަށް ކުރާ ދަތުރާ ދިމާކޮށް ޙޫޘިން އެގައުމަށް ހަމަލާދީފި

އިސްރާއީލުގެ ރައީސު ޔިޝަކް ހެރްޒޮގް އަބޫދާބީގެ ވަލީއަހުދާ ބައްދަލުކުރަނީ

ޔަހޫދީ ދައުލަތް އިސްރާއީލުގެ ރައީސު ޔިޝަކް ހެރްޒޮގް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރާ ދަތުރެއްގައި އުޅެނިކޮށް ޔަމަގެ ޙޫޘީ ހަނގުރާމަވެރިން އެގައުމުގެ ވެރިރަށް އަބޫދާބީއަށް ހަމަލީފިއެވެ. އަބޫދާބީއަށް ހަމަލާއެއް އަމާޒުވިކަން ޔޫއޭއީން ވެސް ވަނީ ޔަގީންކޮށްދީފައެވެ. ޔޫއޭއީ ސަރުކާރުން ބުނީ އަބޫދާބީއާ ދިމާއަށް އައި ބެލިސްޓިކް މިސައިލް މަތީގައި ހުއްޓައި އެގައުމުގެ ވައިގެ ދީފާއީ ބާރުން ގޮއްވާލާފައިވާ ކަމުގައެވެ. އަދި ހަލާކުވި މިސައިލްގެ ބައިިތައް މީހުން ދިރިނުއުޅޭ ސަރަހައްދަކަށް ވެއްޓިފައިވާ ކަމުގައެވެ.

އިސްރާއީލުގެ ރަައީސުގެ އޮފީހުން ބުނީ ރައީސު ހެރްޒޮގަށް ޔޫއޭއީ ނުރައްކަލެއް ކުރިމަތި ނުވާކަމުގައެވެ.

ޙޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޔޫއޭއީގެ "އެންމެ އެތެރެއަށް ފުޅާ ދާއިރާއެއްގެ ހަމަލާތަކެއް" ދީފައިވާ ކަމުގައެވެ. އަދި އޭގެ ތަފުސީލު ފަހުން ހާމަކުރާނެ ކަމުގައެވެ.

ޙޫޘީންނަށް ތާއީދުކުރާ އީރާނުގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ޙޫޘިން ދިން މިސައިލް ހަމަލާގެ ސަބަބުން އަބޫދާބީ އެއާޕޯޓުގެ ވައިގެ ދަތުރުތައް މެދުކެނޑުނެެވެ.

މިއީ އިސްރާއީލާ ޔޫއޭއީ ދެމެދު ގުޅުން ގާއިމުކުރި ފަހުން އިސްރާއީލުގެ ރައީސު ޔޫއޭއީއަށް ކުރާ ފުރަަތަމަ ދަތުރެވެ. މި ދަތުރުގައި އަބޫދާބީ ވަލީއަހުދު މުޙައްމަދު ބިން ޒާޔިދުއާ ބައްދަލުކުރުމަށްފަހު އޭނާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މި ދެ ފަރާތް ގުޅިން މުސްތަގުބަލުގައި މަސައްކަތްކުރުމާއި، ފައިދާކުރަނިވި ގުޅުމެއް ދެމެހެއްޓުމާ ބެހޭގޮތުން ވަލީއަހުދާއެކު މަޝްވަރާކުރި ކަމުގައެވެ.

މި ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ވަލީއަހުދު މުޙައްމަދު ބިން ޒާޔިދުވެސް ވަނީ މިމޭރުމުން ވާހަކަފުޅުދައްކަވާފައެވެ.

"އަހަރުމެން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ދެގައުމަށް ލިބޭ ފުރުސަތުގެ ބޭނުން ފައިދާހުރި ގޮތުގައި ހިފުމާ ބެހޭގޮތުން މަޝްވަަރާކޮށްފައި. އަދި އެއްބާރުލުމާއި، އެކުވެރިކަމުގެ ފާލަންތައް ބިނާކުރުމަށް އޮތް ޝައުގުވެރިކަމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައި." ވަލީއަހުދުގެ ޓުވީޓުގައި ވެއެވެ.

2020 ވަނަ އަހަރުގެ ފަހުކޮޅު ސޮއިކުރި 'އިބްރާހީމީ އެކޯޑްސް" އަށްފަހު ޔޫއޭއީ ވެފައިވަނީ އިސްރާއީލާއެކު އެންމެ ގާތް ގުޅުމެއް ބާއްވަމުންދާ އަރަބި ގައުމުކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.