ކޮވިޑް-19: ޗައިނާގައި ޖެހި ވެކްސިންގެ އަދަދު 1 ބިލިއަން ޑޯޒަށް، ބްރެޒިލްގައި މަރުވި މީހުންގެ އަދަދު 5 ލައްކައަށް

ޗައިނާގައި ކޮވިޑް-19 އާ ދެކޮޅަށް ކުރިއަށް ގެންދާ ވެކްސިންޖެހުމުގެ ޕްރޮގްރާމްގެ ދަށުން ވެކްސިންގެ 1 ބިލިއަން ޑޯޒް ޖަހައިިފިކަމަށް އެގައުމުން ބުނެފިއެެވެ. ޗައިނާއިން މިއަދަދު ހާމަކުރިއިރު، އިއްޔެއަކީ ބްރެޒިލްއިން ހިތާމަވެރި އަދަދެއް ހާމަކުރި ދުވަހެކެވެ. އެއީ، އެގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަަދު 5 ލައްކައަށް އެރުމެވެ. މިއީ، އެމެރިކާއަށް ފަހު، ގައުމެއްގައި މަރުވި މީހުންގެ އެންމެ ބޮޑު އަދަދެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުން އަދަދު މިހާރު މިވަނީ 3.8 މިލިއަނަށް އަރާފައެވެ. ގިނަ ގައުމުތަކަކުން އަދިވެސް ބޭނުންވާ އަަދަަދަށް ވެކްސިން ނުދެވިގެން އުޅޭއިރު، ބައެއް ގައުމުތަކުގައި ވެކްސިންގެ ޕްރޮގްރާމް ފުޅާވެ، މީގެ ދުވަސްކޮޅެއް ކުރިން ނުދެވުނު ކިތަންެމެ ލުއިތަކެއް މިހާރު ވަނީ ދޭން ފަށާފައެވެ.

ޗައިނާއި ވެކްސިންގެ 1 ބިލިއަން ޑޯޒް ޖަހާފައިވާކަން ހާމަކޮށްފައި މިވަނީ، ދުނިޔޭގައި ޖެހި ވެކްސިންގެ ޑޯޒްގެ އަދަދު 2.5 ބިލިއަނަށް އަރާފައިވާކަން އޭއެފްޕީން ހުކުރު ދުވަހު ހާމަކޮށްފައި ވަނިކޮށެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޗައިނާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ %40 އަށް މި ޖޫން މަސް ނިމުމުގެ ކުރިން ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރުމުގެ ލަނޑު ދަނޑި ހާސިލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ވެކްސިންޖަހަން މީހުން ޝައުވެރިކުރުމުގެ ގޮތުން ޗައިނާގެ އެކި ކަންކޮޅުތަކުން ދަނީ ވެކްސިން ޖަހާ މީހުންނަށް ހަދިޔާވެސް ދެމުންނެވެ. ބައެއް ޕްރޮވިންސްތަކުން ވެކްސިން ޖެހުމުން ހަދިޔާގެ ގޮތުގައި ކުކުޅު ބިސް ދެމުން ދާއިރު، ވެރިރަށް ބެއިޖިންގގައި ދަނީ ވިޔަފާރިކުރެވޭ ކޫޕަން ދެމުންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ޗައިނާގެ ކާމިޔާބީ ފާހަގަކުރާއިރު، ކޮވިޑް-19 ކޮންޓުރޯލު ކުރުމުގައި ނާކާމިޔާބުވަމުންދާ ގައުމެއްގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ބްރެޒިލެެވެ. ހޮނިހިރު ދުވަހު އެގައުމު ވެގެން ގޮަސްފައި މިވަނީ އެމެރިކާއަށް ފަހު ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ފަސް ލައްކައަށް އެރި ދެވަނަ ގައުމަށްެ ވެފައެެވެ. ގައުމަށް  ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަަރަމުން ދާއިރު، އަދި ބްރެޒިލްގައި ވެކްސިން ދެވިފައި ވަނީ އާބާދީގެ %11 އަށެވެ.

ބްރެޒިލް ރައީސު ޖައިރް ބޮލްސޮނާރޯ މީގެ ކުރިން ވެކްސިނާ ދެކޮަޅަށް އަޑުއުފުއްެލެވި ނަމަވެސް، މިހާރު އޭނާ ވަނީ މިއަހަރު ނިމުމުގެ ކުރިން ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވެކްސިން ޖެހުމަށް ވައުދުވެވަޑައިގެންފައެެވެ. އެހެންނަމަވެސް، މި ލަނޑުދަނޑި ހާސިލުވާނެކަމާމެދު ތަޖުރިބާކާރުން ޝައްކުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.