ޔޫރޯ 2020: ފިންލެންޑަށް ތާރީޚީ މޮޅެއް

ޔޫރޯ 2020 ގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޑެންމާކާއެކު ކުޅެ 1 ލަނޑު 0 ލަނޑުން ފިންލެންޑް މޮޅުވެއްޖެއެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 44 ވަނަ މިނިޓުގައި ޑެންމާކްގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ވެއްޓުމުގެ ސަބަބުން ދެގަޑިއެއްހައި އިރަށް މެޗު މެދުކަނޑައިލިއެވެ. އޭނާ ހޭނެތިގެން ވެއްޓުނީ އޭނާގެ ކައިރީގައި މީހަކު ނެތީސް އެއްލި ބޯޅައަކަށް ހަރަކާތް ކުރިތަނާއެވެ. އެވަގުތު ކައިރީގައި މީހަކުވެސް ނެތުމާއެކު އަދި ވެއްޓުނު ގޮތަށް އެއްވެސް ހަރަކާތެއް ނެތުިމާވެސް އެކު ބޮޑު ކަމެއް ވެއްޖެކަމުގެ އިހުސާސް ރެފްރީއަށްވެސް ކުރެވިއްޖެއެވެ. ވުމާއެކު އިތުރު ސުވާލެއްވެސް ނުކޮށް ސިއްހީ އެހީތެރިން ދަނޑަށް އަރަން އިޝާރަތް ކުރިއެވެ.

އެރިކްސަން ދަނޑުން ބޭލުމަށް ފަހު ސީޕީއާރް ދިންތަންވެސް ފެނުނެވެ. އެޔާއެކު ޑެންމާކްގެ ކުޅުންތެރިން ކެމެރާތަކަށް ހުރަސް އެޅުމުގެ ގޮތުން ސަފަކަށް އެތުރުމުގެ ސަބަބުން އެރިކްސަނަށް ދެމުން ދިޔަ ފަރުވާ ރަނގަޅަށް ކެމެރާ ކުރެވޭ ގޮތެއް ނުވިއެވެ. ދެން ފެނުނީ އޭނާ ދަނޑުން ބޭރަށް ގެންދިޔަ ތަނެވެ. އެޔާއެކު މެޗުވެސް މެދުކަނޑައިލީއެވެ. ފަހުން އެނގުނު ގޮތުގައި އެރރިކްސަންގެ ހާލު ރަނގަޅެވެ. އޭނާ އޮތީ ހޮސްޕިޓަލުގައެވެ.

މެޗުގެ ބާކީ އޮތްބައި ކުޅެން ޔުއޭފާއިން ނިންމީ ދެ ޓީމާ މަޝްވަރާކޮށްފައެވެ. ހޮސްޕިޓަލުގައި އޮވެގެން އެރިކްސަންވެސް އެދިފައި ވަނީ މެޗު ކުރިއަށް ގެންދާށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޑެންމާކުން މޮޅު ކުޅުމެއް ދެއްކިއެވެ. ފަހު ހާފުގައިވެސް ޑެންމާކްގެ ކުޅުން ރަނގަޅެވެ. އެހެންނަމަވެސް ފިންލެންޑްގެ ވަރުގަދަ ޑިފެންސް ފޫއަޅުވައިލެވޭ ގޮތެއް ނުވިއެވެ.

ފިންލެންޑުން ލަނޑެއް ޖެހި ނަމަވެސް ޑެންމާކުން ރަނގަޅަށް ކުޅުނެވެ. އެކަމަކު ނަސީބު ދެރަކަމުން ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. 74 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީވެސް ކާމިޔާބެއް ނުކުރެވުނެވެ.

މިއީ މި ފެންވަރުގެ މުބާރާތެއްގައި ފިންލެންޑް ކުޅުނު ފުރަތަމަ ފަހަރެވެ. މެޗުން މޮޅުވި ނަމަވެސް ފިންލެންޑުން އުފާ ފާޅެއް ނުކުރެއެވެ. އެއީ ޑެންމާކްގެ އެރިކްސަނަށް މެދުވެރިވީ ހިތާމަވެރި ހާދިސާގެ ސަބަބުންނެވެ. އެރިކްސަބނަކީ ޑެންމާކުގައި މިހައިތަނަށް އުފެދުނު އެންމެ މޮޅު ފުޓުބޯޅަކުޅުންތެރިޔާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.