ޔޫރޯ 2020: އާދަޔާ ޚިލާފު ރީތި ލަނޑަކާއެކު ޗެކް ރިޕަބްލިކް މެޗު ކާމިޔާބުކޮށްފި

ޔޫރޯ 2020 ގައި ސްކޮޓްލަންޑާއި ޗެކް ރިޕަބްލިކް ކުޅުނު މެޗު 2 ލަނޑު 0 ލަނޑުން ޗެކް ރިޕަބްލިކް ކާމިޔާބު ކޮށްފިއެވެ.

މިއަދު އިރުއޮއްސި ހައެއް ޖެހި އިރު ފެށުނު މި މެޗަކީ މިހައިތަނަށް މި މުބާރާތުގައި ކުޅުނު އެންމެ ހަލުވި އެއް މެޗެވެ. މެޝު ފެށުނީއްސުރެ ދެ ޓީމުންވެސް ގެންދިޔައީ ވަރުގަދައަށް ހަމާލާގެ ކުޅުމެއް ކުޅެމުންނެވެ. ދެ ޓީމަށްވެސް ލަނޑު ޖަހާނޭ ފުރުސަތު ލިބުނެވެ. ފުރަތަމަ ފަނަރަވަރަކަށް މިނިޓުގެ ތެރޭގައި ދެ ޓީމުން ދެ ސީދާ ހަމަލާ ގޯލަށް ފޮނުވައިލިއެވެ. ދެ ހަމަލާވެސް ގޯލްކީޕަރުން ދިފާއު ކުރީއެވެ.

ފުރަތަމަ ހާފުގެ މެދާ ހަމައަށް ދާންދެން މޮޅަށް ކުޅުނު ކަމަށް ފާހަގަ ކުރެވުނީ ސްކޮޓްލަންޑެވެ. އެކަމަކު މަޑުމަޑުން ގޮސް ޗެކް ރިޕަބްލިކް މެޗުގެ ތެރެއަށް ވަދެ ހަމަލާތައް ވަރުގަދަ ކުރާން ފެށްޓިއެވެ. ޗެކްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 42 ވަނަ މިނިޓުގައެވެ. މިއީ ޕެޓްރިކް ޝިކް ބޮލުން ގޯލުތެރެއަށް ފޮނުވައިލި ވަރަށް ރީތި ބޯޅައެކެވެ.

ފުރަތަމަ ލަނޑަށް ފަހު ސްކޮޓްލަންޑްގެ ކުޅުން ކުރިއަށްވުރެ ހަލުވިވެ ނުރައްކާތެރިވެގެން ދިޔައެވެ. ހަމަލާތައް އުފައްދަން ފެށްޓީ ކުރިއަށް ވުރެ ގިނައިންނެވެ.

ދެވަނަ ލަނޑަކީ ވަރަށް އާދަޔާ ޚިލާފު ލަނޑެކެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައިވެސް މަދުން ނޫނީ ނުފެންނަ ކަހަލަ ރީތި ލަނޑެކެވެ. މި ލަނޑުވެސް ޖެހީ 52 ވަނަ މިނިޓުގައި ޕެޓްރިކް ޝިކެވެ. އޭނާ މެދު ރޮނގަށް ވުރެ ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލީއިރު ސްކޮޓްލަންޑްގެ ގޯލްކީޕަރު ހުރީ އޭރިޢާ ދޫކޮށް ކުރިއަށް އަރައެވެ. ބޯޅަ އޮތީ ޗެކްގެ އޭރިއާ ތެތޭގައި ކަމަށް ވުމާއެކު އެއީ ގޯލްކީޕަރުގެ ކުށެއްވެސް ނޫނެވެ. އެކަމަކު ޕެޓްރިކަށް ގޯލްކީޕަރު ފެނުމާއެކު އޭނާ ވައަތް ފަރާތު އަރިމަތީން ދުވެފައި އަރަމުން ގޯލްކީޕަރުގެ މޯމަތީން ބޯޅް ފޮނުވައިލިއެވެ. އަރިމަތީގައި އޮވެފައި ޖެހި ބޯޅައަކަށް ވާތީ ބޯޅަ ދިޔައީ ވަރަށް ރީތިކޮށް ބުރެކި ވެގެން ގޯލާ ދިމާއަށެވެ. ގޯލްކީޕަރު ދުވެފައި ދިޔަ ނަމަވެސް ބޯޅަ އަތުވާ ގޮތެއް ނުވިއެވެ. އޭނާގެ ބޯމަތިން ގޮސް ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

ދެވަނަ ލަނޑާއެކު ސްކޮޓްލަންޑްގެ ކުޅުންތެރިންގެ ހިތްވަރު ކޮންމެވެސް ވަރަކަށް އެލުނެވެ. އެކަމަކުވެސް މެޗުގެ އެންމެ ފަހު މިނިޓާ ހަމައަށްވެސް ހިތްވަރު ދުލެއް ނުކުރެއެވެ. ޗެކް ރިޕަބްލިކުން ގެންދިޔައީ ކުއްލިއަކަށް ލިބޭ ބޯޅައިން ހަމަލާ ދެމުން ދިފާއަށް ކުޅެމުންނެވެ. ސްކޮޓްލަންޑުންވެސް ހަމަލާތައް އުފައްދަމުން ދިޔައެވެ. އެހެންނަމަވެސް ޗެކްގެ ވަރުގަދަ ދިފާއު ފޫ އަޅުވައިލެވޭ ވަރެއް ނުވިއެވެ.

މިރޭ 9 ޖަހާއިރު އޮންނާނީ ޕޮލަންޑާއި ސްލޮވާކިއާ ކުޅޭ މެޗެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.