މަދާމާއިން ފެށިގެން ޗައިނާއިން ބޭރު މީހުންނަށް ވިސާދޫކުރަން ފަށަނީ

ދަތުރުވެރިންތަކެއް ބެއިޖިންގް ކެޕިޓަލް އިންޓަނޭޝަލަން އެއާޕޯޓުގައި

ކޮވިޑް-19 އާއި ގުޅިގެން ޗައިނާއިން ގެންގުޅެމުން އައި ހަރުކަށި 'ޒީރޯ ކޮވިޑް' ސިޔާސަތު ދޫކޮށްލުމަށް ފަހު، އެގައުމަށް ދަތުރުކުރުމަށް އަލުން ވިސާ ދޫކުރަން ނިންމައިފިއެވެ.

އެމެރިކާގައި ހުންނަ ޗައިނާ އެންބަސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ބޭރު ގައުމުތަކުގެ މީހުންނަށް ޗައިނާއަށް ވަނުމަށް ދޫކުރާ ހުރިހާ ބާވަތެއްގެ ވިސާ މާދަމާ، 15 މާރިޗުން ފެށިގެން ދޫކުރަން ފަށާނެއެވެ. މިއީ ކޮވިޑް-19 އަށް ފަހު ދުނިޔެއަށް ޗައިނާ ހުޅުވާލުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

މަދާމާއިން ފެށިގެން އަލަށް ހުށަހަޅާ ފޯމުތައް ބަލައި ވިސާގެ ކަންތައް ހަމަޖެއްސުމުގެ އިތުރަށް، 28 މާރިޗު 2020 ގެ ކުރިން ދޫކޮށްފައިވާ، އެހެންނަމަވެސް އަދި މުއްދަތު ހަމަނުވާ ވިސާވެސް ގަބޭލުކުރާނެކަން ޗައިނާ އެންބަސީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޝެންހާއީ ބަނދަކުރާ ކުރޫޒް ބޯޓުތަކުން ފައިބާ ދަތުރުވެރިންނަށާއި، ހޮންކޮންގާއި މަކާއޯއިއަންނަ ވަކި ބަޔަކަށާއި، އާސިޔާން ގައުމުތަކުން އަންނަ މީހުންނަށް ކުރިއެކޭ އެއްގޮތަށް ވިސާއާއި ނުލައި ޗައިނާއަށް އެތެރުވެވޭނެއެވެ.

ޗައިނާގެ 'ޒީރޯ ކޮވިޑް' ސިޔާސަތުގެ ސަބަބުން އެގައުމުގެ އިގުތިސާދު މަޑުޖެހި، ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ދާދިފަހުން އޮތް އެގައުމުގެ ގައުމީ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މިއަހަރު ޗައިނާގެ އިގުތިސާދަށް 5 އިންސައިތެއްގެ ކުރިއެރުން ހޯދަން މަސައްކަތް ކުރަންޖެހޭކަމުގައި އެގަމުގެ އާ ބޮޑުވަޒީރު ލީ ކިއާންގް ވިދާޅުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ޗައިނާ ދުނިޔެއަށް ހުޅުވާލުމަކީ މިކަމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ގާތްގަނޑަކަށް 3 އަހަރު ދުވަހަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ފާއިތުވި ޖަނަވަރީ މަހުގެ އަށްވަނަ ދުވަހު ޗައިނާއިން ވަނީ ބޭރުން އެގައުމަށް އެތެރެވާ މީހުން ކަރަންޓީނުވާން ޖެހޭނެކަމަށް ބުނާ އުސޫލުވެސް އުވާލާފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން ޗައިނާއަށް ދަތުރުކުރާ މީހުން ހުށަހަޅަން ޖެހޭނީ ރެޕިޑް އެންޓިޖެން ޓެސްޓުގެ ނެގެޓިވް ނަތީޖާއެކެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ބޭރު ދުނިޔެއަށް ޗައިނާ ބަންދުކުރުމުގެ ކުރިން 2019 ވަނަ އަހަރު އެގައަށް 67.5 މިލިއަން މީހުން ޒިޔާރަތްކުރިއެވެ.

ޗައިނާ ސެކިއުރިޓީސް ޖާނަލްއިން ބުނެފައިވާ ގޮތުގައި، މިއަހަރު ތެރޭގެ އެގައުމަށް ދަތުރުކުރާ ފުލައިޓުތަކުގެ އަދަދު ކޮވިޑް-19 ގެ ކުރީގެ އަދަދުގެ 50 ނުވަތަ 60 އިންސައްތަށް އިތުރުވާނެކަމަށް ލަފާކުރެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.