ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަނުންނަށް ހަންގެރީ ބައްޔެއް ނުކުރެވުނު

ޔޫރޯ 2020 ގައި މިރޭ 6 ޖެހިއިރު ހަންގެރީއާއި ފްރާންސް ކުޅުނު މެޗު ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ހަންގެރީ ކުޅެމުން ދިޔައީ ވަރުގަދަ ކުޅުމެކެވެ. ފްރާންސަކީ ދުނިޔޭގެ ޗެމްޕިއަނުންކަން ދަނެގެން މޮޅުވާން ނުވަތަ ބަލިނުވެ ހުިފަހައްޓާން ބޭނުމިއްޔާ ހަރުކަށި އެކަމަކު ހަލުވި ކުޅުމެއް ކުޅެން ޖެހޭނެ ކަމަށް ގަބޫލުކޮށްގެންނެވެ.

ފުރަތަމަ ހާފުގައި އެމްބާޕޭއަށާއި ބެންޒެމާއަށް ލަނޑު ޖަހާނޭ ފުރުސަތު ލިބުނެވެ. އެކަމަކު ކާމިޔާބެއް ނުކުރެވުނެވެ.

ފުރަތަމަ ހާފުގައި ހަންގެރީ ވަރުގަދަ ކުޅުމެއް ކުޅުނު ކަމުގައި ވިޔަސް ބޯޅަ ގިނަ ވަގުތު އޮތީ ހަންގެރީގެ ހާފުގެ ތެރޭގައެވެ. އެމީހުންނަށް ކުރިއަށް އަރައިގެން ދާނޭ މާ ގިނަ ފުރުސަތުތަކެއް ފްރާންސުން ނުދެއެވެ.

ހަންގެރީގެ ލަނޑު ފިއޮލާ ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ގަޑީގައެވެ. މިއީ ފްރާންސް ހައިރާންކޮށްލި ލަނޑެކެވެ. ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ކައުންޓަރ އެޓޭކްގައި ލިބުނު ފުރުސަތެއްގައި ފިއޯލާ ޖެހި ލަނޑެކެވެ.

ދެވަނަ ހާފުގައި އަރައި ފްރާންސުން ކުރިއަށް ސަމާލުކަން ދީގެން ހަމަލާތައް އުފެއްދޭތޯ މަސައްކަތް ކުރާން ފެށްޓިއެވެ. ފްރާންސް އެއްވަރު ކުރި ލަނޑު ޖަހާފައި ވަނީ 66 ވަނަ މިނިޓުގައި ގްރީޒްމަންއެވެ.

މި ލަނޑަށް ފަހު ޓީމަށް ބައެއް ބަދަލު ވެގެނެސް އިތުރު ހަމަލާތަކެއް އުފެއްދޭތޯ ފްރާންސުން މަސައްކަތް ކުރިއެވެ. ފަހު ހާފުގައި ހަންގެރީން ބޮޑަށް ސަމާލުކަން ދިނީ ދިފާއަށެވެ.

މި މެޗަކީ ފްރާންސަށް ކުރިމަތިވީ ލަދެއް ކަމަށް ކޮމެންޓޭޓަރުން ގެންދަނީ ސިފަ ކުރަމުންނެވެ. ހަންގެރީ ވަނީ ދުނިޔޭގެ ޗެމްޕިއަން ޓީމު އަތުން ބަލި ނުވީތީ އެއީ މޮޅުވުމެއް ބަލައި އުފާ ފާޅު ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.