ޔޫރޯ 2020: ފުރަތަމަ މެޗު ގައި އިޓަލީން 3 ލަނޑު 0 ލަނޑުން ތުރުކީ ބަލިކޮށްފި

ޔޫރޯ 2020 ގައި ރޭ ކުޅުނު ފުރުތަމަ މެޗުގައި ތުރުކީއާއެކު ކުޅެ 3 ލަނޑު 0 ލަނޑުން އިޓަލީން ކާމިޔާބު ކޮށްފިއެވެ.

މެޗުގެ ކުޅުން ފެށުނީއްސުރެ ތުރުކީން ކުޅެމުން ގެންދިޔައީ ދިފާއީ ކުޅުމެކެވެ. އިޓަލީން ތުރުކީގެ ދިފާއު ފޫއަޅުލާލަން ކުރަމުން ގެންދިޔަ މަސައްކަތް ނާކާމިޔާބު ކުރުމުގައި ފުރަތަމަ ނިމެންދެން ހިފަހައްޓާއިލިއެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށީގެން އަށް މިނިޓުވީތަނާ އިޓަލީއަށް 1 ލަނޑުގެ ކުރިއެރުމެއް ލިބުނެވެ. އެއީ ތުރުކީގެ ކުޅުންތެރިއަކު ކަމުގައިވާ މަރީހް ޑެމިރަލްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އެ ލަނޑުގައި ތުރުކީގެ ކުޅުންތެރިޔާއަށް ކުރެވޭނޭ މާ ބޮޑުކަމެއްވެސް ނެތެވެ.

ބައިކޮޅަށް ވަން ލަނޑާއެކު ތުރުކީގެ ކުޅުން މުޅިން ރޫޅިގެން ހިނގައްޖެއެވެ. ފުރަތަމަ ހާފުގައި ހިފެހެއްޓި ދިފާއީ ކުޅުން ބަލިކަށި ވެއްޖެއެވެ. އިޓަލީގެ ކުޅުމަށް ގެނައި ބަދަލަކާއެކު ފޯވަޑުލައިން ހަލުއި ވެގެން ދިއުމުގެ ސަބަބުން ތުރުކީއަށް ހިފަހައްޓާލަން އުނދަގޫވާތަން ފެންނާން ފަށައިފިއެވެ. އެޔާއެކު ކުޅުންތެރިން ލޮޑުވެފައި ތިބި ގޮތްވެސް ފެންނާން ފަށައިފިއެވެ. ނަތީޖާއަކީ އިޓަލީން ދެވަނަ ލަނޑު ޖެހުމެވެ. 66 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހީ އިމޮބީލޭއެވެ.

އިޓަލީގެ 3 ވަނަ ލަނޑު ޖެހީ މެޗުގެ 79 ވަނަ މިނިޓުގައެވެ. މި ލަނޑު ޖެހީ އިންސިގްނޭ އެވެ. ތިން ވަނަ ލަނޑަށް ފަހު ތުރުކީން ތަންކޮޅެއް ހިތްވަރާއެކު ކުޅެވޭތޯ ބެލިއެވެ. އެހެންނަމަވެސް ވަރުބަލި ވެފައި ތިބުމުގެ ސަބަބުން ގިނައިން ފެނިގެން ދިޔައީ ކުށް ކުރަމުން ދިޔަ ތަނެވެ.

ލަނޑެއް ޖަހަން ތުރުކީއަށް ލިބުނު ހަމައެކަނި ފުރުސަތަކީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ފުރުސަތެކެވެ. އެކަމަކު އެ ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ. މެޗު ނިމުނީ 3 ލަނޑު 0 ލަނޑުން ބަލިވެގެންނެވެ.

މިއަދު މި މުބާރާތުގެ ތިން މެޗު އޮންނާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ވޭލްސްއާއި ސްވިޓްޒަރލެންޑެވެ. މެޗު ފަށްޓާނީ މާލޭ ގަޑިން އިރުއޮއްސި 6 ޖަހާއިރުއެވެ. ދެވަނަ މެޗު އޮންނާނީ މިރޭ 9 ޖަހާއިރުއެވެ. ބައްދަލު ކުރާނީ ޑެންމާކާއި ފިންލެންޑެވެ. ތިންވަނަ މެޗު އޮންނާނީ މެންދަމު 12 ޖަހާއިރުއެވެ. ބައްދަލު ކުރާނީ ބެލްޖިއަމްއާއި ރަޝިއާއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.